ރާއްޖެ ކުޅިވަރު

މަހިބަދޫ ބަލިކޮަށް ފައިނަލަށް ގްރީން ސްޓްރީޓް

ސެމީ ފައިނަލް ދެ ވަނަ މެޗްގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި އެމްޓީސީސީ ދެވަނަ ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ ގްރީން ސްޓްރީޓް ހޯދައިފި އެވެ.

ފައިނަލް މެޗްގައި ގްރީން ސްޓްރީޓް ވާދަ ކުރާނީ ސެމީ ފައިނަލް ފުރަތަމަ މެޗްގައި އިއްޔެ ދަ ގޭންގް އަތުން މޮޅުވި ޒެފްރޯލް އެވެ. ޒެފްރޯލް އާއި ގްރީން ސްޓްރީޓަކީ ގުރޫޕް ސްޓޭޖުގައި އެއް ގުރޫޕެއްގައި ހިމެނުނު ދެޓީމެވެ. މި ދެޓީމު ގުރޫޕްގައި ކުޅުނު މެޗް ކާމިޔާބު ކުރީ ގްރީން ސްޓްރީޓެވެ.

މިއަދު ކުޅުނު މެޗްގައި ގްރީން ސްޓްރީޓްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަލީ ޝަފީއުއެވެ. މެޗްގެ ފުރަތަމަ ހާފު 44 ވަނަ މިނެޓްގައި މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފައެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅުނު މަހިބަދޫ ކޮޅަށް ގްރީން ސްޓްރީޓްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މެޗްގައި ދެ ލަނޑު ޖަހާފަ އެވެ.

ގްރީން ސްޓްރީޓްގެ ތިން ވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކުރިން ފުރަތަމަ ޑިވިޝަންގައި ވީބީ އާއި އީގަލްސްއަށްވެސް ކުޅުނު ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަން މަންސާރީއެވެ. ގްރީން ސްޓްރީޓްގެ ހަތަރު ވަނަ ލަނޑު 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާޓްއެވެ. ގްރީން ސްޓްރީޓާއި ޒެފްރޯލް ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.