ހަބަރު

ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކޮށްފި

Oct 19, 2016
3
  • އެ ނިންމުމަށް 39 މެންބަރަކު ތާއީދުކުރެއްވި
  • ދެކޮޅަށް 18 މެންބަރުން ވޯޓުދެއްވި
  • ވަކިވާ މައިގަނޑު ސަބަބަކަށް ދާހިލީ ކަންކަމާ ބެހުން

ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފި އެވެ. އެ ނިންމުމަށް ތާއީދު ކުރެއްވީ 39 މެންބަރުންނެވެ.

މަޖިލީހުގައި މިއަދުގެ ނެގި ވޯޓްގެ ތަފްސީލަށް ބަލާއިރު، ކޮމަންވެލްތުން ވަކިވުމަށް ފާސްވީ، ވޯޓްގައި ބައިވެރިވި، ޖުމްލަ 58 މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ޖަމިއްޔާއިން ވަކިވާން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.

ކޮމަންވެލްތުގައި ރާއްޖެ އޮތުމާ މެދު މަޖިލީޙުގެ ލަފަޔަކަށް އެދިވަޑައިގަތް މައްސަލައިގައި ތަޅުމުގައި ބަހުސް ކުރުމަށް ފަހު، ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމުން، ކޮމެޓީން ނިންމީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވާތީ ރާއްޖެ ކޮމަންވެލްތްގެ މެންބަރު ކަމުން ވަކި ވުމަށެވެ.

އިދިކޮޅު މެންބަރުން ވަނީ މި ނިންމުމާ މެދު އިންތިހާއަށް ދެކޮޅު ހަދައިފަ އެވެ.