ރާއްޖެ ކުޅިވަރު

އެކްއާޓީކް ޗެމްޕިއަންޝިޕް: ރާއްޖެއިން މިހާތަނަށް ހަތް މެޑަލް

Oct 20, 2016

ސްރީލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކްއާޓިކް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފެތުންތެރިންގެ ޓީމުން މިހާތަނަށް ހަތް ބްރޯންޒް މެޑަލް ހޯދައި ދެ ގައުމީ ރެކޯޑް ހަދައިފި އެވެ.

ރާއްޖެއިން ހޯދި ހަތް މެޑަލްގެ ތެރެއިން ފަަސް މެޑަލަކީ ޓީމު އިވެންޓުން ހޯދި މެޑަލްތަކެވެ. ހަތް މެޑަލްގެ ތެރެއިން ހަ މެޑްލަ ހޯދީ އިއްޔަގެ އިވެންޓްތަކުގައެވެ.

މިއަދު ލޯ މެޑަލް ހޯދީ ރާއްޖޭގެ އެންމެ ބާރު އަންހެން ފެތުންތެރިޔާ އާމިނަތު ޝަޖަންއެވެ. އޭނާ މެޑަލް ހޯދީ 18 އަހަރުން މަތީގެ އަންހެނުންގެ 800 މީޓަރު އިވެންޓުންނެވެ. އޭނާ ރޭސް ފުރިހަމަ ކުރީ 11:18.50 ން ރޭސް ނިންމައިގެންނެވެ.

އިއްޔެ އޭނާ ވަނީ 4 ގުނަ 100 މީޓަރު މިޑްލޭ ރިލޭ، 18 އަހަރުން މަތީގެ ޓީމު އިވެންޓްގެ މިކްސް ކެޓަގަރީން ވެސް ބްރޯންޒް މެޑަލް ހޯދާފައެވެ. މީގެއިތުރެން ޝަޖަން ވަނީ ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން މަތީގެ އަންހެން ޓީމު އިވެންޓްގައި ވެސް ބްރޯންޒް މެޑަލް ހޯދާފައެވެ.

އިންޑަވިޖުއަލް އިވެންޓްގައި ޝަޖަންގެ ކޮއްކޮ އައިޝަތު ސާޖިނާ ވަނީ 50 މީޓަރ ބްރެސްޓްސްޓްރޯކް، 18 އަހަރުން މަތި އަންހެން ބައިން ލޯ މެޑަލް ހޯދާފައެވެ.

ސާޖިނާ ވަނީ އިއްޔަ 50 މީޓަރު ބްރެސްޓްސްޓްރޯކް ގައުމީ ރެކޯޑް ހަދާފައެވެ. ރެކޯޑް އާ ކުރީ 00:37.98 ން ރޭސް ނިންމައިގެންނެވެ. މީގެކުރިންވެސް މިރެކޯޑް އޮންނަނީ ސާޖިނާ އަތުގައެވެ. އެއީ މެލޭޝިއާގައި މިއަހަރު ބޭއްވި 59 ވަނަ މައިލޯ، ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި ވާދަކޮށް 00:38.17 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ހަތަރެއް ގުނަ 100 މިޑްލޭ ރިލޭ، މިކްސްޑް ޓީމު އިވެންޓްގައި ވާދަ ކުރި ފެތުންތެރިންގެ ޓީމުވެސް ވަނީ އިތުރު ގައުމީ ރެކޯޑެއް ހަދާފައެވެ. ޝަޖަން އާއި ސާޖިނާގެ އިތުރުން ހަސަން އަޝްރަފާއި މުހައްމަދު ނަޒުރާން ނަޒިރު ހިމެނޭ މިކްސްޑް ޓީމުން ގައުމީ ރެކޯޑް އާ ކުރީ 05:26.02 ން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި އިވެންޓްގެ ރެކޯޑަކީ 05:52.95 އެވެ.