ރިޕޯޓް

ރަންފުށްޓާއި ދަނޑުވެރިފުށީގެ ވާހަކަ!

Oct 22, 2016
4

އެއްޒަމާނެއްގައި ކަނޑުގެ އެތައް ރާސްތާއެއްގެ ދުރުގައި ވަރަށް ކައިރިކައިރީގައި ދެރަށް އޮތެވެ. އެއީ ރަންފުށްޓާއި ދަނޑުވެރިފުށްޓެވެ. ރަންފުށީގައި އުޅުނު މީހުންނަށް ކިޔަނީ ރަންނަމާލިންނެވެ. ރަންފުށީގެ ބިންގަނޑު ރަނގަޅުވެ، ރަނގަޅު މުޑުވަން ލިބޭތީގެ ވަރަށް ގިނައިން ތަރުކާރީއާއި މޭވާ ހައްދައެވެ.

ރަންނަމާލިންނަށް ސާފުބޯފެން ލިބުމަށް އެއްވެސް ދަތިކަމެއް ދިމާނުވެއެވެ. ސަބަބަކީ ރަންފުށީގެ ސާފު ކޯރުތަކާއި ފަރުބަދަތަކުގެ މަތިން ދެމޭ ފެނުގެ ސަބަބުންނެވެ. ސާފު ބޯފެން ލިބުމުގެ އިތުރުން މި ކޯރުތަކާއި ފަރުބަދަތަކަކީ އާޢިލާތައް ހިތް އުފާ ކޮށްލުމަށް ގޮސް އުޅުނު ހިތްގައިމު ތަންތަނެވެ. ރަންފުށީގެ ގޮނޑުދޮށާއި ވަށައިގެންވާ މޫދާއި ކަނޑުގެ ސަރަހައްދުގައި ކުނީގެ އެއްވެސް މައްސަލައެއް ދިމަލެއް ނުވެއެވެ. ނުހަނު ސާފުތާހިރެވެ. ރަންފުށީގެ ކައިރީގައިވާ ކަނޑުއޮޅިތަކަކީ މަސްވެރިކަން ތިޔާގި ތަންތަނެވެ. ކަނޑުމަހާއި ފަރު މަސްވެރިކަން ވަރަށް ވެސް ރަނގަޅެވެ.

ރަންފުށްޓަށް ރަންފުށީގެ ގޮތުން ނަންދެވިފައިވަނީ އެރަށުގައި ރަން ގިނަކަމުންނެވެ. ރަންފުށްޓަކީ ރަން ތިޔާގި ރަށެކެވެ. ރަށުގެ އަންހެންވެރިން ރަނުގެ ގަހަނާއަށް ވަރަށް ލޯބިކުރެއެވެ. ރަންފުށީގެ ރައްޔިތުން ފައިސާގެ ގޮތުގައިވެސް ބޭނުން ކުރަނީ ރަނުގެ ފައިސާ އެވެ. ރަންފުށީ ކަތީބުގެ ނަމަކީ ރަންބެ އަޙުމަދެވެ. ރަންބެ އަޙުމަދަކީ ރަންފުށީގެ ރަނުގެ ފައިސާ ޖަހާފަރާތެވެ.

ރަންފުށީގެ ރައްޔިތުން އުޅެމުންދިޔައީ ވަރަށް އުފާވެރި، އެކުވެރި ދިރިއުޅުމެކެވެ. ރަންފުށީގައި ދަރަނި ދިނުމާއި އަދާ ކުރުމުގައި ރިބާ ކެއުމެއް ނޯވެއެވެ. މަދުމަދުން ގަދަވަޔާއިއެކު އުދައެރުމުގެ ސަބަބުން ބައެއް މީހުންގެ ގެތައްވެއްޓި ބޮޑެތި ގެއްލުންވެއެވެ. އެހެނަސް، ރަށުގެ އެކުވެރިކުގެ ސަބަބުން ރައްޔިތުންގެ އެހީތެރިކަމާއެކު ވެއްޓުނު ގެތައް އިސާހިތަކު އަލުން އާރާސްތުކޮށްލައެވެ.

