ރާއްޖެ ކުޅިވަރު

ދިވެހި ލީގު: ސަޕޯޓަރުން ނެތް، މީޑިޔާއާ ބީރައްޓެހި، ވާދަވެރި ލީގެއް

ރޭ ނިމިގެންދިޔަ އުރީދޫ ދިވެހި ޕްރިމިއާ ލީގަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. ދެހާސް ވަނަ އަހަރު ތާރަފު ކުރި ދިވެހި ލީގް، މިދިޔަ އަހަރުން ފެށިގެން ދިވެހި ޕްރިމިއާ ލީގް ނަމަށް ބަދަލުކޮށް ލީގް ހަރުދާނާ ކުރުމަށް ފިޔަވަޅުތަކެއް އެޅިއެވެ. މަިފަހަރު ލީގް ފެށި ތިން ބުރަކަށް ކުރިއަށްގެންދާ ގޮތަށެވެ. އަށްޑިހަ ހަތަރު މެޗު ފުރިހަމަކޮށް ލީގް ނިންމާލިއިރު ފެނިގެންދިޔައީ ކޮން ކުލަތަކެއް ހެއްޔެވެ؟

"ލީގްގައި މިފަހަރު ނެތް ބަލި ޓީމެއް. މިއީ އެއްވެސް ޓީމަކަށް ފަސޭހަ ލީގަކަށް ނުވާނެ" ލީގް ފެށުނުތަނުން ރާއްޖޭގެ އެއްވަނަ ކޯޗް އަލީ ސުޒޭން ބުންޏެވެ.

ކަންދިމާވީވެސް އެހެންނެވެ. ލީގްގެ ދެވަނަ ބުރު ނިންމާލިއިރުވެސް، މާޒިޔާއަށްވެސް އެއްވަނައިގައި ހިފަހައްޓާ ލެވުނީ ކިރިކިރިޔާއެވެ. ސަޕޯޓަރުންގެ ފޯރި ނެތް ނަމަވެސް ލީގަކީ ބަލާލަން ކަމުދިޔަ ހިތްގައިމު ކަންކަމެއް ފެނިގެންދިޔަ މުބާރާތެކެވެ. އީގަލްސްގެ ހިތްގައިމު ކުޅުމާއި އެއްފެންވަރެއްގައި ޓީސީއިން ހިފައްހައްޓަމުން ދިއުމުން، ލީގްގައި ބަލާލަން ކަމުދިޔަ ކިތަންމެ ކަމެއް ފެނިގެންދިޔައެވެ. ހަމައެޔާއެކު ކޯޗުންގެ ކަންބޮޑުވުންތާކާއި ޓީމުތަކުގެ ޝަކުވާތައްވެސް ބަންޑުންވިއެވެ.

ބްރޭކް ގިނަވެ ލީގް ދިގުލައި ދިއުމުގެ މައްސަލަ

މިއީ މިދިޔަ އަހަރުވެސް ޓީމުތަކުން ކުރި ޝަކުވާއެވެ. ދޭތެރެދޭތެރެއިން ކުޅުން ހުއްޓާލަން ޖެހުމުން ލީގް ދިގުލައިގޮސް، ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރު ކުރާތީ އެވެ. ނަމަވެސް މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު އެއްކޮށް މަރުވުން ފަދަ މައްސަލައެއް ދިމާ ނުވިނަމަވެސް މިއަހަރަކީވެސް ލީގް ދިގުވެ ބްރޭކްތައް ގިނަވި އަހަރެކެވެ. އޭޕްރީލްގައި ފެށި ލީގް ނިމިގެން ދިޔައީ އޮކްޓޫބަރު މަހު ފަހުކޮޅުގައެވެ.

"ލީގް ބްރޭކްވީ ޓީމު ހަމަޔަކަށް އެޅި ރަނގަޅަށް ކުޅެލި ވަގުތު، އަލުން ލީގް ކުޅުން ފަށާއިރު ހަމަގައިމުވެސް ޓީމުގެ މޯޓިވޭޝަން އަލުން ގެންނަން، އުނދަގޫވާނެ" ލީގްގެ ފުރަތަމަ ބުރުގައި ބީޖީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުންޏެވެ.

މިމައްސަލަ ކުރިމަތިވީ ބީޖީ އަށް އެކަންޏެއް ނޫނެވެ. އީގަލްސްގެ ކޯޗިން ސްޓާފުންގެ އޮފިޝަލަކުވެސް ވަނީ ލީގް ބްރޭކް ގިނަވުމުން ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަަރުކުރާ ކަމަށް ބުނެފައެވެ.

