މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ދިވެހިންގެ ކެއުން ބުއިމާއި ނިދުމުގެ ތެރެއަށް!

ފްރެންޗައިޒްޑް އުސޫލުން ރާއްޖެ ގެނައި ފުރަތަމަ ރިއަލިޓީ ޓީވީ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ކާމިޔާބު ސީޒަނެއް ހައިރާންކުރުވަނިވި ގޮތަކަށް ނިންމާލުމަށް ފަހު ދެ ވަނަ ސީޒަނުގެ ތައްޔާރީގައި މިދިޔަ ހަފުތާގައި އައްޑޫ ސިޓީ އަށް ގޮސް މޯލްޑިވިއަން އައިޑޮލްގެ ޓީމުން އެ ވަނީ އާ ސީޒަނުގެ ފުރަތަމަ އޮޑިޝަން ޝޫޓްކޮށް ނިންމައިފި އެވެ. އަދި އެއަށް ފަހު އައިޑޮލްގެ ނޫ ރިޔަލުގައި ހދ. ކުޅުއްދުއްފުއްޓަށް އައިސް މިއަދު މި އޮތީ ދެ ވަނަ އޮޑިޝަނުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

އެކަމަކު މި ކާމިޔާބީ އާއި ބުރަ މަސައްކަތަށް އަތް ޖަހައި ތައުރީފު އޮއްސުމުގެ ބަދަލުގައި އަދިވެސް ބައެއް މީހުން ކުރާ ސުވާލެއް އެބައޮތެވެ. – މޯލްޑިވިއަން އައިޑޮލް އިން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ -- މި ބޮޑު ސުވާލެވެ.

ކިތަންމެ ބޮޑު ސުވާލަކަސް، އޭގެ ޖަވާބު ވަރަށް ކުރުވެފައި ފޮންޏެވެ! އެކަމަކު އެ ޖަވާބެއް ވެސް އޮތީ ސުވާލެއްގެ ސިފައިގަ އެވެ. އެއީ މޯލްޑިވިއަން އައިޑޮލް އިން ނުކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟

ހަމަ އަސްލަށް ވެސް، މި ޝޯއަކަށް ފާޑުކިޔަން ކެތްމަދުވެފައި ތިބި ފަރާތްތަކުން ވިސްލާންވީ މި ކަންކަމަށެވެ. އަހަރު ދެކޮޅު މި ޝޯއެއް ބާއްވާ ކަމަށް ހީކޮށް ފާޑުކިޔާ މީހުންނަށް ވެސް ބުނެލަން އޮތީ މި ވާހަކައެކެވެ. އަހަރު ދެކޮޅު ވެސް މި ޝޯއެއް ބާއްވަންވީ އެވެ! ނުބާއްވަންވީ އެއްވެސް ސަބަބެއް ހަގީގަތުގައި ނެތެވެ.

ވީހާ ވެސް ގިނަގިނައިން އައިޑޮލް ބާއްވަން ޖެހޭ ސަބަބުތަކާއި މި ޝޯއަކުން އަހަރެމެން ދިވެހިންނަށް ކުރާ ފައިދާތަކުގެ ވާހަކަ ތިރީގައި މި އަންނަނީ އެވެ.

ހައްލުނުވި ބައިބައިވުމަށް މިއީ ވެކްސިނެއް!

ދިވެހިންގެ މެދުގައި، އެއްބަޔަކު އަނެއްބަޔަކާ މެދު އޮތް ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ތައައްސަބަށް ފުޓްބޯޅައިން ވެކްސިން ދީގެން މި ގައުމު އެކަތިގަނޑަކަށް ހެދި ޒަމާނެއް ނުވަތަ ދުވަސްވަރެއް ދިޔަ އެވެ. އޭރު ކީ ލަވަތަކުގައި ވެސް ގައުމީ ރޫހާއި ޖޯޝު ގެނައީ ފުޓްބޯޅައިން ފޯރި ނަގައިގެންނެވެ.

