ހަބަރު

ފެނަކައިގެ ޗެއާމަނަކަށް އިގްބާލް

Oct 19, 2016

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ޑެޕިއުޓީ، އެސްޖީއަކަށް ހަމަޖެއްސި، އިގްބާލް އާދަމް ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ހަމަޖެއްސި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑްގެ ރައީސް، މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓަކުން އެކަން ވަނީ ޔަގީންކޮށްދެއްވައިފަ އެވެ. ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި، ޔުމްނާ މައުމޫންގެ ފިރިކަލުން، މުހައްމަދު ނަދީމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ މެނޭޖްމަންޓުން ބޯޑުގެ ނިންމުންތަކަށް ތަބާނުވާ ކަަމަށް ވިދާޅުވެ ޝަކުވާ ކުރައްވަމުންނެވެ.

މިއަދު އެ މަގާމަށް ހަމަޖެއްސެވި އިގްބާލް އަކީ، މީގެ ކުރިން އެމްޓީސީގެ ޗެއާމަން ކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖްމަންޓްގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ހުޅުމާލެ ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ވެސް އިގްބާލް މަސައްކަތް ކުރެއްވި އެވެ.

މިފަހުން ފެނަކައިގެ އެމްޑީ އަކަށް ހުންނެވި، މުހައްމަދު ނިމާލް ވަނީ އެ މަގާމުން ވަކި ކުރައްވައި، އެ މަގާމަށް ހަމަޖައްސާފައި ވަނީ އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި، އަހުމަދު ޝަރީފް އާދަމް އެވެ.