ރާއްޖެ ކުޅިވަރު

އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް އިލްހާމް ވާދަ ކުރައްވަނީ

އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގަތި ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދު ނިކުންނަން ތައްޔާރުވެއްޖެ އެވެ.

މިކަމާ ބެހޭގޮތުން އަވަސް އިން އިލްހާމްއާ ގުޅުމުން އޭނާ ވިދާޅުވީ އެކަމާ ބެހޭގޮތޮން އަދި ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ.

ނަމަވެސް އިލްހާމްގެ ޓީމުގެ ހިމެނޭ އޮފިޝަލަކު އަވަސް އަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އިލްހާމް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ނެރުމަށް މަސައްކަތްތައް ފަށައިފައިވާ ކަމަށެވެ. އަދި އެކަމަށް ކުޅިވަރު ހިންގުމުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ޓީމެއް އެކުލަވާލައިފައިވާ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދަކީ އެފްއޭއެމްގެ ރައީސްކަން އިލްހާމް ކުރެއްވިއިރު، އޭނާގެ އެޑްވައިޒަރެވެ. އޮލިމްޕިކް ކޮމީޓިގެ މަގަމުތަކަށް މީހުން ކުރިމަތި ކުރާނީ އެސޯސިއޭޝަންތަކުގެ ފަރާތުންނެވެ.