ރެފްރީންގެ ފެންވަރު ދަށް

ލީގްގެ މެޗްތަކަށް ނެރުނު ބައެއް ރެފްރީންނާ ބެހޭގޮތުން ޓީމުތަކުގެ އޮފިޝަލުންނާއި ކޯޗުންގެ ފާޑު ކިޔުންތައް އިންތިހާއަށް އަމާޒުވިއެވެ. ލީގްގެ މެދެއްހާ ހިސާބުން އަވަށްޓެރި ގައުމުތަކުގެ ޒުވާން ރެފްރީން ތަކެއް ލީގްގައި ރެފްރީކަން ކުރުމުން، ގޯސް ނިންމުންތައްވެސް ނިންމިފައި އެބަހުއްޓެވެ. ޓީމުތަކުގެ އޮފިޝަލުންގެ ކަންބޮޑުވުން ފެނިގެންދިޔައެވެ.

ބައެއް ދިވެހި ރެފްރީންނާ މެދުވެސް ޓީމުތަކުގެ ކޯޗުންގެ ޝަކުވާ މީޑިއާއަށް ބަންޑުންކޮށްލިއެވެ. ޖުލައި މަހު 10 ވަނަ ދުވަހު ޓީސީއާއި ނިއުރޭޑިއަންޓް ބައްދަލު ކުރި މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ވަނީ، ނިއުއާ ޓީސީ ކުޅޭ މެޗށް އަބަދު އެއްރެފްރީ ނެރޭއިރު އެއްމިސްޓޭކްތަކެއް ތަކުރާރުވަމުންދާކަމަށް ބުނެ އެކަމަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރެފްރީންގެ ނިންމުންތަކާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރާ އެއް ބެންޗަކީ ނިއުރޭޑިއަންޓްގެ ބެންޗެވެ. ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ނިއުގެ މެނޭޖަރު އަމީން ފައިސަލް ބައެއް މެޗްތަކުގައި ބެންޗް ލައިން ހުރަސްކޮށް ބަދަލު ރެފްރީއާ ހަމަށް ގޮސްފައިވެސް އެބަހުއްޓެވެ. އަދި ބައެއް މެޗްތަކުގައި ދަނޑަށްވެސް އަރައިފައި އެބަހުއްޓެވެ. ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ވިކްޓްރީގެ ހެޑްކޯޗް ލާސްލޯ ކިސް އާއި އީގަލްސްގެ އެސިސްޓެންޓް ކޯޗުން ބެންޗުން ވަނީ ފޮނުވާލާފައެވެ.

އީގަލްސްއަށް ދެ ވަނަ މަގާމުގައި ނުހިފެހެއްޓުން

މާޒިޔާގެ ފަހަތުން އެންމެ ވާދަވެރިކޮށް ވިއްދަމުން ދިޔަ ކުލަބަކީ އީގަލްސްއެވެ. ދެ ވަނަ ބުރުގައި މާޒިޔާއަށް ނަތީޖާ ނުނެރެވި، އީގަލްސް އެއްވަނަ އަށް އަރައިފާނެ ކަމަށް ލަފާ ކުރެވުނު ހާލަތްތައްވެސް ދިޔައެވެ.

ނަމަވެސް އެންމެ ފަހު ފަސް މެޗާއި ހަމައިން އީގަލްސްއަށް މައްސަލަ ކުރިމަތިވިއެވެ. އެޓީމުގެ މުހިންމު ކުޅުންތެރިޔެއްކަމަށް އަހްމަދު ނޫމާން (ހެލްމެޓް) އަށް އަނިޔާވުމެވެ.

"ހެލްމެޓް ހުރިނަމަ މިވަރެއް ނުވާނެ، އޭނާ ނެތްތަން ވަރަށް ބޮޑަށް ފެނިގެންދިޔަ، އަޅުގަނޑުމެން ޓީމަށް ލެކްވި ތަންކޮޅަކީ އެއީ" އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) ބައެއް ނޫސްވެރިން ގާތު ބުނެފައިވެއެވެ.

ތިން ވަނަ ބުރުގައި ވިކްޓްރީ އަތުން އީގަލްސް ބަލިވެ، ބީޖީ އަތުން ޓީސީ މޮޅުވި ހިސާބުން އީގަލްސްއަށް ދެ ވަނަ މަގާމު ގެއްލުނެވެ. އޭގެ ފަހުން ލީގް ދެ ވަނައިގައި ނިންމާލަން އަޒުމު ކަނޑައެޅި ނަމަވެސް އަނިޔާގެ މައްސަލަތަކާ ހުރެ، އީގަލްސްއަށް ކުރި އެރޭގޮތެއް ނުވިއެވެ. ލިގް ނިންމާލަން ޖެހުނީ ތިން ވަނައިގައި އޮވެގެންނެވެ.

މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް، ހީކުރިވަރެއް ނުވި

މާޒިޔާއިން ސީޒަނާ ކުރިމަތިލީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކުއެވެ. ލީގުގެ މެދުތެރޭން އަލީ އަޝްފާގްނ (ދަގަނޑޭ) ވެސް ގެނެސް ގައުމީ ޓީމުގެ 14 ކުޅުންތެރިން ޓީމުގައި ހަމަކުރި އެވެ. ވަރުގަދަ ޓީމަކާއެކު މާޒިޔާ ނިކުތުމުން ގިނަ ބަޔަކު ހީކުރީ މާޒިޔާގެ ފަރާތުން ބޮޑު ތަފާތެއް ފެންނާނެ ކަމަށެވެ. ނަމަވެސް މާޒިޔާގެ ކުޅުން ތަފާތެއްނުވި އެވެ. ލީގަށް އަލަށް އައި ޔުނައިޓަޑް ވިކްޓްރީ އަތުން އެއްވަރުވުމާއި ފުލުގައި އޮތް ބީޖީއާ ވިކްޓްރީ އަތުންވެސް އެއްވަރުވެ ޓީސީ އަތުން ބަލިވެފައިވެއެވެ. އަދި ޗެމްޕިއަންކަން ހޯދުނީ ވެސް އެހެން ޓީމުތަކަށް ދިމާވި ދެރަގޮތްތަކާ ވެސް އެކުގަ އެވެ.

ބައެއް މެޗްތަކުގައި މާޒިޔާގެ ފަރާތުން އެވްރެޖް ކުޅުމެއް ފެނިފައިވާއިރު، އެޓީމާ ދެކޮޅަށް ނިކުތް އެހެން ޓީމުތަކުން ވަނީ ބައެއް މެޗްތަކުގައި އެޓީމަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މާޒިޔާގެ ކޯޗް އަލީ ސުޒޭންވެސް ބުނީ ބައެއް މެޗްތަކުގައި ދަށްކޮށް ދިޔަ ނަމަވެސް އަލުން އެނބުރި ފޯމަށް އާދެވުނީ ކުޅުންތެރިންގެ ވިސްނުމާ ތަޖުރިބާގެ ސަބަބުން ކަމަށެވެ.

އަޝްފާގް އެނބުރި ލީގަށް، ތަފާތު ބޮޑުވި

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުން ދަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އެކުލަބުން އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމިއެވެ. އަނިޔާއިން ރަނގަޅުވެ އަލުން ދިވެހި ލީގަށް ބަދަލުވާން ނިންމައި އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި މާޒިޔާއަށް ސޮއި ކުރިއެވެ. އެއީ މިހަތަނަށް ރާއްޖޭގެ ކުޅުންތެރިޔެއްގެ އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ގައުމީ ކެޕްޓަން މާޒިޔާއާއެކު ދިވެހި ލީގަށް އެނބުރި އައުންވީ ލީގްގެވެސް ފޯރި ގަދަވި ސަބަބަކަށެވެ. އަދި ފަހު ބުރުގައި މާޒިޔާގެ ތަފަތަކަށް ފެނުނީވެސް އަޝްފާގް އައިސް ދެއްކި ކުޅުމެވެ އެނބުރި އައިސް މާޒިޔާއަށް ލީގްގެ އެއް ވަނައިގައި ތަފާތު ބޮޑުކޮށްދިނެވެ.

"އަޅުގަނޑުމެން މިދައްކަނީ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ މާޒިޔާއަށް ކުޅެގެން ލީގް ހޯދި ވާހަކަ. އެހެންވީމަ ތަފާތު އަންނާނެ ކަމާމެދު ޝައްކެއްވެސް ނެތް ޓީމުގެ މޯޓިވޭޝަން ރަނގަޅުވެގެން ދިޔަ ޓީމުގެ ކޮމްބިނޭޝަން ރަނގަޅު ވެގެންދިޔަ، ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް އަޝާފްގް އައުމުން ވެގެންދިޔަ" ލީގް ޗެމްޕިއަންކަން ހޯދުމަށް ފަހު މާޒިޔާގެ ކޯޗް ސުޒޭން ބުންޏެވެ.

ބޮޑު ތިން ޓީމަށް ބޮޑެތި މައްސަލަތަކެއް

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ނަގާ ކިޔާ ތިން ކުލަބަކީ ނިއުރޭޑިއަންޓާއި، ވެލެންސިއާ އާއި ވިކްޓްރީއެވެ. އެންމެ ބޮޑު ތާރީހަކާއި އެންމެ ބޮޑު ކާމިޔާބެއްވެސް އޮތީ މި ތިން ކުލަބު އަތުގައެވެ. ނަމަވެސް މިއަހަރު ލީގްގައި އެންމެ ހާލުގައި ޖެހުނު ތިން ކުލަބަކީވެސް މިއެވެ.

ނިއުރޭޑިއަންޓް:
މިދިޔަ އަހަރުގެ ލީގް ޗެމްޕިއަނުންގެ ޝަރަފާއެކު ލީގްގައި ވާދަ ކުރި ނިއުރޭޑިއަންޓްގެ ސްކޮޑް އޮތީ ނިކަމެތިވެފައެވެ. އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖްގައި ވަރުގަދަ މެޗްތަކެއް ކުޅެފައި އައުމުން، ނިއުގެ ޓީމުން ކުރިއެރުން ފެންނާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް އެކަމެއް ނުފެނުނެވެ. ކުލަބުގެ ހިންގުން ބޮއްސުންލައި ގޮސް، ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދެވި، ޕްރެކްޓިހަށް ނިކުތުމަށްވެސް ކުޅުންތެރިން ދެކޮޅު ހެދިއެވެ. "އޭރު ދެ މަހުގެ މުސާރަ ނުލިބި އޮތް ކުޅުންތެރިންގެ ކެތްތެރިކަން ކޮޅުން ލައިގެން ކުޅުންތެރިން ޕްރެކްޓިހަށް ނިނިކުތީ،" މާޗް މަހާއި އެޕްރީލް މަހު މޫސާރަ ނުދީ އޮތް ދުވަސްވަރު ނިއުރޭޑިއަންޓްގެ ކުޅުންތެރިޔަކު ބުނެފައިވައެވެ.

މައްސަލަތަކާއެކު، ނިއުއަށް ނަތީޖާއެއް ނުނެރެވި ލީގްގެ ފުލުގައި އޮތް ބީޖީ އަތުން ބަލިވުމުން، އޭރު ހުރި ކޯޗް ބަލްގޭރިއާގެ ޔޮރޮދާން ސްޓޮއިކޯފް އިވަނޯވް ކޯޗް ކަމުން ވަކިކޮށް ގައުމަށް ފޮނުވާލިއެވެ.

އަލުން ކޯޗަކަށް ގެނައީ މިދިޔަ އަހަރު ނިއުއަށް ލީގް ޗެމްޕިއަންކަން ހޯދައިދިން ސާބިއާގެ ނިކޮލާ ކަވަޒޮވިޗެވެ. ސަސްޕެންޝަންގައި ހުރުމުގެ ސަބަބުން އެއްވެސް މެޗެއްގައި ޓީމަށް އިރުޝަދު ނުދެވި ނިއު އަށް ޖެހުނީ އޭނާ ފޮނުވާލާށެވެ. އެސިސްޓޭންޓް ކޯޗް އަޝްރަފު ލުތުފީ އަށް ޓީމު ރެލިގޭޝަނުން ސަލާމަތް ކުރެވުނީ ކިރިރިޔާއެވެ.

ވެލެންސިއާ:
ވޭތިވެދިޔަ ދެތިން އަހަރު ދަށްކޮށް ފެނުނުނަމަވެސް ވެލެންސިއާ މިފަހަރު ނިކުތީ މަޝްހުރު ކުޅުންތެރިންނާއެކުއެވެ. ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފެށިއިރު ވެލެންސިއާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ "ވެލެންސިއާއަށް މިއަހަރު ތައްޓެއް ހޯދެން ޖެހޭނެ" ކަމަށާއި "ސްކޮޑްގައި އެވަރު ހިތްވަރު އެބަހުރި" ކަމަށެވެ.

މިދިޔަ އަހަރު މިޔަންމާ ލީގްގެ ދެ ވަނަ ހޯދި ކީބީޒެޑް އެފްސީއަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި ނިއުގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) އާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ގެނެސް ޓީމަށް ކުރިމަތިވީ އެހެން މައްސަލައެކެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމެވެ.

