އެމްޑީޕީއަށް ފާޑު ވިދާޅުވުމަށް ފަހު އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވި އަހުމަދު އަކުރަމް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެންބަރުކަމަށް ހަމަޖައްސަން ރައީސް މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.
އެމްޑީޕީ އިން ވަކިވެ، ޕީޕީއެމްއާ ދާދި ފަހުން ގުޅިވަޑައިގަތް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަކުރަމްގެ ނަން, މިއަދު މަޖިލީހަށް ހުށަހެޅުމުން، ރިޔާސަތުން ނިންމީ އެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށެވެ. އަކުރަމް އިލެކްޝަންސަށް ހަމަޖައްސަން ފެނޭތޯ ނިންމާނީ އެ ކޮމިޓީން އެ ނަން ދިރާސާ ކޮށް މަޖިލީހަށް ހުށަހަޅައި ވޯޓަށް އަހައިގެންނެވެ.
އަކުރަމް އެމްޑީޕީގެ ޑީއެސްސީކަމުން ވަކިވެ ވަޑައިގަތީ އެ ޕާޓީގެ ތެރޭގައި ވަކި އާއިލާއެއްގެ ނުފޫޒު ގަދަވެ، އޭނާގެ ޒިންމާ އަދާ ކުރުމަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވިދާޅުވެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަނީ، އެ ކޮމިޝަންގައި މެންބަރެއްގެ މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހަމަވެފައި ވާތީ އެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވާ ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އިސްމާއީލް ހަބީބާއި އަދި މެމްބަރު މުހައްމަދު ޝަކީލެވެ.