އަލިފާން

މާލޭގެ ފަޔާ ހައިޑްރަންޓުން އަލިފާނުގެ ވާހަކަ ނިއްވާލާނެ!

  • މާޅޭގައި ނިސްބަތުން އަލިފާނުގެ ހާދިސާތައް ގިނަ
  • އަލިފާން ނިންވާނެ ނިޒާމުތަކެއް މާލޭގައި ގާއިމްވެފައެއް ނެތް
  • މަޖީދީ މަގު ހަދާއިރު ފަޔާ ހައިޑްރަންޓް ސިސްޓަމް ގާއިމް ކުރާނެ

އަލިފާން ރޯވެއްޖެ ނަމަ މިއޮއްފަދަ ޒަމާނުގައި ވެރިރަށް މާލޭގައި ފަސޭހައިން އަލިފާން ނިއްވާލެވޭނެ އެކަށީގެންވާ ޒަމާނީ ނިޒާމެއް ނެތުމަކީ ހަގީގަތުގައި ހައިރާންވާވަރު ކަމެކެވެ. އެކަމަކީ ކޮންމެހެން މިއަދު ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ. މާ ކުރިންސުރެ ހަމަޖެހި ނިމިފައި އޮންނަންޖެހޭ އެންމެ މުހިންމު އެއްކަންތަކެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް ފުރިހަމަ ނުވެ އޮތް ގޮތަކަށް އޮތީ އެވެ. އަލިފާން ނިވުމުގެ ވާހަކަ އަންނަނީ އަލިފާން ރޯވެ އަނދައިގަތީމަ އެވެ. ރާއްޖޭގައި އަލިފާން ނިއްވުމުގެ މައްސޫލިއްޔަތު އަދާ ކުރާ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް އެކަމުގެ ފުރިހަމަ ވަސީލަތްތައް ހޯދައި ތަރައްގީ ކުރަން މިހާތަނަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ ވަރަށް ދެރަކޮށްވެފައި އޮތް ކަމެކެވެ.

ރާއްޖެއަކީ ބިމުގެ ޖާގައާއި އާބާދީގެ ގޮތުން ބަލާއިރު ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކޭ އެއް ފަދައިން ރާއްޖޭގައި ވެސް ހިނގާ އަލިފާނުގެ ހާދިސާތައް މަދެއް ނޫނެވެ. އެހެން ގައުމުތަކާ ރާއްޖެ، ހާއްސަކޮށް ފުރިފައިވާ މާލެ ތަފާތު ވަނީ، އަލިފާންގަނޑު ރޯވެ ފެތުރިގަތުމުން ނިއްވާލަން އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ގާއިމުވެފައި ނެތީމަ އެވެ.

އެހެން ނަމަވެސް އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ފޫބައްދަން ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ހިސާބުން ދައްކަ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ފަޔާ އެންޑް ރެސްކިއުއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހިފައެވެ. އޭގެ މާނައަކީ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ.

މާލޭގައި އަލިފާން ނިއްވަން ބޭނުންވާ ފެން އެކަށީގެންވާ ޕްރެޝަރުގައި ލިބޭކަށް ނުހުރެ އެވެ. އެންމެ ފަހުން ރޯވެ ހުލިވިގެން ދިޔަ ކޯސްޓްލައިން އަލިފާނުގެ ހާދިސާއާ ހަމައިން އެއީ އެންމެނަށް ވެސް އެނގިފައި އޮތް ހަގީގަތެކެވެ. މީގެ އިތުރުން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ބަރު ވެހިކަލްތައް މަގުތަކުގައި ދަތުރުކޮށް އަލިފާން ނިއްވަން ޖެހޭ އިރު މާލެ ކަހަލަ ރަށްތައް ތޮއްޖެހިފައި އޮތުމުގެ ސަބަބުން އެތަށް ވަގުތެއް ބޭކާރުވެގެން ދެއެވެ. ދެން ޖެހެނީ އެންމެ ކައިރި ދިމާލަކުން މޫދަށް ހޮޅިއެއް ގެންދާށެވެ. އެއީ ފަސޭހަ ކަމަކަށް ނުވެ އެވެ.

މިހާތަނަށް ރާއްޖޭގައި ހިނގާފައި ހުރި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ ވެރިރަށް މާލޭގަ އެވެ. މާލޭގައި މިހާތަނަށް ރޯވި ބޮޑެތި އަލިފާނުގައި އަލިފާންގަނޑު ނިއްވާލަން އެތަށް ވަގުތެއް ހޭދަވެފައި ވެއެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ތެރޭގައި ރާއްޖޭގައި 72 ތަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި ގޭސް ލީކުވެގެން 53 ހާދިސާއެއް ރިޕޯޓުކޮށްފައިވާ އިރު އަލިފާނާ ގުޅުންހުރި އެހެނިހެން 132 ހާދިސާއެއް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓުކޮށްފައި ވެއެވެ.

