ރާއްޖެ ކުޅިވަރު

ސެންޓޭ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން ހުރިހާ އުފަލެއް ނިޒާމްބެ އަށް

Oct 23, 2016
1

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް، ޓީސީ ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ) ހޯދުން އެއީ ވަރަށް ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމެބެ) ބުނެފިއެވެ.

މިދިޔަ އަހަރުވެސް ލީގްގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދީ ޓީސީގެ ކުޅުންތެރިޔެކެވެ. ނާއިޒު ހަސަން (ދާދު) އެވެ. މިފަހަރުވެސް އަނެއްކާވެސް ޓީސީގެ ކުޅުންތެރިޔަކަށެވެ.

ނިޒާމްބެ ބުނީ މިދިޔަ އަހަރާއި މިއަހަރުވެސް، އޭނާ ކޯޗްކޮށްދިން ދެ ކުޅުންތެރިންނަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމަކީ ކޯޗެއްގެ ހައިސިއްޔަތުން ލިބުނު ހާއްސަ އުފަލެއް ކަމަށެވެ.

"އެންމެ އުފާވާ އެންމެ ހިތްހަމަޖެހޭ ކަމަކީ މިދިޔަ ސީޒަންގައިވެސް ކޯޗްކޮށްދިން ކުޅުންތެރިޔަކަށް ލީގްގެ މޮޅު ކުޅުންތެރިޔާ ލިބިގެންދިއުން އަނެއްކާ ހަމަ އެމަގާމު މިއަހަރުވެސް ހަަމަ ޓީމުގެ ކުޅުންތެރިޔަކަށް ލިބުނީމަ އެއީ ހަމަގައިމުވެސް ކޯޗެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އެޗީވްމަންޓެއް ގޮތުގައި ގަބޫލު ކުރަނީ،" ނިޒާންބެ ބުންޏެވެ.

ސެންޓޭ ވެސް ބުނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ވެސް ނިޒާންބެ އަށް ކަމަށެވެ.

"އަސްލު. މިއީ ކޯޗްގެ ހިތްވަރު، ޕްރެކްޓިސްތަކުގައި ކޯޗް ވަރަށް ރަނގަޅަށް ކިޔައިދޭނެ މެޗްތަކުގައި ފޯކަސް ކުރަންވީ ކޮންކަމަކަށް ކަން. ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރަކީ ކޮބައިކަން ކޯޗަށް ވަރަށް ރަނގަޅަށް އެނގޭ، އެހެންވެ ކޯޗަށް އެނގޭނެ ކުޅުންތެރިންގެ ކިބައިގައި ހުރި ކޮލިޓީ ނެރެދެން،" ނިޒާންބެ އާ ބެހޭގޮތުން ސެންޓޭ ބުންޏެވެ.

ޓީސީ ލީގްގެ ދެ ވަނައިގައި ނިންމާލުމުގައި ސެންޓޭ ވަނީ ޓީސީއަށް މުހިންމު މެޗްތަކުގައި ގިނަ ލަނޑުތަކެއް ޖަހައިދީފައެވެ.