ރާއްޖެ ކުޅިވަރު

ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކީޕަރަކަށް އީގަލްސް ސުޖަން

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ގޯލްކީޕަރަކަށް ކުލަބު އީގަލްސްގެ ގޯލް ކީޕަރު ޝްރީލަންކާގެ ސުޖަން ޕެރޭރާ ހޮވައިފި އެވެ.

ލަންކާގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރުކަން ވެސް ކުރަމުންދާ ސުޖަން އެއް ވަނަ ކީޕަރުކަން ހޯދިއިރު، އޭނާ ވަނީ ލީގްގައި މޮޅު ސޭވްތަކެއް ކޮށްފައެވެ.

އެންމެ ފަހުން ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ވަނީ އަކުރަމް އަބްދުލް ގަނީގެ ޕެނަލްޓީ ދިފާއުކޮށް، އެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުމުން އަވަސްއާ ވާހަކަ ދައްކަމުން ސުޖަން ބުނީ އޭނާއަށް މި އެވޯޑް ލިބުމުގައި އެންމެ ބޮޑު އެހީތެރިޔަކީ އީގަލްސްގެ ގޯލްކީޕަރު ޓްރެއިނާ އަސްލަމް އަބްދު ރަހީމް ކަމަށެވެ.

"ރާއްޖޭގެ އެއް ވަނަ ޓްރެއިނަރު އަސްލަމް ކޯޗާއެކު ޓްރޭން ހެދުމުގެ ފުރުސަތު އަހަންނަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ކުލަބު އީގަލްސްއިން މިފުރުސަތު އަހަންނަށް ދިނީތީ އެކުލަބުގެ ކޯޗުން ސްޓާފުންނާއި މެނޭޖްމެންޓަށް ޝުކުރު އަދާ ކުރަން."

ސޫޖަންއަށް އެއް ވަނަ ކީޕަރުގެ މަގާމު ލިބުމުން، ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަދި ރާއްޖޭގެ އެއް ވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނީ "ސޫޖަން އަކީ ނަމޫނާ ކީޕަރެއް" ކަމަށާއި "ދިވެހި ކީޕަރުން މިކަމުން ފިލާވަޅު ލިބިގަންނަން" ޖެހޭ ކަމަށެވެ.