ރާއްޖެ ކުޅިވަރު

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެމްޕީ ޝިނާން އިސްތިއުފާ ދެއްވައިފި

Oct 20, 2016
2

ރާއްޖޭގެ ބާސްކެޓ ބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން އިންތިހާބުވެ ވަޑައިގެންނެވިތާ ކުޑައިރުކޮއް ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

ސައިކްލޯން ބާސްކެޓްބޯޅަ ކުލަބުގެ ފަރާތުން އިންތިހާބުގައި ވާދަ ކުރެއްވި ޝިނާން އެމްބީއޭގެ ރައީސް ކަަމަށް އިންތިހާބު ވެވަޑައިގެންނެވީ ރައީސް ކަމަށް ވާދަ ކުރެއްވި ކެނޑިޑޭޓުން ކަަމަށްވާ އެލްޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ވާދަ ކުރެއްވި އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އާއި ވާދަކުރައްވަ އެވެ.

ޝިނާން އިސްތިއުފާ ދެއްވުމުން، ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޓީގެ މެންބަރުން ވިދާޅުވީ، އެކްސްކޯ އިންތިހާބު ކުރެވުމުން ދެ މަސައްކަތް ކުރިއަށް ގެންދާނީ އެކްސްކޯއިން ކަަމަށާއި ރައީސް ހޮވުމަށް، އިންތިހާބު އިއުލާން ކުރާނީވެސް އެކްސްކޯއިން ކަމަށެވެ. .

އިންތިހާބު ވެވަޑައިގެން ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ އޭނާ އިންތިހާބަށް ކުރިމަތިލީ ޓީމަކާ އެކު ކަމަށާއި އިންތިހާބު ޓީމަށް ކާމިޔާބު ނުވަމަކީ ލިބުނު ނާކާމިޔާބެއް ކަމަށެވެ.

ޝިނާނަށް 15 ވޯޓު ލިބިވަޑައިގެންނެވިއިރު މަންޑޭ އަށް ލިބުނީ 14 ވޯޓެވެ. ނާއިބް ރައީސް ކަމަށް ހޮވުނީ ކުރީގެ ކޯޗު ހަސަން އިސަމާއީލެވެ. އޭނާ އަށް 15 ވޯޓު ލިބިވަޑައިގެންނެވިއިރު ނާއިބް ރައީސް ކަމަށް ވާދަކުރެއްވި މިހާރުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން އާރިފް ރިޒާ އަށް ލިބުނީ 14 ވޯޓެވެ.

ހަޒަންދާރު ކަމަށް ހޮވުނީ ރައީސް ކަމަށް ކުރިމަތިލައި އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދިޔަ އަހުމަދު އާދަމެވެ. އޭނާ އަށް 15 ވޯޓު ލިބުނުއިރު މުހައްމަދު ޒިޔާއު އަށް ލިބުނީ 14 ވޯޓެވެ.

މިއަހަރުގެ ޖުލައި ،މަހު 15 ވަނަ ދުވަހާ ހަމައިން ދައުރު ހަމަވެފައިވާ އެމްބީއޭގެ އިންތިހާބު މިރޭ ބާއްވާފައި ވަނީ ދެ ފަހަރެއްގެ މަތިން އިންތިހާބު އިއުލާން ކުރުމަށްފަހު އެވެ.

ފުރަތަމަ އިންތިހާބު ބާއްވަން އިއުލާން ކުރި އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނާ ގުޅިގެން، އެކުލަވައިލި ކޮމިޓީއަކުންނެވެ. މިދިޔަ އޯގަސްޓް މަހު 20 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު، ގަވައިދާ ހިލާފަށް ކަންކަން ހިނަގަމުންދާ ކަމަށް ބުނެ ހޯމް މިނިސްޓްރީން ވަނި އިންތިހާބު މަޑުޖައްސާލުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ.

އެއަށްފަހު ހޯމް މިނިސްޓރީން ވަނި، އެމްބީއޭގެ އިންތިހާބު ބާއްވަން ކޮމިޓީއެއް އެކުލަވާލާފައެވެ. މިރޭ ބޭއްވި އިންތިހާބަކީ ހޯމް މިނިސްޓްރީގެ ކޮމިޓީން ބޭއްވި އިންތިހާބެވެ.