އަންނަ އަހަރުގެ އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 45 މިލިއަން ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީ އިން ނިންމި ގޮތަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި 45 މިލިއަން ރުފިޔާ ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 53 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހަ މެމްބަރުން ދެކޮޅަށް ވޯޓު ދިން އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހުރީ އެންމެ މެންބަރެކެެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އިއްޔެ ބައްދަލުވުމުގައި އޮޑީޓާ ޖެނެރަލް އޮފީހުގެ ބަޖެޓާ ގުޅޭގޮތުން އޮޑީޓާ ޖެނެރަލްގެ އޮފީހުގެ އިސްވެރިން އަދި ފިނޭންސް މިނިސްޓަރުވަނީ ކޮމެޓީއަށް ހާޒިރުކޮށް ބަޖެޓާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުންވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި 45 މިލިއަން ރުފިޔާ ކޮމެޓީއަށް ހާޒިރުވެ ތިބި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވީ އޮޑިޓު އޮފީހަށް ދެވޭނީ 42 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކޮށް ނެރެފައިވާ ކޮމެޓީ ރިޕޯޓުގައި ވަނީ އޮޑިޓް އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ އަދަދެއް މާލިއްޔަތު ކޮމެޓީއާ މަޝްވަރާ ކުރުމަށްފަހު، ކޮންޓިންޖެންސީ ބަޖެޓުން އެ އޮފީހަށް ދެވިދާނެ ކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާ ވަރުގެ ބަޖެޓެއް ހޯދަން މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ. އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓު ބޮޑުވަމުން އަންނަ އިރު އޮޑިޓް އޮފީހުގެ މަސައްކަތްތައްވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާއިތުވެދިޔަ ހައެއްކަ އަހަރުވެސް އޮޑިޓް އޮފީހުގެ ބަޖެޓު އޮތީ އެމީހުން ބޭނުންވާ ވަރަށް ބޮޑުކޮށް ނުދެވި. އެކަމުގެ ސަބަބުން އެމީހުންގެ މަސައްކަތްތަކަށް ބުރޫ އަރާނެ. ސަރުކާރުގެ އެހެން އޮފީސްތަކާއި އެއް ވަރަކަށް ނޫން އޮޑިޓް އޮފީހަށް ބަޖެޓު ދޫކުރަން ޖެހޭނީ. އެއަށްވުރެ އޮޑިޓް އޮފީހުގެ ބަޖެޓު ބޮޑުވާނެ. ގައުމުގައި ހިނގަމުންދާ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލެނީ އޭރަށް" އަބްދުލް ގަފޫރު ވިދާޅުވި އެވެ.
އިއްޔެގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓާ ޖެނެރަލް ވިދާޅުވީ އެއޮފީހުގެ ބަޖެޓު ބޮޑުވެގެންދަނީ މުވައްޒަފުން އިތުރު ކުރުމަށާއި، ރަށު ކައުންސިލްތައް އޮޑިޓްކުރަން އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި އޮޑިޓް އޮފީސްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.