ރާއްޖެ ކުޅިވަރު

ދިވެހި އެތުލީޓުން ތަމްރީން ކުރަން ޖަޕާނުން އެހީ ވަނީ

ޖަޕާނުގެ ޓޯކިޔޯގައި 2020 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަ ކުރާނެ އެތުލީޓުން ތަމްރީން ކުރަން ޖަޕާނުން އެހީވުމަށް ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއެކު ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު ކަޒުމީ އެންޑޯ ވިދާޅުވީ ކުރިމަގުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ޖަޕާނާއި ރާއްޖެ އާއި ދެމެދު މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ފަށާފައިވާ މަސައްކަތައް ޖަޕާނުން އެހީތެރިވެވޭނެ ދާއިރާތައް ދެނެގަނެ، ޖަޕާނުން އެކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

މިހާރުވެސް ޖަޕާނުގެ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ރާއްޖޭގެ އެކި ކުޅިވަރުތަކަށް ކޯޗުން ތަމްރީން ކުރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްއަށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ އެތުލީޓުން ތައްޔާރު ކުރުމަށް ޖަޕާނުގައި މާދަމާ ފަށާ ދުނިޔޭގެ ސްޕޯޓްސް އެންޑް ކަލްޗާ ފޯރަމްގެ ތެރެއިން ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި ސަރުކާރުގެ އަމާޒަކީ ދެން އޮންނަ އޮލިމްޕިކްސްގައި ބައިވެރިވާއިރު ދިވެހިރާއްޖޭގެ ނެޝަނަލް ޓީމުތަކުން ކުޅުންތެރިންތަކެއް ބިނާކޮށް، އެކުޅުންތެރިންނަށް ޓްރެއިނިން ހަމަޖައްސައިދިނުން، ދެން މިކަމުގައި ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މި މިނިސްޓރީއާއެކު މި މަސައްކަތް ކުރައްވަނީ އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މީ ވަރަށް މުހިންމު އެލެމެންޓެއް ހެން. އަދި އެހެން ކުޅިވަރުތަކުގައި ދަތިވާ ކަންކަމަށް ބަލާލިއރު ކޯޗުންނާއި ރެފްރިންނާއި ޓްރޭން ކުރާނެ ޓްރެއިނިން ގުރައުންޑެއް ބޭނުންވާ ވާހަކަ ވިދާޅުވެފައި ވާތީ އެކަންކަމަށްވެސް ބަލަމުން މިދަނީ" ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.