ކުރުގޮތަކަށް ބުނާ ނަމަ ފުޓްބޯޅަ އޭރު ދިވެހިންނަށް ފެނުނީ، ސިހުރު ފަންޑިތަ ހާހޫރަށްވުރެން ވެސް ބާރުގަދަ، ބޮޑު، ބޭސްގުޅައެއްގެ ގޮތުގަ އެވެ. އެއީ ހުރިހާ ކަމަށް އޮތް ހައްލެއްގެ ގޮތުގަ އެވެ.

މިސާލަކަށް އޭރު ކިޔައި އުޅުނު ލަވަ އާއި ޖެހި ލަވަތަކުން ވެސް އެކަން އެނގެ އެވެ.

"އަހަރެންގެ އަޒުމާ އުއްމީދަކީ، ފުޓްބޯޅައިން މުޅި ގައުމަށް ފައިދާކޮށްދޭނަން."

އެހެންވީމަ ކަން އޭރު އޮތީ މިހެންނެވެ. އެކަމަކު މިއަދުގެ ބޮޑު މަންޒަރަށް ބަލަނީ ކަމުގައި ވަނީ ނަމަ، މަތީގައި އެ އޮތް ލަވައިން "ފުޓްބޯޅަ" ކަނޑައި ނަގައި އެއްލައިލުމަށް ފަހު އެތަނުގައި ލިޔަން ޖެހެނީ، "ލަވަކިޔުމުން" މިހެންނެވެ. މިހެން ނުލިޔުނަސް، ގާތްގަނޑަކަށް އެ ރިޕްލޭސްމަންޓެއް މި ވަނީ ގައުމަށް އައިސްފަ އެވެ.

ހުރިހާ ވެސް ޝުކުރެއް މޯލްޑިވިއަން އައިޑޮލްގެ "ގަދަ ހުމަށެވެ."

އެއްގޮތަކަށް ވެސް ފުޓްބޯޅަ އަށް އޮތް ފޯރި އާއި ލޯބި ގެއްލިގެން ދިޔަ ވާހަކައެއް ނޫނެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް އިން ދިވެހިން މި ވަނީ ގައުމު އެއްބައިވަންތަކޮށް އެކުވެރިކޮށް ލޯބިއާލާކުރާނެ އާ މާހައުލެއް ތަނަވަސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް މިކަން ފާހަގަކުރަން ޖެހެނީ، ކުރިން ފުޓްބޯޅައިން ގައުމަށް ގެނުވި ފޯރިއާއި އުފާވެރިކަމަށްވުރެން ވެސް ބޮޑު އުފާވެރިކަމެއް އައިޑޮލްގެ ކުލަތަކާއި ލަވައާއި މިއުޒިކުން ގެނެސްދީފައިވާތީ އެވެ.

ސިޔާސީ ގަދަ ހޫނުގައި ބައިބައިވެފައި އޮތް ގައުމެއް އަލުން އެކަތިގަނޑަކަށް ހަދައިދޭނެ އޯލްޓަނޭޓިވް ސޮލިއުޝަނެއް މޯލްޑިވިއަން އައިޑޮލް އިން މި ވަނީ ނެރެވިފަ އެވެ. ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ހަގީގަތް އޮތީ މިހެންނެވެ.

އެތައް ބައެއްގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ރާގު ކުޅެނީ!

އެންމެ ފުރަތަމަ، މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަނުގެ ގްރޭންޑް ފިނާލޭއާ ހަމައިން ފަށައިގަންނަމާ ހިނގާށެވެ. އައިޑޮލް ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ހުވަފެން މި ޝޯގެ ޓްރޮފީ އާއި އިނާމުތަކުން އެ ވަނީ ގާތްގަނޑަކަށް ހަގީގަތަކަށް ހަދައިފަ އެވެ. ޕްރޮފެޝަނަލް ލަވަކިޔުންތެރިޔަކަށް ވާން ބޭނުން ނުވިޔަސް ލައިޝާ އަށް އެ ވަނީ ލަވަކިޔައިގެން އޭނާގެ ޕްރޮފެޝަންގެ މައިދާނުން ދޮރު ހުޅުވައިދީފަ އެވެ.

