ރާއްޖެ ކުޅިވަރު

ޓީޓީގެ ގައުމީ ރޭންކިންގެ އެއްވަނަ ޖުމާނާ އާއި މުންސިފް

Oct 20, 2016

ޓޭބަލް ޓެނިސްގެ ގައުމީ ރޭންކިންގެ މި އަހަރުގެ އެއް ވަނަ ފާތިމަތު ޖުމާނާ ނިމާލް އާއި މުސާ މުންސިފް އަހަމްދު ހޯދައިފި އެވެ.

ދެ ޖިންސް ވަކިން ރޭންކު ކުރުން ބާއްވާ ރޭންކިން މުބާރާތުގެ ފަހު ބުރުގެ ކުޅުން ރޭ ނިމުނު އިރު އަންހެން ރޭންކިންގެ އެއް ވަނަ ޖުމާނާ ހޯދީ މިދިޔަ އަހަރު ރޭންކިންގެ އެއްވަނަ ހޯދި ޒުވާން ކުޅުންތެރިޔާ ރަފާ ނާޒިމު ބީޓްކޮށްލުމަށް ފަހުއެވެ. ރަފާއަށް މިއަހަރު ލިބުނީ ދެ ވަނަ އެވެ.

މިފަހަރު މުބާރާތުގައި މިދިޔަ އަހަރުގެ ދެ ވަނަ ހޯދި މުއިނާ މުހައްމަދު ލިބުނު އަނިޔާއެއްގެ ސަބަބުން ރޭންކިން މުބާރާތުގައި ވާދަ ނުކުރެއެވެ.

އަންހެން ރޭންކިންގެ ތިން ވަނަ އަކީ މިއަހަރުވެސް އާމިނަތު ޝިއުރާ އެވެ. މިއަހަރުގެ ރޭންކިންގެ ހަތަރު ވަނަ އަކީ މަރިޔަމް ޝަފީގްއެވެ. ރޭންކިންގެ ފަސް ވަނަ މިއަހަރު ލިބުނީ ފަދުވާ ރަޝީދަށެވެ. މިދިޔަ އަހަރު ފަސް ވަނަ އަކީ ޒުވާން ކުޅުންތެރިޔާ ލައިސާ ފަތުހުﷲ އެވެ.

ފިރިހެން ރޭންކިންގެ ގަދަ ހަތަރަކަށް މިއަހަރު ބަދަލު އައިސްފައެއް ނުވެއެވެ. ރޭންކިންގެ އެއް ވަަނަ މޫސާ މުންސިފް އަހްމަދު ހޯދިއިރު، މިއަހަރުވެސް ރޭންކިންގެ ދެވަނަ އަކީ ޒީސްތު ނަސީމެވެ. އަދި ތިން ވަނަ އަކީ މައިޒަރު އާދަމް ޒާހިރެވެ. ހަތަރު ވަނަ އަކީ ޝަފްނާން އެވެ. މިއަހަރު ރޭންކިންގެ ފަސް ވަނަ ހޯދީ މުންސިފްގެ ކޮއްކޮ މުންތިފް އަހްމަދެވެ.

ސަރުކާރުން ގައުމީ ޓީީމުތަކުގެ ކުޅުންތެރިންނަށް ދޭ މުސާރަވެސް ލިބޭނީ ރޭންކިންގެ ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިންނަށެވެ.