ރާއްޖެ ކުޅިވަރު

ދިވެހި ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް، ޓީސީ ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ) ހޯދައިފިއެވެ.

ލީގްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، ސެންޓޭ ވަނީ މިހާތަނަށް މިސީޒަންގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް އޭނާ އެވެ.

އަދި ޓީސީ ތިން ވަނައިގައި އޮތުމަށްފަހު، ލީގްގެ ދެ ވަނަ އަށް އެރުމުގައި ސެންޓޭ ވަނީ، ޓީސީގެ ފޯވަޑް ލައިންގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން މިރޭ އަވަސްއާ ވާހަކަ ދައްކަމުން ސެންޓޭ ބުނީ އޭނާގެ ކާމިޔާބުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) އަށް ކަމަށެވެ.

"އަސްލު. މިއީ ކޯޗުގެ ހިތްވަރު، ޕްރެކްޓިސްތަކުގައި ކޯޗު ވަރަށް ރަނގަޅަށް ކިޔައިދޭނެ މެޗްތަކުގައި ފޯކަސް ކުރަންވީ ކޮންކަމަކަށް ކަން. ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރަކީ ކޮބައިކަން ކޯޗަށް ވަރަށް ރަނގަޅަށް އެނގޭ، އެހެންވެ ކޯޗަށް އެނގޭނެ ކުޅުންތެރިންގެ ކިބައިގައި ހުރި ކޮލިޓީ ނެރެދެން،" ނިޒާންބެ އާ ބެހޭގޮތުން ސެންޓޭ ބުންޏެވެ.

އޭނާ ބުނީ މި ކާމިޔާބަކީ މުޅި ޓީސީއަށް ލިބުނު ކާމިޔާބެއް ކަމަށާއި ކާމިޔާބު ލިބުނީ ކުޅުންތެރިން ދިން ސަޕޯޓާއި، ޓީސީގެ މެނޭޖްމެންޓްގެ އެއްބާރުލުމާއެކު ކަން ސެންޓޭ ފާހަގަ ކުރިއެވެ.

"ޓީސީގެ މެނޭޖްމެންޓް ވަރަށް ރަނގަޅު، އެޓީމާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ." ސެންޓޭ ބުންޏެވެ.