ރާއްޖެ ކުޅިވަރު

ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް މާޒިޔާއިން އުފުލާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޝީލްޑް މާޒިޔާއިން ފުރަތަމަ ފަހަރަށް މިރޭ އުފުލާލައިފިއެވެ.

ލީގްގެ އެންމެ ފަހު މެޗްގައި މިރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ލީގްގެ ޝީލްޑް އުފުލާލިއިރު، މާޒިޔާއިން ލީގް ކަށަވަރު ކުރީ، ބާކީ ހަތަރު މެޗް ކުޅެން އޮއްވައި، އީގަލްސް ބަލިވެ، މާޒިޔާއާ އަރައި ހަމަނުކުރެވޭނެކަން ޔަގީން ވުމުންނެވެ.

މީގެ 10 އަހަރު ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި، މާޒިޔާއިން ދިވެހި ލީގް އުފުލާލުމުން އެޓީމު ވަނީ މިހާރު ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

މިރޭ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗް މާޒިޔާއިން ކާމިޔާބު ކުރީ 2-1 ންނެވެ. މާޒިޔާގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

އަސައްކޮ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 26 ވަނަ މިނެޓްގައެވެ. އޭގެ ދެ މިނެޓް ފަހުން، އީގަލްސްގެ މެސަޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯފް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެން ނިކުތުމުން މާޒިޔާގެ ކުޅުން ރަނގަޅުވެ، އެޓޭކްތައް ވަރުގަދަ ކުރިއެވެ.

މާޒިޔާ މެޗްުން މޮޅުވި ލަނޑު އަސައްކޮށް ކާމިޔާބު ކުރީ މެޗްގެ 50 ވަނަ މިނެޓްގައި މުހައްމަދު އުމޭރު ނެގި ކޯނަރެއް ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ކުރިއަށް ދެންމެ އަވަހަށް އޮތީ އެފްއޭކަޕެވެ. އެ މުބާރާތް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާއިރު، އެންމެ ފަހުގެ ޗެމްޕިއަނަކީ މާޒިޔާއެވެ. އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގައި މާޒިޔާ ބައްދަލު ކުރާ މެޗް އޮންނާނީ މިއަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ.