ރާއްޖެ ކުޅިވަރު

ސެމީއަށް ނިކުންނައިރު، ލީގްގައި މާޒިޔާ ބަލިކުރެވުން ބޮޑު ހިތްވަރެއް: ޓީސީ ކޯޗް

ޔޫތު ޗެމްޕިއަންޝިޕްގެ ތިން ވަނަ ސެމީ ފައިނަލް މެޗްގައި މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ލީގްގައި އެންމެ ފަހުން ޓީސީއިން މާޒިޔާ ބަލި ކުރެވިފައިވައިވުމަކީ ޓީސީގެ ޒުވާން ޓީމަށް އޮތް ބޮޑު ހިތްވަރެއް ކަމަށް ޓީސީގެ ޒުވާން ޓީމުގެ ކޯޗް އަހްމަދު އަހްސަން (ބަރޯ) ބުނެފިއެވެ.

މިއަދު ހަވީރު ކުޅޭ މެޗާ ބެހޭގޮތުން، ބަރޯ ބުނީ "ޓީސީގެ ސީނިއާ ޓީމުގައިވެސް އެބަތިބި ޒުވާން ޓީމުގެ ކުޅުންތެރިން އެކުޅުންތެރިންގެ މަސައްކަތުން މާޒިޔާގެ ސީނިއާ ޓީމު ބަލިކުރެވުން ޓީސީއަށް ބޮޑު ހިތްވަރެއް ލިބިއްޖެ،" ކަމަށެވެ.

މިއަދުގެ މެޗްގައި އެންމެ ފަހުން މެޗްގައި މާޒިޔާއާ ދެކޮޅަށް ލަނޑުޖެހި ނާއިޒު ހަސަން (ދާދު) ފުރަތަމަ 11 ގައި ކުޅެން ނެރޭނެ ކަމަށް ބަރޯ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ސެމީފައިނަލް މެޗްގައި އީގަލްސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ނަމަވެސް، މި މެޗްގައި އެ ޕްރެޝަރެއް ކުޅުންތެރިންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.

"އީގަލްސް ކުރީ ކޮޅު ލިޑް ނެގި ނަމަވެސް ޓިސީއަށް މެޗްގެ ނަތީޖާ އެއްވަރު ކުރެވުނީ އެންމެ ފަހު ވަގުތު. ދެން ޕެނަލްޓީ އަކީ ފިފްޓީ ފިފްޓީ ބަލިވެސް ވެދާނެ މޮޅުވެސް ވެދާނެ. އެހެންވެ އެކަމުގެ އަސަރެއް މިމެޗްގައި ނުކުރާނެ."

މިއަދުގެ މެޗުން މޮޅުވާ ޓީމެއް ޖެހޭނީ ފައިނަލްގައި އީގަލްސްއާ ވާދަ ކުރާށެވެ. ފައިނަލް މެޗް އޮންނާނީ މި އަންނަ އާދިއްތަ ދުވަހުއެވެ.