އެހެންވީމަ މި ޝޯގެ ފައިދާކުރަނީ ހަމައެކަނި ލަވަކިޔަން ބޭނުންވާ މީހުންނަށް އެކަނި ނޫންކަން ވެސް އެނގިގެންދެ އެވެ.

ރަނަރަޕް، ޝަލަބީ އިބްރާހީމްގެ "އާދައިގެ" ދިރިއުޅުން ބަދަލު ނުވިޔަސް އޭނާގެ މުޅި ދިރިއުޅުން އެ ވަނީ ބަދަލުވެފަ އެވެ. ލިބުނު މަޝްހޫރުކަމާއި އާންމުންގެ ލޯތްބާއެކު އޭނާގެ ހުވަފެންތަކުގައި ވަނީ ކުރިއަށް ވުރެ ކުލަގަދަވެ އުޖާލާވެގެން ގޮސްފަ އެވެ. މީގެ އިތުރުން ތިން ވަނަ ހާސިލުކުރި މުހައްމަދު އިޝާން، މިހެން ގޮސް ވަކި ނަންތަކެއް ކިޔާނެ ކަމެއް ވެސް ނެތެވެ.

އުފާވެރިކަމެއް ބަންޑުންވެގެން އުޅެނީ ނުވަތަ ފުރުސަތުތަކެއް ހުޅުވިގެން އުޅެނީ ކުރިން ފުރުސަތު ލިބިފައި ނެތް ހުނަރުވެރި ލަވަކިޔުންތެރިންނަކަށް އެކަންޏެއް ނޫނެވެ. އެންމެ ތަޖުރިބާކާރު އަދި އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ކެރިއަރަށް ވެސް މޯލްޑިވިއަން އައިޑޮލް އަކީ އެކްސަލް އެނާޖީ ކޭހެއްގެ ބޫސްޓެކެވެ.

މީގެ އިތުރުން ރާއްޖޭގެ އާޓިސްޓުންނަށް ބަލާއިރު އެންމެ ބޮޑަށް ހަނދާން ނައްތާލެވިފައިވާ ފަންނުވެރިންގެ ގޮތުގައި ތިބި ފެޝަން ޑިޒައިނަރުންނާއި މޭކަޕް އާޓިސްޓުންނަށް ހުޅުވިގެން ގޮސްފައިވާ ފުރުސަތުތަކާއި ލިބެމުންދާ ފައިދާތައް ވެސް ގިނަގުނަ އެވެ.

މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ އެވެ. ކުރިން އަބަދުވެސް ރާއްޖޭގައި އެންމެ ގަދަ އަށް ކުރެވޭ އެއް ޝަކުވާއަކަށް ވެފައި އޮތީ ކުޅިވަރާއި މުނިފޫހިފިލުވުމޭ ކިޔަކަސް، މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅިފައިވާ ފަރާތްތަކަށް ފުރުސަތުތައް ނެތް ވާހަކަ އެވެ. – މޯލްޑިވިއަން އައިޑޮލް އަކީ އެންމެފަހުން އެ ޝަކުވާ އަށް ނިމުން ގެނެސްދިން ޝޯއެއްކަން ޔަގީނެވެ.

ރާއްޖޭގެ ރީތިކަން އަނެއްކާވެސް ބައިނަލްއަގުވާމީ ސްޓޭޖަކަށް!

ދިވެހިން ފަހުރުވެރިވާ ވަރަށް ހާއްސަ ދެ ކަމެއް އޮވެ އެވެ. ފުރަތަމަ ކަމަކީ ދިވެހިންގެ ހިތްހެޔޮކަމެވެ. ދެ ވަނަ ކަމަކީ، މި ރާއްޖޭގެ ރީތިކަމާއި އަޖާއިބުކުރުވަނިވި ކަމެވެ. މިއީ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ދިވެހިންނާއި މި ރާއްޖެއެއް އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތް ދެ ގޮތެވެ.

