ރައީސް އަބްދުﷲ ޔާމީން

ޝަރުއީ ފަރުވާ ނުހޯދައި ޕީޕީއެމްގެ މައްސަލަ ނިމެންވާނެ: ރައީސް

Oct 20, 2016

ކޯޓްތަކަށް ގޮސް ޝަރުއީ ފަރުވާ ނުހޯދައި މަޝްވަރާކޮށް ނަމޫނޫ ދައްކައިގެން ޕީޕީއެމްގެ މައްސަލަ ހަމަޖެހި ނިމެންވާނެ ކަމަށާއި އަދިވެސް އެ ފުރުސަތު އެބައޮތް ކަމަށް ރައީސުލްޖުމްހުރިއްޔާ އަދި ޕީޕީއެމްގެ ހިންގުން ޝަރީއަތުން މިވަގުތަށް ހަވާލު ކުރައްވާފައިވާ އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދަނގެތީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު މިރޭ ޕީޕީއެމަށް ދެވަނަ ފަހަރަށް ގުޅި ވަޑައިގަތުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމަކީ ދިރުން ހުރި އުސޫލުތަކެއްގެ މައްޗަށް ބިނާވެގެންވާ ޕާޓީއެއް ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށާއި ޒުވާނުންގެ އުންމީދު ތަކާއި ތަރައްގީ އޮތީ ޕީޕީއެމާއެކުގައި ކަމަށް ވެސް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

އަދި ވިދާޅުވީ ހަރު މީހުންނާއި ދޮށީ މީހުންނާއި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއި އެންމެނަށް ބޭނުންވާ ތަރައްގީ ގެނެސް ދިނުމަށް މިވަގުތު ޕީޕީއެމް ސަރުކާރުގައި އޮވެ ކުރާ މަސައްކަތްތަކާއެކުމިއީ އެންމެ ވަރުގަދަ އެންމެ ނަމޫނާ ޕާޓީ ކަމަށް ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އުފައްދާފައިވަނީ ވަރަށް މަތިވެރި މާތް މަގުސަދެއްގައި ޕާޓީގެ މެންބަރުންނާއި ރައްޔިތުންނަށް އުސޫލުތަކެއް ދައްކައިދީ ސުލްހައަށް ލޯބިކޮށް ރާއްޖެގެ ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށާއި ޕާޓީގެ އަސާސީ ގަވައިދަށް ބަލައިލިއަސް އެފަަ ހުރިހާ ނަމޫނާ ސިފަތައް ހިމަނާފައިވާ ކަމަށެވެ.

"އެހެންވީމަ މި ޕާޓީގެ ތެރެއިން އުފެދިގެން ދާ ކަންކަމުގައި އަޅުގަނޑުމެން ނަމޫނާ ދައްކަންޖެހޭނެ. އާންމު މެންބަރުންނަށްވެސް ދަންނަވާލަން އޮތީ އުފެދިގެން އުޅޭ ނުތަނަވަސް ކަމުގައި އެންމެ ބޮޑު ނުތަނަވަސްކަން އޮތީ އަޅުގަނޑަށޭ، އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަމޭ ޕާޓީޣައ ޖެހިގެން އުޅޭ މައްސަލަތައް ޕާޓީގެ ތެރޭގައި މަޝްވަރާކޮށްގެން ހައްލު ނުކުރެވިދާނެ ކަމަކަށް. އެހެން ޕާޓީތަކަށް ވުރެ ޕީޕީއެމް ވަރުގަދަވެ ނަމޫނާ ޕާޓީއަކަށް ވަނީ ވެސް އެހެންވެގެން،"

ރައީސް ޔާމީން ވިދާޅުވީ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރުމުގެ ކެރުމާއި ހިތްވަރު ހުރިހާ މެންބަރުންނާއި ލީޑަރުންގެ ވެސް ހުންނަން ވާނެ ކަމަށާއި އެކަމުގައި ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ޕެލެޓްފޯމުގައި ވެރިކަމާ ހަމައަށް ދިޔައީ ރައްޔިތުން ކުރި އިތުބާރާއި މާތް ﷲ ގެ މަދަދާއި ދެއްވި ޝަރަފުން ކަމަށާއި އެހެން ކަމުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސް ދިނުމަށް ޕީޕީއެމުން ކުރަންޖެހޭ ކަންކަން ކުރުމުގައި އަދި އެ ނަމޫނާ ދެއްކުމުގައި ދެމި ތިބުމަކީ ޕީޕީއެމްގެ ކޮންމެ މެންބަރެއްގެ އަދި ކޮންމެ ލީޑަރެއްގެ ޒިންމާއަކާ މަސްއޫލިއްޔަތެއް ކަމަށެވެ.

