އަތޮޅުތަކަށް ހުޅުވާލައިގެން އެފްއޭއެމް ބާއްވާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް މެޗް މާލޭގައި ކުޅޭ ގޮތަށް ނިންމައިފި އެވެ.
އެފްއޭއެމް އިން ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ދ. ކުޑަހުވަދު އާއި ތ. ތިމަރަފުށީގައި ބާއްވަން ނިންމާފަ އެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލް ރައުންޑް ކުޅެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ހަތެއްގެ ސްޓޭޑިއަމްގަ އެވެ.
މިއަދު ވަނީ މުބާރާތުގެ ފައިނަލް ބުރުގެ ގުރުލުން ބާއްވާފައެވެ. ކްއާޓާ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހަލައިގެންނެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ހިމެނެނެނީ އދ. މަހިބަދޫ އާއި ގއ. ދެއްވަދޫ އާއެކު ކުޑަހުވަދޫ ހިމެނޭ ގުރޫޕް އޭ ގައެވެ. ތިމަރަފުށި ހިމެނޭ ގުރޫޕްގައި ހިމެނެނީ ބ. އޭދައްފުއްޓާއި ހދ. ހަނިމާދޫގެ އިތުރުން ނ. ލަންދޫއެވެ.
ފުރަތަމަ ސެމީ ފައިނަލް މެޗް ނޮވެމްބަރު މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫ ކުޅެން ހަމަޖެހިފައިވާއިރު، ދެ ވަނަ ސެމީ ފައިނަލް މެޗް އޮންނާނީ ނޮވެމްބަރު މަހު އަށް ވަނަ ދުވަހު ތިމަރަފުށީގައެވެ.
ފައިނަލް މެޗް އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.