ހަބަރު

އަސީލް މަރާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

Dec 10, 2014
1

ޗާންދަނީމަގު ސްމާޓް ފޯން ކައިރިން އޮންނަ ގޯޅިއެއްގެ ތެރޭގައި ގްރޫޕަކުން ހިންގި މާރާމާރީގައި ތ. ތިމަރަފުށީ ބްލޫނިއާގެ އަހުމަދު އަސީލް މަރާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ތުހުމަތުގައި ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ގްރޫޕަކުން އައިސް ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް އަސީލް މަރުވީ އޭގެ އެ ދެ ތިން ދުވަސް ފަހުންނެވެ. އެ މާރާމާރީގައި އަސީލްގެ އިތުރުން އިތުރު ބަޔަކަށް އަނިޔާވި ނަމަވެސް އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކުރީ 16 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ވެސް ކުޑަކުއްޖަކާއި އިތުރު ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެން މިހާރު ވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ޒުވާނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައިވެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ވެސް ފުލުހުން އިއްޔެ ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.