ހަބަރު

އުރީދޫން މަސްވެރިންނަށް މޮބައިލް ސެޓަލައިޓް ހިދުމަތް ދެނީ

Oct 19, 2016

މަސްވެރިކަން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މޯބައިލް ސެޓަލައިޓް ހިދުމަތް (އެމްއެމްއެސް) ފޯރުކޮށްދޭން އެމްއެމްއެސްގެ ހިދުމަތް ފޯރުކޮށްދޭ ތުރާޔާ ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ އާއެކު އުރީދޫ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި މަސްވެރިންނަށް ހާއްސަކޮށްގެން، ތުރާޔާގެ ސެޓަލައިޓް ނެޓްވޯކް މެދުވެރިކޮށް ބޭނުންކުރެވޭނެ ވޮއިސް ޕްރޮޑަކްޓްސް އަދި ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި މަސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ މަސްދޯންޏެއްގައި ވެސް ސެޓަލައިޓްގެ ހިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ހުރުން ލާޒިމް ކުރެވިފައިވާތީ މަސްވެރިންނަށް ހެޔޮއަގެއްގައި، ފެންވަރު ރަނގަޅު ސެޓަލައިޓް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އުރީދޫއިން ބުނީ މި ޕޮލިސީ އަކީ، ދުނިޔޭގެ އެކިހިސާބުތަކުގައިވެސް މަސްވެރިކަން ބަލަހައްޓާ މައި އިދާރާތަކުން ގެންގުޅެމުންދާ އުސޫލެއް ކަމަށާއި މަސްވެރިންގެ އުޅަނދުތަކުގައި ތުރާޔާގެ ސެޓަލައިޓް ހިދުމަތްތައް ބޭނުންކުރުމާއި އެކު، އާއްމު ހާލަތްތަކުގެ އިތުރުން ނުރައްކާތެރި ހާލަތްތަކުގައިވެސް މަސްވެރިންނަށް އެތައް ބޭނުމެއް ފުއްދައިދޭ މޮނީޓަރިންގް ސިސްޓަމްތަކާއި ޕްރޮޑަކްޓްތަކެއް ލިބިގެންދާނެ ޕޮލިސީއެއް ކަމަށެވެ.

މިއަދުން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުންނާއި، އުރީދޫގެ އެންޓަޕްރައިޒް ޓީމް މެދުވެރިކޮށް، ތުރާޔާގެ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސްތައް ލިބެން ހުންނާނެ އެވެ. އުރީދޫއިން ބުނީ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް އަކީ ސްމާޓްފޯނުތައް ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްލަދޭ އެޑެޕްޓަރުތަކެއް ކަމަށާއި މި ޑިވައިސްތައް މެދުވެރިކޮށް އަވަސް އަދި ފަސޭހަ ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ހާއްސަގޮތެއްގައި ނެޓްވޯކް ލިބެން އުނދަގޫ ހިސާބުތަކުގައި ބޭނުންތެރި ވަސީލަތްތަކަށް ވާނެ ކަމަށެވެ. މި ވަސީލަތްތައް މެދުވެރިކޮށް ވޮއިސް ކޯލް، އެސްއެމްއެސް، އީމެއިލް، އަދި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ކަމަށާއި މި ދެ އެޑެޕްޓަރުގައިވެސް ވެސް ސްމާޓްފޯނެއްގެ އެހީ އާއި ނުލާ ބޭނުންކުރެވޭ ސަލާމަތީ (އެސްއޯއެސް) ފީޗާ ހިމެނޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ތުރާޔާގެ ޗީފް ކޮމާޝަލް އޮފިސާ ބިލާލް އަލް ހަމޫއީ ވިދާޅުވީ މަސްވެރިކަމަކީ ބައެއް ފަހަރު ނުރައްކާތެރި ހާލަތްތަކާއި ކުރިމަތިލާންޖެހޭ މަސައްކަތަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މި ދާއިރާގައި މަސައްކަތްކުރާ އިރު މުހިންމު ކަމެއް ކަމަށެވެ. ދާދި ފަހަކާ ޖެހެންދެން، ގިނަ މަސްވެރިންނަށް، ސެޓަލައިޓް މެދުވެރިކޮށް މުވާސަލާތު ކުރެވޭ ވަސީލަތްތައް ފަސޭހައިން ލިބިގަނެ ބޭނުންކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

"ތުރާޔާ އިން ފޯރުކޮށްދެނީ އަންލިމިޓެޑް ޑޭޓާ ޕްލޭންތަކާއި، ހަލުވި ސްޕީޑެއްގައި، ފެންވަރު ރަނގަޅު ނެޓްވާރކެއްގައި ފަސޭހަކަމާއި އެކު ބޭނުންކުރެވޭ ވަސީލަތްތަކެއް. އާންމުކޮށް މުވާސަލާތުކުރުމަށް ކުރާ ހޭދަ، ނިސްބަތުން %40 އަށް ތުރާޔާ އިން ދަށްކޮށްލަދޭނެ. ފަސޭހައިން ހެޔޮ އަގެއްގައި ލިބޭ ޓެކްނޮލޮޖީގެ ސަބަބުން، އެންމެ ކުދި ދޯނިފަހަރުގައިވެސް މަސްވެރިންނަށް ފަސޭހަކަމާއި އެކު ވަޒީފާ އަދާކޮށް، މުވާސަލާތުކޮށް އުޅެވޭނެ. ތުރާޔާގެ މަގްސަދަކީ ދިރިއުޅުން އިތުރަށް ކުރިއަރުވައިދީ، މީހުންގެ ފުރާނަ ރައްކާތެރި ކޮށްދިނުން. މި އެއްބަސްވުމުގެ ސަބަބުން އެތައް މަސްވެރިންނަކަށް، ބޭނުންވާ ވަގުތު، ބޭނުން ތަނަކު ހުރެގެން މުވާސަލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެ." ހަމޫއީ ވިދާޅުވިއެވެ.

"މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިންމު، އަދި ގިނަ ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ މަސައްކަތެއް. ހަމައެއާއި އެކު މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ދާއިރާ. ގަދަ ކަނޑުގައި ތަފާތު ހާލަތްތަކާއި ކުރިމަތިލާންޖެހޭއިރު، މަސްވެރިންގެ ރައްކާތެރިކަމަކީ މިދާއިރާގައި ވިސްނަންޖެހޭނެ ކަމެއް. މިގޮތުން، ނުރައްކާތެރި ހާލަތަކާއި ދިމާވާ ހިނދު، އެހީތެރިކަން ހޯދުމަށްޓަކައި ރޭޑިއޯގެ އިތުރުން ބޭނުންކުރެވޭ ވަސީލަތެއް ގެންގުޅުން މުހިންމު. އުރީދޫ އިން ތައާރަފްކޮށްފައިވާ ތުރާޔާގެ މޮބައިލް ސެޓަލައިޓްގެ ޚިދުމަތް މެދުވެރިކޮށް، އަޅުގަނޑުމެންގެ ކަވަރޭޖް އާއި ހިދުމަތްތައް މަސްވެރިކަމުގެ ދާއިރާއަށްވެސް ފޯރުކޮށްދެވޭ." އުރީދޫގެ ހެޑް އޮފް ސޭލްސް، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދާނީ މިއަހަރުގެ ފަހުކޮޅުކަމަށާއި މި ފިޔަވެހި އަމާޒުކޮށްފައިވަނީ ރާއްޖޭގެ
އެކިކަންކޮޅުތަކުގައިވާ 105 އަށް ވުރެ ގިނަ ރިސޯޓުތަކަށް ކަމަށެވެ.