އައްޑޫ ސިޓީ

ސްރީލަންކަން އެއާލައިންގެ ދަތުރުތައް ޑިސެމްބަރުގައި ގަމަށް ފަށަނީ

Oct 20, 2016

ސްރީލަންކަން އެއާލައިންސް އިން ސްރީލަންކާގެ ކޮލޮމްބޯ އާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ސީދާ ދަތުރުތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް ޓްރެވަލްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް ފަށަން އެ އެއާލައިން ތައްޔާރުވެފައިވާ ކަމަށާއި ދަތުރުތައް ފަށާނީ ޑިސެމްބަރު އެއްވަނަ ދުވަހު ކަމަށެވެ. ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހު ކަމަށެވެ.

ފިރާގު ވިދާޅުވީ، މިހާރުން ފެށިގެން ވެސް ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތަކުގެ ރިޒަވޭޝަން ހެއްދޭނެ ކަމަށެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު، ސްރީލަންކަން އެއާލައިންގެ ދަތުރުތައް ކުރަން ފެށުމުން އެ ދެމެދުގައި ހަފްތާއަކު ހަތަރު ދަތުރު ކުރާނެއެވެ. އަދި އެ އެއާލަންގެ ޓިކެޓު ވިއްކާ އޮފީހެއް އައްޑޫގައި ހުޅުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.