ރާއްޖެ ކުޅިވަރު

ޓީސީގެ ބަލިފައި އެނގޭ، ބަލިކުރެވޭނެ: މާޒިޔާ ކޯޗް

ޓީސީގެ ބަލިފައިތައް އެނގޭ ކަމަށާއި، ޕްލޭނަށް މަސައްކަތް ކޮށްފިނަމަ އެ ޓީމު ބަލި ކުރެވޭނެ ކަމަށް، ޔޫތު ޗެމްޕިއަންޝިޕްގެ ތިން ވަނަ ސެމީފައިނަލް މެޗްގައި މިއަދު ޓީސީއާ ދެކޮޅަށް ނިކުންނަ މާޒިޔާގެ ޒުވާން ޓީމުގެ ކޯޗް އަހްމަދު ސުވެއިދު (ސުވޭޓޯ) ބުނެފި އެވެ.

މިއަދުގެ މެޗާ ބެހޭ ގޮތުން އަވަސްއާ ވާހަކަ ދައްކަމުން ސުވޭޓޯ ބުނީ ޓީސީ ވަރަށް ވަރުގަދަ ކަމަށާއި ނަމަވެސް ސެމީ ފައިނަލެއްގައި މާޒިޔާގެ ކުޅުންތެރިންވެސް މެޗަށް ދޭ ސަމާލުކަން ބޮޑުވާނެ ކަމަށެވެ. ގުރޫޕް ސްޓޭޖްގައި މާޒިޔާ ވަނީ ޓީސީ އަތުން ބަލިވެފަ އެވެ.

"ގުރޫޕް ސްޓޭޖްގެ މެޗާއި ސެމީފައިނަލް މެޗާވެސް ތަފާތު. ސެމީ ފައިނަލެއް ވިމަ މާޒިޔާގެ ކުޅުންތެރިން ވެސް މެޗަށް ފޯކަސް ކުރާ ވަރު ބޮޑުވާނެ،" ސުވޭޓޯ ބުންޏެވެ.

އޭނާ ބުނީ ސަސްޕެންޝަންގެ ސަބަބުން، ސެމީ ފައިނަލް ދެ ވަނަ މެޗްގައި ވެލެންސިއާއާ ދެކޮޅަށް ނުކުޅެވުނު ޓީމުގެ މުހިންމު ދެ ކުޅުންތެރިން މެޗްގައި ފެނިގެންދާނެ ކަމަށާއި އެއީވެސް ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އަނިޔާގައި ގިނަ ދުވަސްތަކެއްގައި ހުރުމަށްފަހު ޓީސީގެ ގައުމީ ޓީމުގެ ފޯވަޑް ނާއިޒު ހަސަން (ދާދު) މިއަދުގެ މެޗްގައި ފުރަތަމަ 11 ގައި ކުޅެން ނެރޭނެ ކަމަށް ޓީސީއިން ވަނީ ބުނެފަ އެވެ.

ނަމަވެސް ސުވޭޓޯ ބުނީ ދާދު ހުއްޓުވާނެ ފޯމިއުލާ މާޒިޔާއަށް އެނގޭ ކަމަށާއި އެހެން ނަމަވެސް ދާދު އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

"މާޒިޔާގެ ސަމޫހަކީ ދާދު އާއެކު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިޔެއް. ގިނަ ޕްރެކްޓިސް ތަކެއްވެސް އެކުގައި ކޮށްފަ ދެއްތޯ ހުންނާނީ، ސަމޫހްއަށް އެނގޭނެ ދާދު ހުއްޓުވާނެ ފޯމިއުލާއަކީ ކޮބައިކަން،" ސުވޭޓޯ ބުންޏެވެ.