ދަނޑުވެރިފުށީގެ މީހުންނަށް ކިޔަނީ ދަނޑުމަތިމާލިންނެވެ. ރަށުގެ ބޮޑަކަށް އުޅުނީ ދަނޑުގެއަލިބެ އެވެ. ރަންފުށްޓެކޭ އެއްފަދައިން ދަނޑުވެރިފުށީގައި ވެސް ދަނޑުވެރިކަން ވަރަށް ރަނގަޅެވެ. ދަނޑުމަތިމާލިން ދިރިއުޅުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގެ ތެރޭގައި ޖަނަވާރުން ގެންގުޅުން ވެސް އެއީ ވަރަށް ގިނަމީހުން ކުރާކަމެކެވެ. ބައެއް ދަނޑުމަތިމާލިން އަތްތެރި މަސައްކަތުގައި ވަރަށް ހުނަރުވެރި ބައެކެވެ. އެމީހުން ތައްޔާރު ކުރާ ހިފާގެންގުޅޭ އާލާތް ވަރަށް ގިނައިން ގަންނަން ލިބެން ހުރެއެވެ.

ދަނޑުވެރިފުށީގެ މީހުންވެސް އުޅެމުން ދިޔައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. އެކުވެރިކަމާއި އެހީތެރިކަމުގެ ދިރިއުޅުމެކެވެ. ނަމަވެސް، ދަނޑުރެވިފުށީގެ މީހުންނަކީ ފިކުރީ ގޮތުން ރަންފުށީ މީހުންނަށްވުރެ ނާތަހުޒީބު ބައެކެވެ. އެހެންކަމުން ދަނޑުވެރިފުށީ މީހުންނަށް ފައިސާގެ ބޭނުންކުރާނެ ގޮތެއް ނޭނގެ އެވެ. އެބައިމީހުން ފައިސާއެއް ބޭނުމެއް ނުކުރެއެވެ. ތެކެތި ގަނެ ވިއްކަނީ އެކަތި އަނެކެއްޗަށް ބަދަލުކުރާ އުޞޫލުންނެވެ. އެއީ ބާޓާގެ އުޞޫލުންނެވެ.

ދަނޑުވެރިފުށީގެ ކަމުވޮށިގެންވާ ބައެއް މީހުން ބުނެއެވެ. ރަންފުށީގެ މީހުން އިޤުތިޞާދީގޮތުން އެއުޅެނީ ތިމަންނަމެންނަންވުރެ މާކުރީގައެވެ. ދަނޑުވެރިފުށީ މީހުންނަށް އަބަދުވެސް ހީވަނީ ރަންފުށީ މީހުންނަށް އެމީހުންނަންވުރެ ގިނަ ނިޢުމަތްތައް ދެއްވާފައިވަނީ އެވެ. މަދުމަދުން ރަންފުށީގެ ވިޔަފާރިވެރިންނާއިއެކު ބާޓާގެ އުޞޫލުން ވިޔަފާރިވެސް ކުރެއެވެ. ނަމަވެސް، ފައިސާގެ ޙިޔާލެއް ނުވަތަ އެކަންކުރާނެ ގޮތެއް ނުވިސްނެއެވެ
.
އެއްދުވަހަކު ގަމީސްލައި ޓައި އަޅައި ކޯޓާއި ކޯޓުފަޓުލޫނު ލައިގެން، އަވިއައިނު އަޅާގެން، ދެމީހަކު ރަންފުށްޓަށް ބޮޑު ސިންގާ ނަވެއްގައި އައިސް ފޭބި އެވެ. މި ދެމީހުންގެ ނަމަކީ އާރް އާއި ތޫރު އެވެ. މިވެރިންނަކީ ހުޅަނގުފުށިން އައި ދެމީހުންނެވެ. ރަންނަމާލިންނަކީ އިހުޒަމާނުންސުރެ މެހުމާނުންނަށް ކަމޭހިތުމައި ހެޔޮކަމުގައި އަރާތިބި ބައެކެވެ. އެފަދައިން، އާރް އާއި ތޫރު އަށްވެސް ވަރަށް ހެޔޮކޮންހިތައި މަރުޙަބާކީ މަތިވެރި މެހުމާނުދާރީއަކުންނެވެ. އާރް އާއި ތޫރު، އެދެމީހުންގެ ނެވިކަމުގެ ތަޖުރިބާގެ ވާހަކަތަކުން ރަންނަމާލިންގެ ސަމާލުކަން ވަރަށް ފުރިހަމަޔަށް އަތުލައިގަތެވެ.

