ރާއްޖެ ކުޅިވަރު

ޔޫވީ ބަލިކޮށް ނިއު ފަސް ވަނަ އަށް

Oct 22, 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައި، ނިއުރޭޑިއަންޓުން ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ތާވަލުގެ ހަތަރު ވަނައިގައި އޮތް ޔޫވީ އަތުން މޮޅުވުމުން، ނިއު ވަނީ ޕޮއިންޓްގެ ގޮތުން އެޓީމާ، އަރައި ހަމަކޮށްފަ އެވެ. ނަމަވެސް ދެ ޓީމަށްވެސް 23 ޕޮއިންޓް ލިބިފައިވާއިރު، ޔޫވީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ.

ކުރިން ތާވަލުގެ ފަސް ވަނައިގައި އޮތް ވެލެންސިއާ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. ނަމަވެސް މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެޓީމަށް ތާވަލުގެ ފަސް ވަނަ އަށް އެރޭނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ޔުނައިޓަޑް ވިކްޓްރީ ވަނީ މެޗް ފެށިގެން ތިން ވަނަ މިނެޓްގައި ލީޑް ނަގާފައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ބިދެސީ ކުޅުންތެރިޔާ ކެރިކްއެވެ.

ނަމަވެސް މެޗްގެ 14 ވަނަ މިނެޓްގައި ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހްމަދު ސާމިރެވެ. އޭގެ އެއް މިނެޓް ފަހުން ކެރިކް ވަނީ އަލުން ޔޫވީ އަށް ލީޑް ނަގައިދީފަ އެވެ.

މެޗްގެ 27 ވަނަ މިނެޓްގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ވަނީ އެޓީމަށް އަލުން ނަތީޖާ އެއްވަރު ކޮށްދީފައެވެ. ނިއު މެޗުން މޮޅުވި ލަނޑު މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގައި ކާމިޔާބު ކުރީ އަހްމަދު ސުހައިލްއެވެ.

މިއަދަކީ ލީގްގެ އެންމެ ފަހު ދުވަހެވެ. މިއަދު ހަވީރު ޓީސީ އާއި ވެލެންސިއާ ބައްދަލު ކުރާއިރު، ލީގްގެ އެންމެ ފަހު މެޗްގައި މިރޭ ވާދަ ކުރާނީ ލީގް ޗެމްޕިއަން މާޒިޔާ އާއި ކުލަބު އީގަލްސްއެވެ. މާދަމާރޭ ގެމެޗަށް ފަހު މާޒިޔާއަށް ލީގްގެ ޗެމްޕިއަން ޝީލްޑް ހަވާލުކޮށްދޭނެއެވެ. އަދި ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް އިނާމު ދިނުން އޮންނާނެއެވެ.