ހައިކޯޓް

އިސްތިއުނާފު މައްސަލައަށް ޕީޕީއެމް ވެސް ވައްދަނީ

ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންއަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފްގެ މައްސަލައިގެ ތެރެއަށް ޕީޕީއެމް ވެއްދުމަށް ޝަރީއަތުން ނިންމައިފި އެވެ. މި މައްސަލާގެ ތެރެއަށް އަމިއްލައަށް އެދިގެން މައުމޫން އަބްދުލް ގައްޔޫމް ވަނީ ތަދުއްހުލްވެފަ އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެވަޑައިގަންނަވަނިކޮށެވެ.

މި މައްސަލާގައި ދައުވާ ރައްދުވަނީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށެވެ. އެއީ ސިވިލް ކޯޓަށް ޕީޕީއެމްއާ ގުޅޭ މައްސަލަ ވެއްދި ދެ މެންބަރުންނެވެ.

މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ބޭއްވިއިރު އެ މައްސަލަ އަމިއްލަ ފަރާތަކުން އިސްތިއުނާފުކުރުމުން އޭނާގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް މައުމޫންގެ ފަރާތްޕުޅުން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިސްތިއުނާފުކުރި އައްބާސް ފާހަގަކޮށްފައިވަނީ އެންމެ ދެ ނުކުތާ އެވެ. އެއީ، ސިވިލް ކޯޓު ހުކުމްގައި މައުމޫން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ގާނޫނު އަސާސީގެ ކޮން މާއްދާއެއް ކަމެއް ބުނެފައިނުވާ ކަމަށެވެ. އަދި، އަސާސީ ގަވައިދާ ހިލާފަށް މައުމޫން އަމަލުކުރައްވާފައިވާ ކަމަށް ބުނެފައިވާއިރު އެއީ އަސާސީ ގަވައިދުގެ ކޮން މާއްދާއެއް ކަމެއް ވެސް ހުކުމުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ޕީޕީއެމް މައްސަލާގެ ތަދުއްހުލްކޮށް، މިއަދު މެންދުރުފަހު 3:00 ގައި ހައިކޯޓުގައި މައްސަލާގެ އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.