މިނިވަން ކަމާއި ސުލްހަވެރި ކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވައި ދެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެރިކަމުގައި ހުންނަވައިގެން ކަމަށާއި އެ ފުޅާވުން ހުޅުވެމުން ގޮސް އެންމެ ފުޅާވެފައިވާ ކަމަށާއި އެއީ ރައީސް މައުމޫން އިއުލާން ކުރެއްވި "ތޮށިގަނޑު ފަޅާލާފައި ނުކުތުން" ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖޭގެ ޒުވާނުން އަދި ރައްޔިތުން ތިބީ ތޮށިގަނޑު ފަޅާލާފައި ނުކުމެ ކަމަށާއި އެހެން ކަމުން އެކި ޒައާމަތުކަން ކަންކަން ހިނގާއިރު އެމީހަކަށް ފެންނަ ގޮތް ބުނެވެން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގައި ވެސް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން މަޖިލިސް ދޫކޮށްފައި ވަޑައިގަންނަވަނީ ކަމަށާއި އަނެއް ދުވަހުވެސް މަޖިލިސް އޮންނަ ކަމަށެވެ. އެގޮތަށް ތޮށިގަނޑު ފަޅާލަފައި ނުކުމެ ތިބުމުން އެ ކެތްތެރިކަން ހުންނަން ޖެހޭނެ ކަމަށައި ޕީޕީއެމްގައި ވެސް ބަޔަކު ހިތްހަމަ ނުޖެހޭ ކަންކަން ހުންނަ ކަމަށް ވަންޏާ މަަދުން ނަމަވެސް ގިނައިން ނަމަވެސް ޖަލްސާތައް ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

"އެއީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތް، އެއީ ޑިމޮކްރަސީ އެއީ އެއްގޮތަކަށް ވެސް އެއީ އެއް ގޮތަކަށްވެސް އަޅުގަނޑުމެންގެ އިތްޒަތްތެރި ޝަރަފުވެރި ރައީސް [މައުމޫނަށް] ކުޑައިމީސް ކުރުމަށް ކުރާ ކަމެއް ނޫން. ގަބޫލު ކުރެވޭ ގޮތް ނޫން ގޮތަކަށް ކަމެއް ދަންޏާ އެއީ މެންބަރުންނަށް ހައްގުއޮތް ކަމެއް އެއީ ޕާޓީގެ ދެވަނަ އަދި ތިންވަނަ ކައުންސިލް ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނޫން." ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މައްސަލައިގައި ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށައި މިދިއަ ކުޑަ އީދު ދުވަހުގައި ވެސް ޕީޕީއެމްގެ މައްސަލާގައި އެމަނިކުފާނަށް ފެންނަ ގޮތް ދަންނަވައި އިދިކޮޅު ފަރާތްތަކަށް ހަދިޔާ ދޭން ބޭނުން ނުވާ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށާއި ޕީޕީއެމް ބައިބާ ވުމަކީ އިދިކޮޅަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ކަމަށެވެ.

"މި ޕާޓީގެ ކަންކަން ހައްލު ކުރަން ޝަރުއީ ކޯޓްގެ ތެރެއިން ޝަރުއީ ފަރުވާ ހޯދާކަށް ނުޖެހޭ. މި މައްސަލަ އެކި މެންބަރުން އެކ ގޮތްތަށް ކުރައްވައިފި. އަޅުގަނޑާއެކު ރައީސް މައުމޫނަށް އިށީނދެވަޑައި ނުގެންނެވުމަކީ އަދި ދެ ފަރާތުންގެ މަންދޫބުންނާއެކު ވާހަކަ ނުދެކެވުމަކީ ސަބަބެއް ނޫން،"