ރާއްޖެ ކުޅިވަރު

މާޒިޔާ ބަލިކޮށް ޓީސީ ފައިނަލަށް

Oct 19, 2016

ތިން ވަނަ ސެމީ ފައިނަލް މެޗްގައި މާޒިޔާގެ މައްޗަށް 3-1 ނަތީޖާއިން ކުރި ހޯދައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް ޓީސީ ސްޕޯޓްސް ކުލަބު ދަތުރުކޮށްފި އެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗްގައި ޓީސީ ވާދަ ކުރާނީ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ޕެނަލްޓީ ޖަހައިގެން ޓީސީ އަތުން މޮޅުވި އީގަލްސްއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗްގައި ޓީސީ މެޗް ކާމިޔާބު ކުރީ މާޒިޔާއިން ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މާޒިޔާގެ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މުހައްމަދު އިމްޝާދުއެވެ. ޓީސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިބްރާހިމް ވަހީދު ހަސަން އެވެ.

ޓީސީއަށް މެޗްގެ ލީޑް ނަގައިދިނީ ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓް ތެރޭގައި އަކުމަލް މުހައްމަދެވެ. އެޓީމުގެ ތިން ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ އަލީ ހާފިޒުއެވެ.