މިހާރު ކުރިއަށްދާ "މޯލްޑިވިއަން އައިޑޮލް" ޝޯއަކީ މިހާރު އެންމެންގެ އެއްޗެކެވެ. ނަމަވެސް މި ޝޯ އެންމެ ހާއްސަވާ ބަޔަކީ ޒުވާނުންނޭ ބުނުމުގެ ފުރުސަތު ބޮޑެވެ. ސަބަބުންތައް މަދެއް ނޫނެވެ. ޒުވާން ހުނަރު ތަރައްގީ ކޮށް ދިނުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފޮރުވިފައި އޮތް ހުނަރުތައް ހާމަކޮށް ދިނުމެވެ. މިފަދަ ގިނަ މި ސަބަބަށްޓަކައި މި ޝޯގައި ރާއްޖޭގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ދިރާގު މިދަނީ ބައިވެރިވެރި ވަމުންނެވެ.
މޯލްޑިވިއަން އައިޑޮލް ފުރަތަމަ ސީޒަން އެކޭ އެއްގޮތަށް ދެވަނަ ޝޯގައި ވެސް އެ ކުންފުނީގެ ހިއްސާ ވަރަށް ބޮޑެވެ. މިއީ މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސާ ދިރާގު އެވެ.
"މި ޝޯ [މޯލްޑިވިއަން އައިޑޮލް] ރާއްޖެ ގެންނަ ވާހަކަ އިއުލާނު ކުރި ދުވަހު ދިރާގުން ޝައުގުވެރިކަން ފާޅުކޮށްފިން. ހަގީގަތުގައި ދިރާގުން މިހާ ބޮޑަށް ޝައުގުވެރިވަނީ މިއީ އިންޓަނޭޝަނަލް ފްރެންޗައިޒަކަށްވެފައި، މީގެ ސަބަބުން ޒުވާން ހުނަރު ފެންނާނެތީ،" ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.
ގައުމީ ޓީވީ ހިންގާ، ކުންފުނި ޕީއެސްއެމް އިން ދައްކަމުން ގެންދާ "މޯލްޑިވިއަން އައިޑޮލް" ފުރަތަމަ ސީޒަނެކޭ އެއްގޮތަށް ދެވަނަ ސީޒަން ވެސް ދަނީ ވަރަށް ޝައުގުވެރިކޮށެވެ. ވަކިން ހާއްސަކޮށް މި ޝޯ ދައްކަން ފެށުމާއެކު ގިނަ ބަޔަކު ދަނީ ޝޯ ބަލަމުންނެވެ.
މީގެ އިތުރުން، ދިރާގު މި ޝޯގެ ޓައިޓްލް ސްޕޮންސާގެ ގޮތުގައި ހަމަޖެހުން ވެގެން ގޮސްފައިވަނީ ޝޯގެ ހައިބަތު އިތުރުވި ކަމަށެވެ.
މިރުޝާން ވިދާޅުވި ގޮތުގައި މިޝޯއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގެ ހުނަރު ދައްކާލަން މިހާރު ރާއްޖޭގައި ދައްކާ އެންމެ ބޮޑު ޝޯ ކަމަށެވެ.
"ހަގީގަތުގައި މިޝޯގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުނަރު ދައްކާލަން ފުރުސަތު ލިބިގެން ގޮސްފި. މިއީ މީގެ އެންމެ ބޮޑު އެއް މަގުސަދަކީ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގަކީ އިޖުތިމާއީ ޒިންމާ އަށް ހާއްސަ އިސްކަމެއް ދޭ ކުންފުންޏެވެ. ހާއްސަކޮށް މި ބޮޑު ޒިންމާގެ ތެރެ އަށް ޒުވާނުން ތަރައްގީ ކުރުން ހިމަނާފައިވަނީ އެންމެ ކުރީ ސަފުގަ އެވެ. އެހެންވެ އެ ކުންފުނިން ޒުވާނުންނަށް އަބަދު ވެސް ހާއްސަ ސަމާލު ކަމެއް ދެ އެވެ.
"މި ޝޯގެ ވަރަށް ބޮޑު ފޯކަސް އަކަށްވެފައި އިނދޭ ޒުވާނުންގެ ޓެލެންޓް. އެކަމުގެ ޝައްކެއް ވެސް ނެތް. ވަރަށް ތަފާތު ޓެލެންޓް ފެނިއްޖެ. ހީނުކުރާ ވަރުގެ އާޓިސްޓުން ފެނިއްޖެ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ދަނީ މިޝޯގެ ތަރިންނަށް ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދެމުންނެވެ. މީގެ ހެއްކަކީ ފުރަތަމަ ސީޒަންގައި އެންމެ ވިދުންގަދަ ތަރިން ކަމަށްވާ ޝަލަބީ އާއި އިޝާން އަދި ލައިޝާ އަށް ދިރާގު އެމްބެސެޑަރުކަން ދިނުމެވެ.
"ސީޒަން 2 ގައި ތަފާތު ޓެލެންޓްތައް ފެނޭ. މިކަހަލަ ކޮމްޕެޓިޓިވް ލެވަލްއެއްގައި މި ދަނީ،" މިރުޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމަކީ ދިރާގުން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"ޕީއެސްއެމްއަކީ ވެސް ދިރާގުގެ ލޯންގްޓާމް ޕާޓްނަރެއް. ޕީއެސްއެމްގެ ދައުރު ވަރަށް ބޮޑު މުނިފޫހި ފިލުވުމުގައި. މިޝޯގެ ސަބަބުން ޕީއެސްއެމް ޓީމަށް ވެސް ވަރަށް ބޮޑު ތަޖުރިބާއެއް ލިބޭ،" މިރުޝާން ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވީ މޯލްޑިވިއަން އައިޑޮލްއަކީ މިހާރު އެންމެ ގިނަ މީހުން ބަލާ ޝޯ އަށް ވުމުން އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑު ކަމަށެވެ.
"މިފަދަ ޝޯއަކާއެކު ދިރާގުގެ ބްރޭންޑް އެސޯސިއޭޓްވުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއް. ބްރޭންޑް މީހުންގެ ތެރޭގައި ފެނިގެން ދިއުމަކީ ލިބޭ ބޮޑު ކުރިއެރުމެއް،" މިރުޝާން ވިދާޅުވި އެވެ.
ކޮންމެއަކަސް ދިރާގު މިއޮތީ މޯލްޑިވިއަން އައިޑޮލް ކުރިއަށް ގެންދިއުމަށް އެންމެ ކުރީ ސަފުގަ އެވެ. އެ ކުންފުނި ކުރީ ސަފަށް ނުކުތް މައިގަނޑު ސަބަބަކީ ޒުވާން ހުނަރު ދިރުވުމެވެ.