އެދެމީހުން ރަންނަމާލިންނަށް އެހެން ދުރުގައިވާ ގައުމުތަކުން ގެނެސްފައިވާ ރަނުގެ ފައިސާފޮއްޗާއި ފައިސާގެ ނޫޓުތައް ދައްކާލިއެވެ. ރަންނަމާލިންނަށް އޭގެ ކުރިން ފައިސާގެ ނޫޓު ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަދި މިކަރުދާހުގެ ނޫޓުގައި ރަންނަމާލިންގެ އެންމެ މަގުބޫލު މޭވާ ކަމުގައިވާ ކުރުނބާ އިހަލުގެ ތަސްވީރެއް ޖަހާފައި ވެއެވެ. މީގެ އިތުރުން ފައިސާގެ ނޫޓު ޕްރިންޓްކުރާ މެޝިނެއްވެސް ދައްކާލިއެވެ.

ވާ...ވާ... މިހިރީވެސް ހަމަ އިންސާނުންގެ އުފެއްދުންތާއޭ! މިދެން ހާދަހާއޭ ފުރިހަމައީ ރަންނަމާލިން ހިތާހިތާ ކިޔާލިއެވެ. ހުޅަނގުފުށީ މީހުން ރާބޮއެގެންތިބެ ކުރާ ކަންކަން ހާދަހާއޭދެން މޮޅީ ރަންބެ އަޙުމަދު ބުންޏެވެ. ރަންފުށީގެ މީހުން އާރް އާއި ތޫރު ދެކެ ވަރަށް ގަޔާވެ، އެރަށުގައި މަޑުކުރުމަށް އެދުނެއެވެ.

އާރް އާއި ތޫރު ރަންނަމާލިންނަށް ބޮޑު ޖަލްސާއަކަށް ދައުވަތު ދިނެވެ. ރަންނަމާލިންނާ މުޙާތަބުކޮށް އާރު ވާހަކަދެއްކީ ރަންފުށީގައި ބޭންކެއް ހުޅުވުމުގެ މުހިތްމުކަމުގެ މައްޗަށެވެ. ތޫރުގެ ވާހަކަ ބިނާކުރީ ބޭންކު ހިނގާނެ ގޮތުގެ މައްޗަށެވެ. އެގޮތުން، ބޭންކަކީ މީހުންގެ އަތުގައި ހުރި ރަންތައް ފަސޭހަކަމާއި ރައްކާތެރިކަންމަތީ ރައްކާކުރެވޭނެ ތަނެއްކަމާއި އަދި އެގޮތުން ޖަމަޢުކުރެވޭ ރަނުގެ ތެރެއިން ބޭނުންނުކޮށްހުނަ ރަނުން ދަރަނި ދީގެން ރަންފުށީގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކުރެވޭނެކަމުގެ ޔަޤީންކަން ތޫރުގެ ތަޤުރީރުގައި ދިނެވެ. ރަންނަމާލިންނަކީ ތަހުޒީބާއި ތަމައްދުންއަށް އަބަދުވެސް ވަރަށް އިސްކަންދޭ ބައެއްކަމުން އާރް އާއި ތޫރުގެ ޙިޔާލު އެއީ ވަރަށް ރަނގަޅު ޙިޔާލަކަށްވިއެވެ.

އާރް އާއި ތޫރު ރަންފުށީގައި ބޭންކުގެ އިމާރާތް އެޅިއެވެ. ބޭންކުގެ އެތެރޭގައި ރަން ރައްކާކުރާނެ ވަރަށް ޚާއްޞަ ތިޖޫރީއެއް ވެސް ހުރެއެވެ. މިގޮތުން ރަންފުށީގައި ފުރަތަމަ ބޭންކު ހުޅުވުނެވެ.

ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރަންނަމާލިން ދުވަހަކ ުވެސް ނުދެކޭހާ ފުރިހަމަ ޙަފުލާއެއް ބޭއްވުނެވެ. ވަރަށް ފުރިހަމަ ފަރީކޮޅަކާއިއެކު ރަސްމިއްޔާތު ނިމިގެން ދިޔައެވެ. ކާއެތިކޮޅެއްގެ ކައިރިޔަށް ހިނި ޖަމަޢުވާ ގޮތަށް ބޭންކަށް މީހުން ޖަމަޢުވާންފެށިއެވެ. އެމީހުންގެ ގޭގައި ރައްކާކުރެވިފައިހުރި ރަންތައް ބޭންކުގައި ރައްކާކުރުމަށެވެ. ރަން ޖަމަޢުކުރާ ކޮންމެ މީހަކަށް އެމީހަކު ޖަމާކުރި ރަނުގެ ނިސްބަތުން އެކަން އަންގައިދޭ ކަރުދާސް ކޮޅުތަކެއް ދެއެވެ.

މި ކަރުދާސް ކޮޅުތައް ހުންނަނީ އެއްކަލަ އަޖައިބު ފައިސާ ޗާޕުކުރާ މެޝިނުން ޗާޕުކޮށްފަ އެވެ. އާރް އާއި ތޫރުގ ސޮއިވެސް ކުރެވިފާވެއެވެ. މި ގޮތުން ދޫކުރެވޭ ޗިޓުކޮޅު ގެނައުމުން އެމީހެއްގެ ރަން އެމީހަކަށް ލިބެއެވެ. މާގިނަ ދުވަހެއްނުވެ، ރަނުގެ ބަދަލުގައި ދޫކުރާ ޗިޓުކޮޅުތައް ރަންފުށީގެ ފައިސާއަށް ވެއްޖެއެވެ. ރަނުގެ ބަދަލުގައި އެއްކަލަ ކަރުދާސް ޗިޓުތައް ފައިސާގެ ގޮތުގައި ބޭނުންކުރުން ވަރަށް ފަސޭހަ ކަމަކަށްވެ،

