ރާއްޖެ ކުޅިވަރު

ދެ ވަނަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒެފްރޯލް އަށް

Oct 19, 2016

އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗްގައި ދަ ގޭންގްގެ މައްޗަށް 1-0 ނަތީޖާއިން ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލަށް ޒެފްރޯލް ދަތުރު ކޮށްފި އެވެ.

ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހްމަދު މުހައްމަދު (އައްމަޑޭ) ގެ ކޯޗް ކަމުގެ ދަށުން ނިކުތް ޒެފްރޯލުން، ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދެ ވަނަ ޑިވީޝަނުން ޖާގަ ހޯދި ވަރުގަދަ ދަ ގޭންގް ކޮޅަށް ލަނޑު ޖެހީ މެޗްގެ އެންމެ ފަހު ވަގުތުގައި މުހައްމަދު ނައުޝާދެވެ.

ދަ ގޭންގް ސެމީ ފައިނަލަށް ދިޔައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.

ފައިނަލްގެ ފަހު ޖާގަ ހޯދަން މާދަމާ ނިކުންނާނީ ގުރޫޕް ބީ ގެ އެއްވަނަ ޓީމު ގްރީން ސްޓްރީޓާއި ގުރޫޕް އޭގެ ދެ ވަނަ ޓީމު މަހިބަދޫ ސްޕޯޓްސްއެވެ. އެ ދެ ޓީމު ބައްދަލު ކުރާ ސެމީ ފައިނަލް ދެ ވަނަ މެޗް އޮންނާނީ މާދަމާ ހަވީރު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައެވެ. މަހިބަދޫ ވަނީ ވޭތު ވެދިޔަ ދެ އަހަރު ފުރަތަމަ ޑިވިޝަންގައި ކުޅެފައެވެ. އެޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީ މިދިޔަ އހަރު ލީގްގެ ފުލަށް ދިއުމުންނެވެ.