"ލާއޯސް މެޗަށް ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލަން އޮތުމުން، މުސާރަ ނުދީ އޮތްނަމަވެސް ކުޅުންތެރިން ގައުމީ ޓީމަށް އަރަން ބޭނުންވާތީ ކުޅުނީ ނަމަވެސް މުސާރައިގެ މައްސަލައިގައިި ކުޅުންތެރިން ވަރަށް ބޮޑަށް ކަންބޮޑުވި" ވެލެންސިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވިކްޓްރީ:
ވިކްޓްރީއަށް ދިމާވީ އެހެން މައްސަލައެކެވެ. ވިކްޓްރީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި އެޓީމުގެ ކުރީގެ މީޑްފީލްޑާ މުހައްމަދު ނަޒީހްއާ ޓީމުގެ ކޯޗުކަން ހަވަލުކޮށް، ޓީމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުމެވެ.

"ހަމަގައިމުވެސް ވިކްޓްރީގައި މުސާރައިގެ މައްސަލައެއް ދިމާ ނުވާނެ" ހުދު ނަޒީހް ނޫސް ކޮންފަރެންސްތަކުގައި ބުނެފައިވެއެވެ. ލީގްގައި ވިކްޓްރީ އެންމެ ފުރަތަމަ ކުރިމަތިލި މެޗްގައިވެސް އެޓީމު ކޮޅަށް ލީގްގައި އަލަށް ވާދަކުރި ޔުނައިޓަޑް ވިކްޓރީން ފަސް ލަނޑު ޖެހިއެވެ. މުޅި މުބާރާތުގައިވެސް އެންމެ ދަށް ނަތީޖާތައް ހޯދި ޓީމަކީ ވިކްޓްރީއެވެ. ވިކްޓްރީއަށް އެދެވޭ ނަތީޖާ ތަކެއް ނުހޯދެވި އެޓީމުގެ މެނޭޖްމެންޓަށް ޖެހުނީ ކޯޗް ކަމުން ނަޒީހް އެއްފަރާތް ކުރާށެވެ.

ވިކްޓްރީއާ ހަވާލުވާން އެޓީމުން ގެނައި ކުރިން ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީއަށްވެސް ކޯޗް ކޮށްދީފައިވާ ލާސްލޯ ކިސްއެވެ. ކިސްގެ އިރުޝާދުގެ ދަށުން ވިކްޓްރީގެ ނަތީޖާތައް ރަނގަޅުވި ނަމަވެސް ވިކްޓަރީ އޮތީ ސަލާމަތް ނުވާ ހިސާބުގައެވެ. އެންމެ ފަހުން ލީގް ނިމުނު އިރު، ފުރަތަމަ ޑިވިޝަންގެ ދެމިއޮތުންވެސް ކަށަވަރު ނުކުރެވުނެވެ. ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޓީމާއެކު ޕްލޭއޮފް ކުޅޭށެވެ.

މީޑިއާ އާއި ބީރައްޓެހި ލީގެއް

މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހްގައި މީޑިއާ އެންމެ ބީރައްޓެހި މުބާރާތޭ ދެންނެވިދާނެއެވެ. ޕްރީ މެޗް ޕްރެސްކޮންފަރެންސްތަކާއި ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސްތައް ކުރީ ކޮޅު ބޭއްވި ނަމަވެސް ފަހުން އެކީއެކައްޗަކަށް އެކަން ހިނދިގެން ދިޔައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ރެކެން މަސައްކަތް ކުރާ ބައެއް ކޯޗުންނަށް ރަނުގެ ފުރުސަތެކެވެ. ޕްރީ މެޗް ޕްރެސް އާއި ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސްތައް ކަޓުވާލާ ޓީމުތަކަށް، އުޒުރެއް ނެތި އެކަމުން ރެކެވޭނެ ފުރުސަތެއް އެފްއޭއެމްއިން ތަނަވަސްކޮށްދިނީއެވެ. ޓީމުތަކުގެ ފެންވަރާއި ހުރި މައްސަލަތަކަށް އެޑްރެސް ކުރަން މީޑިއާއަށް އޮތް ފަހި ފުރުސަތު ބަންދުވީއެވެ. ލީގް ފޯރިގަދަ ކުރުމަށް މީޑިއާގެ ދައުރެއް އޮތް ކަމަށް ފުޓްބޯޅައިގެ އިސްފަރާތްތަކުން ބުނަމުންދާއިރު، މީޑިއާއަށް ލީގު އޮތީ ބަންދުކޮށްލާފަ އެވެ.