ދިވެހިންގެ މި ރީތި ސިފަ އާއި ރީތިކަން ވިއްކައިގެން އާމްދަނީއެއް ހޯދައި އޭގެ މަތީގައި ދިރިއުޅެމުން ގެންދާތާ އެތައް ޒަމާނެއް ވަނީ އެވެ. އެކަމަކު އަދިވެސް މި ރީތިކަން މާކެޓްކުރަން ޖެހިފައިވާ އެތައް މާކެޓެއް އަދި މި ރީތިކަމުގައި ފޮރުވިފައިވާ ދިވެހިންގެ ހުނަރުވެރިކަން ވެސް ބޭރަށް އެކްސްޕޯޓްކުރުން އަދި ކުރިއަށް އޮތީ އެވެ.

މިހުރިހައި ސަބަބުތަކަކަށް ބަލާއިރު ވެސް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު ވަރަށް މުހިންމުވެފައި ދިވެހިންނަށް ވަރަށް އުހެވެ. ޔަގީނަށް ވެސް އައިޑޮލްގެ ފުރަތަމަ ސީޒަނަކީ ދިވެހި ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ކުޅަދާނަކަން ބޭރު ދުނިޔެ އަށް ގެންގޮސްދިން މިސާލެކެވެ.

ވިޔަފާރީގެ އާ ދޮރުތަކެއް ހުޅުވައި އުކުޅުތަކެއް ދަސްކޮށްދީފި

ޓީވީ ޝޯއެއް، ވިޔަފާރި ނަފާ ލިބޭ ބޮޑު ކާނިވަލަކަށް ބަދަލުކޮށްލެވިދާނެ ކަމަކަށް ދިވެހިން މީގެ ކުރިއަކުން ގަބޫލުކުރިހެނެއް ހީއެއް ނުވެ އެވެ. ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ކުޑަތަނެއްގައި އެކަން މިހައި ކާމިޔާބުކަމާ އެކު ކުރެވިދާނެ ކަމަކަށް އެއްވެސް ބަޔަކު ގަބޫލުކުރިހެން ހީއެއް ނުވެ އެވެ.

ނަމަވެސް މޯލްޑިވިއަން އައިޑޮލް އިން މި ވަނީ އެކަން ވެސް ކާމިޔާބުކޮށް ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުސަތުތަކެއް ތަނަވަސްކޮށް، ވިޔަފާރީގެ ޒަމާނީ އުކުޅުތައް ވެސް ވަރަށް ރަނގަޅަށް އެމީހުންނަށް ދަސްކޮށްދީފަ އެވެ. ޒަމާނީ ވިޔަފާރިއެއްކުރަން ބޭނުންވާ އެންމެންގެ ހިތް ވެސް މިއަދު ބަންޑުންވެފައި މި ވަނީ މޯލްޑިވިއަން އައިޑޮލް ޝޯ އަށެވެ.

މިފަދަ މިފަދަ އެތައް ސަބަބުތަކަކާ ހެދި މި ޝޯއެއް މި ވަނީ ރާއްޖޭގައި މިއަދު އެންމެ ޑިމާންޑްބޮޑު އަދި ގިނަ ބަޔަކު ޝައުގުވެރިވާ ޝޯއަށް ބަދަލުވެފަ އެވެ. އެހެންވީމަ، ބަޔަކު މީހުންނަށް އޮޅިގެން ނަމަވެސް އެ ބުނެވޭ ގޮތަށް، އަހަރު ދެކޮޅު ވެސް މި ޝޯއެއް ބާއްވަންވީ އެވެ.

މޯލްޑިވިއަން އައިޑޮލް ދިވެހިންގެ ކެއުމާއި ބުއިމާއި ނިދުމަށް ވެއްޖެ އެވެ! -- ވެ ނިމިއްޖެއެވެ! -- ހދ. ކުޅުދުއްފުށިން: އަހުމަދު ނަދީމް