ރަންފުށީގެ މީހުން ވަރަށް އުފާކުރެތެވެ. ރަންފުށީގެ މީހުން ވަކިން ޚާއްޞަކޮށް އުފާކުރާކަމަކީ ރަށުގެ އެންމެން ލޯބިވާ ރަންބެ އަޙުމަދު ރުކެއްގެ ދޮށުގައި ކުރުނބާ ބޯން އިންނަ ތަސްވީރެއް ވެސް ޗިޓުކޮޅުތަކުގައި ޗާޕުކުރެވިފައި ވުމެވެ. ރަންބެ އަޙުމަދު ވަކިން އުފާކުރެއެވެ. އޭނާ ދެކޭގޮތުގައި އޭނަގެ ޤަދަރު އިހުނަންވުރެވެސް މިހާރު ރަންފުށީގައި ބޮޑެވެ
.
ރަންފުށީގެ ރައްޔިތުން އެމީހުންގެ އަތުގައި ހުރިނަމަހުރި ރަނެއް ބޭންކުގައި ރައްކާކުރިއެވެ. މިގޮތުން 10،000 ރަންފޮތި ބޭންކުގައި ޖަމާކުރެވުނެވެ. މިހާރު ރަންފުށީގައި ދައުރު ކުރަނީ އެއްކަލަ ޗިޓްކޮޅުތަކެވެ. މިހާރު އެއްވެސް މީހަކު ވިޔަފާރިކުރުމަށް ރަން ބޭނުމެއް ނުކުރެއެވެ. ރަންނަމާލިންގެ މުޢާމަލާތްކުރުމަށް މި ލިބުނު ފަސޭހަމަށްޓަކައި ވަރަށް އުފާކުރެއެވެ. ރަންފުށީމީހުން އާރް އާއި ތޫރުއަށް އިންތިހާއަށް އިތުބާރު ކުރެއެވެ. އެހެންނޫންތޯއޭ ވާނީ! ޗިޓްކޮޅު ހިފައިގެން ދާ ކޮންމެ މީހަކަށްވެސް ހަމަ ދާއިރަށް އެމީހެއްގެ ރަންލިބެއެވެ. އާރް އާއި ތޫރުގެ ޤަދަރު އުފުލި އެންމެ ބޮޑު ދެ ޤަދަރުވެރިންނަށް ވިއެވެ
.
ދަނޑުވެރިފުށީ މީހުންނަށް މި ޚަބަރުލިބި ވަރަށް އަޖައިބު އަންތަރީސްވިއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، ދަނޑުވެރިފުށީގެ ކަމުވޮށިގެންވާ މީހުންގެ ވަފުދެއް އާރް އާއި ތޫރުއާ ބައްދަލުކުރުމަށް ރަންފުށްޓަށް ޒިޔާރަތްކުރިއެވެ. އަދި ދެންނެވިއެވެ! އޭ ރަންފުށީގެ ދެ ޤަދަރުވެރިންނޭވޭ! ތިމަންނަމެންނަށްވެސް ތިފަދައިން ތިކަން ކޮށްދެއްވަންވީ ނޫންތޯއެވެ؟ އާރް އާއި ތޫރު ދަނޑުމަތިމާލިންގެ ވަފުދު އެދުނު ފަދައިން ދަނޑުވެރިފުށީގައި ބޭންކެއްގެ އިމާރާތްކޮށް، ބޭންކު ހިންގުމަށް ތޫރު ހަމަޖެއްސިއެވެ. ނަމަވެސް، ރަންފުށްޓާއި ޚިލާފަށް ދަނޑުވެރިފުށީގެ މީހުންގެ އަތުގައި ރަނެއް ނުހުރެއެވެ. ތޫރު އެއީ އެއްވެސް މައްސަލައެއް ނޫނޭ ބުންޏެވެ. އަދި ދަނޑުމަތިމާލިންގެ ކޮންމެ އާޢިލާއަކަށް 100 ނޫޓު ދޫކުރިއެވެ. ދަނޑުވެރިފުށީގައި 100 އާޢިލާއުޅެއެވެ. އެހެންކަމުން މުޅިއެކު 10،000 ނޫޓު ދޫކުރެވުނެވެ. މިގޮތުން ނޫޓާ ހަވާލުވާ ކޮންމެ އާޢިލާއަކުން އެގްރީމެންޓެއްގައި ސޮއިކުރަން ޖެހެއެވެ. އެއީ 1 އަހަރު ފަހުން ހުރިހާ ފައިސާ އަނބުރާ ގެނައުމާއި އަދި އިތުރު 10 ރުފިއާ ގެނައުމުގެ އެއްބަސްވުމެކެވެ. އިތުރަށް ނެގޭ 10 ރުފިޔާއަކީ ޚިދުމަތުގެ އަގުކަމުގައި ތޫރު ބުނެއެވެ. ބާޓާގެ އުޞޫލުން މުޢާމަލާތް ކުރަމުންދިއަ ދަނޑުމަތިމާލިންނަށް ކަރުދާހުގެ ނޫޓުވެގެންދިއަކީ ވަރަށް ބޮޑު ފަސޭހަޔަކަށެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު، އެއްދުވަހަކު އާރް އާއި ތޫރު ކައިރީގައި އޮތް ފަޅުރަށެއްގައި ބައްދަލު ކުރިއެވެ. އެކަކު އަނެކަކު ދެރަށުގެ ކަންތައް ހުރިގޮތް ކިޔާދިނުމަށްފަހު، މި އޮތީ ހީލަތުގެ މަގު ތަނަވަސް ވެފާކަމުގައި ނިންމިއެވެ. އާރްގެ ހިސާބުތަކުން ދައްކާގޮތުގައި ރަންފުށީގައި ޖަމަޢުކުރެވިފައިވާ ރަނުގެ 90 އިންސައްތަ އަބަދުވެސް ބޭންކުގައި ހުރެއެވެ. އެހެންކަމުން، އެވެރިންގެ ޗިޓުތައް މިހާރު ފައިސާގެ ގޮތުގައި ހަމަ ރަނގަޅަށްވެސް ބަލައިގަނެފިކަން ޔަޤީންކުރެވުނެއެވެ. އެހެންކަމުން އިތުރު 90،000 ޗިޓްކޮޅު ޗާޕުކޮށް ފައިސާގެ ގޮތުގައި ދޫކުރެވެން ފެށުނެވެ. އެގޮތުން އަތުގައި ރަންނެތުމުގެ ސަބަބުން ޗިޓް ލިބުން ދަތިވެފައިވާ ބައެއް އާޢިލާތަކަށް ދަރަނީގެ ގޮތުގައި ޗިޓްދޫކުރެވުނެވެ. އަދި ދަރަނި އަދާކުރާއިރު އިތުރު 15 އިންސައްތަ ޚިދުމަތުގެ އަގުގެ ގޮތުގައި ދައްކަންޖެހެއެވެ.