"އަލިފާނުގެ ހާދިސާތައް މާލޭގައި އިތުރުވެގެންދާ ސަބަބަކީ މާލެ ތޮއްޖެހުމާއި، އިމާރާތްތައް ކައިރިކައިރީގައި ހުރުމާއި ފަސޭހައިން އަލިފާން ރޯވާތަކެތި ގެންގުޅުމުގައި އެކަށީގެންވާ ވަރަށް ފަރުވާ ނުބެހެއްޓުން. އަލިފާނުގެ ހާދިސާއެއް ހިނގާތާ މަދު ވަގުތު ކޮޅެއްގައި އެކަށީގެންވާ ވަރަށް ފެން ނުޖެހިއްޖެ ނަމަ އެހެން އިމާރާތްތަކަށް ފެތުރޭނެ. މި ފަހަކަށް އައިސް މާލޭގައި ހިނގާ ހާދިސާތަކުގައި އަލިފާން ނިއްވުމަށް ބޭނުންވާ ފެން ނުލިބުމުގެ ސަބަބުން ހާދިސާބޮޑުވެ ކައިރި ގޭގެއަށް ނުރައްކާ ފޯރާ މީހުންގެ ގެދޮރަށް ވަރަށް ބޮޑު ގެއްލުންތައް ވެފައިވޭ،" ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ. "އަލިފާނުގެ ހާދިސާ ހިނގުމުން ނިއްވަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ތޮއް ޖެހިފައިވުމާއި ފަސޭހައިން ޕްރެޝަރުގައި ފެން ލިބޭނެ ވަސީލަތްތައް ގާއިމްވެފައި ނެތުން،"

ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ގެނެސް މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއަކަށް އަލިފާން ނިއްވާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރަން ރީސާޗްތަކެއް ހަދައި މިހާރު ވަނީ ފަޔާ ހައިޑްރަންޓް ނިޒާމެއް ގާއިމް ކުރަން ނިންމައި އެ މަސައްކަތް ފަށައިފަ އެވެ. މި ނިޒާމަކީ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ޒަމާނީ ނިޒާމެކެވެ. އެއީ އަލިފާން ރޯވުމުން އެ ސަރަހައްދަކާ އެންމެ ކައިރީގައި ގާއިމުކޮށްފައިވާ ފަޔާ ހައިޑްރެންޓަށް ހޮޅި ޖަހައި ބޭނުންވާ ޕްރެޝަރެއްގައި ފެންދޫ ކޮށްގެން އަލިފާން ނިއްވުމުމެވެ. އޭރުން މޫދަށް ހޮޅި ގެންދެވެންދެން ނުވަތަ ބޮޑެތި އުޅަނދުތައް އަންނަން ދެން މަޑު ކުރާކަށް އޭރުން ނުޖެހޭނެ އެވެ. އަދި އޭގެ ސަބަބުން އަލިފާން ނިއްވުން އަވަސްވެ އިތުރު ސަރަހައްދުތަކަށް ފުތުރުން ވަރަށް ބޮޑުތަން ކުޑަ ކުރެވޭނެ އެވެ.

"ފަޔާ ހައިޑްރަންޑް ސިސްޓަމެއް ގާއިމް ވެގެން ދިޔުމުން އަލިފާން ކޮންޓްރޯލް ކުރުމަށް ވަރަށް ފަސޭހަ ވެގެން ދާނެ. މިކަމުގެ ސަބަބުން މާލޭގައި މިހާރު ހިނގާ އަލިފާނުގެ ހާދިސާތަކުގެ އަދަދު ވަރަށް މަދު ކުރެވޭނެ،" ޒުހުރީ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއިން މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ފުރިހަމަ ކުރަމުންނެވެ.

ޒުހުރީ ވިދާޅުވީ ގޮތުގައި އެ މަޝްރޫއު ދެ ފޭސްއަކަށް ބަހާލައިގެން ކުރިޔަށް ދާއިރު ފުރަތަމަ ފޭސްގައި ފަޔާ ހައިޑްރަންޓުގެ މައި ހޮޅިތައް މަޖީދީ މަގުގައި ވަޅުލާނެ އެވެ. އަދި ދެ ވަނަ ފިޔަވަހީގައި އެ ސިސްޓަމްއަށް ޕަންޕްތައް ގުޅާލައި އެ މެދުވެރިކޮށް ފެން ލިބޭނެ ގޮތް ހަމަޖެހިގެންދެ އެވެ. މަޖީދީ މަގުގައި އެފަދަ 12 ސިސްޓަމް ގާއިމު ކުރާ އިރު ކޮންމެ ސިސްޓަމެއްގެ ދެމެދު ހުންނަނީ 150 މީޓަރެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ އެވެ. ޖުމްލަ 4.7 މިލިއަނެއް ހަރަދުވާ މި ޕްރޮޖެކްޓު އަންނަ އަހަރު ނިމި ބޭނުން ހިފަން ފަށާނެ އެވެ. އޭރުން މާލޭގައި މިހާރު އަލިފާން ނިވުމުގައި ހުރި ދައްޗަށް ބޮޑު ހައްލެއް އަންނާނެ އެވެ. މިކަން މިހާތަނަށް ނުވެ އޮތް އޮތުމާމެދު ދެކެވެމުން އައި ވާހަކަތައް ވެސް "ނިވިގެން" ދާނެ އެވެ.