އެޗްޑީސީ

ޓާޓާ ފްލެޓަށް ހޮވުނު ފަރާތްތަކުގެ ގުރު ނެގުން އަންނަ އަންގާރަ ދުވަހު

މާލޭގައި އަޅާފައިވާ ޓާޓާ ފްލެޓް ތަކަށް އެންމެ ފުރަތަމަ ހޮވުނު ފަރާތްތައް ވެސް ހިމަނައިގެން ފްލެޓްތަކުގެ ގުރުއަތު ނެގުން އަންނަ ހަފުތާގެ އަންގާރަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ގާކޮށްޓާއި އަރަބިއްޔާ ހުރިތަނުގައި އަޅާފައިވާ ފްލެޓް ތަރުތީބު ކުރަން މިމަހުގެ ހަވަނަ ދުވަހު ގުރު ނަގަން އުޅެނިކޮށް، އޭސީސީގެ އެންގުމަކަށް އެކަން ވަނީ ހުއްޓާލައިފަ އެވެ. އޭސީސީން ގުރު ނެގުން ހުއްޓުވީ، ހައުސިން މިނިސްޓްރީ އިން ފޮނުވި 147 މީހުންގެ ތެރޭގައި މީގެ ކުރިން އެ ފްލެޓްތައް ލިބޭނެ ކަމަށް ގެޒެޓް ކުރި ނަން ލިސްޓްގައި ހުރި ބައެއް މީހުންގެ ނަން އުނިވެފައިވާ ކަމަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ.

ގުރުނެގުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ ގުރު ނެގުން އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ ގުރުއަތުލުން ބާއްވަން ނިންމާފައިވަނީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ކަމަށެވެ. ޓާޓާ ފްލެޓް ލިބުނު 266 މީހުންނަށް އެކަން އަންގާ ސިޓީ މީގެ ތިން އަހަރު ކުރިން ވަނީ ފޮނުވާފަ އެވެ. އަންގާރަ ދުވަހު ގުރު ނެގުން އޮންނާނީ އެމްއެންޔޫގަ އެވެ.

އަންނަ އަންގާރަ ދުވަހު ފްލެޓް ލިބުނު ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ގުރުއަތުލުމުގެ ކަންކަން ހަމަޖައްސާފައިވާއިރު، އޭސީސީން ވަނީ ފްލެޓް ލިބޭނެ ކަމަށް މީގެ ކުރިން ކަނޑައެޅި 266 ފަރާތް ވެސް ހިމެނޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަން ހައުސިން މިނިސްޓްރީއަށް އަންގާފަ އެވެ.