ރާއްޖެ ކުޅިވަރު

އެސްޓީއޯ ބަށި މުބާރާތުގައި ބައިވެރިވުން މިމަހުގެ ނިޔަލަށް

Oct 19, 2016

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށިބޯޅަ މުބާރާތުގައި ބައިވުރިވުމުގެ ފުރުސަތު މި މަހުގެ 31 ނިޔަލަށް ހުޅުވާލައިފި އެވެ.

ނެޝަނަލް ބަށިބޯލް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އެސްޓީއޯއިން ބާއްވާ މި މުބާރަތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އަދި އަގުބޮޑު ބަށިމުބާރާތެވެ. ދެ ލައްކަ ރުފިޔާގެ އަގުބޮޑު ބަށި މުބާރާތުގެ ވޭތުދިޔަ ހަތަރު އަހަރުގެ ޗެމްޕިއަންއަކީ ފ. ފީއަލީ ޒުވާނުންގެ އެކުވެރި ކުލަބެވެ.

މިފަހަރުވެސް ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ދިނުމަށް އެސްޓީއޯ އިން ވަނީ ހުށަހަޅާފައެވެ. އަދި ރަނަރަފު ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނަމު ދޭނެއެވެ. ތިން ވަނަ ޓީމަށް 25،000 ރުފިޔާއެވެ. ފެއާޕްލޭ ޓީމަށް 10،000 ރުފިޔާ އެވެ. މިދިޔަ އހަރު މި މުބާރާތުގައި ވާދަ ކުރީ 21 ޓީމެވެ.

ބަށިބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 31 ވަަނަ ދުވަހުގެ ރޭގަނޑު 10 ޖެހުމާ ހަމަޔަށެވެ.

"ވަރަށް ގިނަ ޓީމުތަކުން މިފަހަރުވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ގިނަ ޓީމުތަކުން ފޯމު އެސްޓީއޯގެ ހޯމް އިމްޕްރޫވްމެންޓް ފިހާއިންވެސް ގެންދެވި. 31 ވަަނަ ދުވަހުގެ ރޭގަނޑު 10 ޖެހުމާ ހަމަޔަށް ހުށަހެޅޭ ފޯމްތަކަށް ޓިމުތައް އަޅުގަނޑުމެން ބައިވެރި ކުރާނަން" އެސްޓީއޯގެ ބްރޭންޑިން މެނޭޖާ އާމިނަތު ޝުރުފާ ވިދާޅުވިއެވެ.

އެސްޓީއޯގެ ވެބްސައިޓުންނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި ނެޝަނަލް ބަށިބޯޅަ ފައުންޑޭޝަނުން ވެސް މުބާރާތުގެ ބައިވެރިވުމުގެ ފޯމް ލިބޭނެ އިންތިޒާމް ވަނި ހަމަޖައްސާފަ އެވެ.