ދުނިޔެ

ރޭޕްގެ ކުށުގައި ޖަލުގައި ހުރި މީހާގެ އިންޓަވިއު ދެއްކުން އިންޑިއާގައި މަނާކޮށްފި

Mar 4, 2015
1

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޒުވާން އަންހެނަކު ރޭޕްކޮށް މަރާލުމުުގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކު ޖަލުގައި ހުރެގެން ދީފައިވާ އިިންޓަވިއު ދެއްކުން މަނާ ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދައިފި އެވެ.

ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ ސިނަމާއަކުން ފިލްމެއް ބެލުމަށް ފަހު ފިރިހެން އެކުވެރިޔަކާ އެކު ގެޔަށް ދިޔަ މަގުމަތީ ބަހަށް އެރުވުމަށް ފަހު ރޭޕްކޮށް މަރާލި 23 އަހަރުުގެ ޒުވާން އަންހެނާގެ އެއް ގާތިލު ކަމަށްވާ މުކޭޝް ސިންގް ބުނީ ރޭޕްކުރަން ފެށުމުން ގަދަ ނުދެއްކި ނަމަ އަނިޔާ ނުކުރާނެ ކަމަށާއި އެހެން ނޫން ނަމަ އެކަން ކޮށް ނިންމުމަށް ފަހު މަގުމައްޗަށް އެއްލާލާފައި ދާނީ ކަމަށެވެ. އަދި ރޭޕް ކުރީ ރޭގަނޑު އެގޮތަށް މަގުމަތީގައި އުޅޭނީ ރަނގަޅު އަންހެނުންނަށް ނުވާތީ ކަމަށާއި އެފަދަ މީހުންނަށް ފިލާވަޅެއް ދޭންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޭޕްގެ ކުށުގައި މަރަން ހުކުމް ކޮށްފައިވާ ސިންގްގެ އިތުރުން ވެސް ރޭޕްގެ މައްސަލަތަކުގައި ޖަލުގައި ތިބި އެތައް ބައެއްގެ އިންޓަވިއު ޑޮކިއުމެންޓްރީ އަށް ނަގާފައިވެ އެވެ. އިންޑިއާ ސަރުކާރުން ވަނީ މިގޮތަށް އިންޓަވިއު ނެގުމުގެ ހުއްދަ ޖަލު އޮފިޝަލުން ދިނީ ކީއްވެތޯ ސުވާލު ވެސް ކޮށްފަ އެވެ.

އިންޑިއާ ފުލުހުން ބުނީ ފިލްމާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށާއި އިންޑިއާގެ ޕީނަލް ކޯޑާ ހިލާފް ކަންތައްތަކެއް ފިލްމު ހެދުމުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ.

"އިންޑިއާގެ މީޑިއާ އިން މި ފިލްމު ނުދެއްކުމަކީ ފުލުހުން އެދޭ ކަމެއް،" ނިއު ދިއްލީގެ ފުލުހުންގެ ވެރިޔާ ބީއެސް ބާސީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެ އެވެ.

ފިލްމު ހެދި ފަރާތުން ބުނެފައި ވަނީ އެ ފިލްމް ދެއްކުން ހުއްޓުވުމަކީ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. --ބީބީސީ