މާގިނަ ދުވަސްތަކެއްނުވެ، ރަންފުށީގެ ތަކެތީގެ އަގުތައް އުފުލެން ފަށައިފިއެވެ. މިކަން ރަންނަމާލިންގެ އެންމެންގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ނަމަވެސް، މިވަނީ ކީއްކަމެއް ހަމަ އެކަކަށްވެސް ނޭގެއެވެ. އާރު ގެ އަތުން ދަރަނި ނެގި ބައެއް މީހުންނަށް ވަރަށް ބުރަކޮން މަސައްކަތްކުރާއިރު ވެސް އެމީހުންގެ ދަރަނި އަދާ ނުކުރެވެއެވެ. ވިޔަފާރީގެ މާހައުލު އިންތިހާޔަށް ވާދަވެރިވެ، ދޭދޭ މީހުންގެ ދެމެދުގައި އިހުއޮތް އަޅާލުމާއި އޯގާތެރިކަން ކުޑަވާން ފެށިއެވެ.
.
ދަނޑުވެރިފުށީގައިވެސް ހަމަ މިފަދަ ކަންކަން ފާހަގަ ކުރެވެން ފެށިއެވެ. ފުރަތަ ދުވަސްކޮޅު ދަނޑުމަތިމާލިންނަށް ތަކެތީގެ އަގުތައް އުފުލޭކަން ފާހަގަ ނުކުރެވުނު ނަމަވެސް، މީހުންގެ އުޅުން ބަދަލުވާކަން ފާހަގަވާން ފެށިއެވެ. އޯގާތެރިކަން ކުޑަވެ، އެކުވެރިކަން ހީނަރުވާން ފެށިއެވެ. ދަރަނިތައް އަދާކުރުމަށް ފައިސާ ލިބުން ދަތިވެ، ދަރަނި ނުދެއްކެން ފެށިއެވެ. ދަރަނި ނުދެއްކޭ މީހުންގެ އަތުން ދަރަނީގެ ބާކީބައިގެ އަގަށް ހަރުމުދާ ނެގެން ފެށިއްޖެއެވެ.

އެގޮތުން، ޖަނަވާރާއި ގެދޮރާއި މިފަދަ ތަކެތި މީހުންގެ އަތުން ނެގެން ފެށުނެވެ. ރަށުގެ ޤަދަރުވެރި ރަންބެ އަޙުމަދުވެސް ދަރަނި ބޮލުއެޅި، ދަރަނި ނުދެއްކިގެން އޭނާގެ ހަރުމުދާތައް އާރް އާއި ތޫރު އަށް ދޭންޖެހުނެވެ. ރަންބެ އަޙުމަދު ދަރަނި ނުދެއްކޭތީވެ ލަދުން އާރް އާއި ބައްދަލުވެސް ކުރަން ނުކެރެއެވެ. ރަންބެ އަޙުމަދުގެ ބާރާއި ޤަދަރު ކުޑަވެ، މީހުންގެ ކުރިމަތީ އިޙުތިރާމު ކުޑަވެއްޖެއެވެ. އޭގެ ބަދަލުގައި އާރު އާއި ތޫރު ތަނަވަސްވެ، ހުރިހާ ޤަދަރަކާއި އިޙުތިރާމެއް މިހާރު ކުރަނީ އެދެމީހުންނަށެވެ.

މީގެ އަހަރުތަކެއްގެ ކުރިން، ފައިސާ ޗާޕުކުރާ މެޝިނެއް ހިފައިގެން ރަންފުށްޓަށް ޒިޔާރަތްކުރި އާރު އާއި ތޫރު މިހާރު ދެރަށުގެ އެންމެ މުދާގިނަ، އެންމެ ތަނަވަސް ދެމީހުންނަށް ވެއްޖެއެވެ. ދެރަށުގެ ބިމުން ބޮޑުބައެއް މިހާރުވަނީ އާރު އާއި ތޫރުގެ ނަމުގައެވެ. އެހެން މީހުންނަކީ ހުށްޓުމެއްނެތި ބުރަ މަސައްކަތުގައި އުޅޭ، މަސައްކަތުގެ އަޅުންނަށް ވެއްޖެއެވެ. ރަށުގެ ބައެއް މީހުން އުޅެމުންދަނީ ފަޤީރުން ކަމުގައެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން އާޢިލާއަށް ދެވޭ ވަގުތު މަދުވެ، އާޢިލީ މައްސަލަތައް އުފެދެން ފަށައިފިއެވެ. ވަރިގިނަވެ، މަގުމަތީ ބިއްޖެހިފާތިބޭ ޒުވާނުން ގިނަވެއްޖެއެވެ. މިވެރިންގެ ބޯހުންނަނީ ހޭވިފައެވެ. ލައިގެންހުންނަ ޖިންސު ހުންނަނީ ޅިދަންވުރެ ވަރަށް ބޮޑުތަން ތިރީގައެވެ. ވާހަކަ ދެއްކެނީ ދެމޭ ރާގަކުންނެވެ. އެކުވެރިކަން ކުޑަވެ، އެކަކު އަނެކަށް އަޅާލުމަކީ ޤަދީމީ ކަމަކަށް ވެއްޖެއެވެ. އިޖުތިމާޢީ ތަފާތު މައްސަލަތައް އުފެދެން ފަށައިފިއެވެ. ވައްކަންކުރުމާއި ހަށިވިއްކުމާއި މިހެންގޮސް ތަފާތު ވަބާތައް ފެތުރެން ފެށިއްޖެއެވެ. މިހެންގޮސް، ދެރަށުގެ އިޖުތިމާޢީ ފޭރާން ވީދި ވެއްޔާ މޮޑެވިއްޖެއެވެ.

މިހިސާބުންވެސް އާރު އާއި ތޫރުގެ މަސައްކަތް ހުއްޓުނީކީ ނޫނެވެ! އެމީހުންގެ ވަކިތައް އެހެން ރަށްތަކަށާއި މުޖުތަމަޢުތަކަށ ްވެސް ފޯރުކުރަންފެށިއެވެ. މިހާރު އެމީހުންގެ ހުވަފެނަކީ މުޅިދުނިޔޭގައި ވެރިކަން ކުރުމެވެ. ދުނިޔޭގެ ބޭންކެއް އުފައްދާ ދުނިޔޭގެ އެންމެންގެ ފައިސާއެއް އުފެއްދުމެވެ.

އެޑިޓަރުގެ ނޯޓް

ޑރ. އިސްމާއީލް ނިޒާމް އަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް އާއި ޕީއެޗްޑީ ހާސިލް ކުރެއްވުމަށްފަހު މިހާރު މެލޭޝިޔާގައި ވަޒީފާ އަދާ ކުރައްވާ ބޭފުޅެކެވެ. މެލޭޝިޔާގެ އެފްޓީއެމްއެސް ގްލޯބަލް އިން ހިންގާ އިނގިރޭސި ވިލާތުގެ ލީޑްސް ބެކެޓް ޔުނިވާސިޓީ އަދި އަންގިލާ ރުސްކިން ޔުނިވާސިޓީގެ ޑިގްރީ އާއި މާސްޓާސް ޕްރޮގްރާމްތަކުގައި މެނޭޖްމެންޓާއި ފައިނޭންސް، އެކައުންޓިން އަދި އެންޓަޕްރިނިއާޝިޕް ކިޔަވައި ދެއްވަ އެވެ. ޑރ. ނިޒާމް ވަނީ ކުރިން ވަނީ އެކި ދާއިރާތަކަށް ލިޔުވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު އިލްމީ މަޖައްލާ "ދަރުމަ" އަށް ލިޔުއްވި ލިޔުއްވުންތައް ހިމެނެ އެވެ.