ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް" ކަރަން ޖޯހަރު ލިޔެ ނިންމީ 9 ދުވަހުން

Oct 24, 2016
1

މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ވަރަށް ލޯބިން އުފެއްދި ލޯބީގެ ފިލްމު "އޭ ދިލްހޭ މުޝްކިލް" ސިޔާސީ އޮއިވަރުގައި ޖެހިފައި އޮތުމަށްފަހު އެންމެފަހުން ރިލީޒް ކުރެވޭނެކަމުގެ ޔަގީންކަން ހޮނިހިރު ދުވަހު ވަނީ ފިލްމު އެޅުވުމާ ދެކޮޅު ހަދަމުން އައި އެމްއެންއެސް ޕާޓީއިން ދީފަ އެވެ.

މިފިލްމުގެ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އުޅޭތީ އެ ފިލްމު އިންޑިއާގައި ނޭޅުވޭނެ ކަމުގެ އިންޒާރު ދެމުން އަންނަނިކޮށް ޕްރޮޑިއުސާސް ގިލްޑް އާއި މަހަރަޝްތްރަ ޗީޕް މިނިސްޓާ ބައްދަލުކޮށް ވަނީ މިފިލްމު ރިލީޒްކުރެވޭނެ ކަމަށް ބުނެފަ އެވެ.

ދެހާސް ބާރަވަނަ އަހަރުގެ ފަހުން ކަރަން ޑައިރެކްޓްކުރި މިފިލްމަކީ 50 ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވީއިރު ފިލްމު ރިލީޒްނުކުރެވިދާނެ ކަމަށް ކަރަން އާއި ފިލްމުގެ މުޅި ޓީމުން ވެސް ތިބީ ވަރަށް މާޔޫސްވެފަ އެވެ. ނަމަވެސް މި ހުކުރު ދުވަހު މިފިލްމު ރިލީޒް ކުރެވޭނެ ޔަގީންކަމާއެކު އެންމެ ބޮޑު އުފަލެއްވާނީ ފިލްމުގެ ޑައިރެކްޓަރު ކަރަން ކަން ޔަގީނެވެ.

ފަސް އަހަރު ފަހުން ކަރަންގެ އަމިއްލަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިިލްމާ ބެހޭގޮތުން 18 ވަނަ މުމްބައި ފިލްމް ފެސްޓިވަލްގައި ވަނީ "އޭ ދިލްހޭ މުޝްކިލް" ގެ ވާހަކަ އޭނާ ލިޔެ ނިންމާލީ ނުވަ ދުވަހުގެ ތެރޭގައި ކަމަށް ބުނެފަ އެވެ.

މި ފިލްމުގެ ވާހަކަ، އެއްފަރާތަކުން ވާ ލޯބި މިހިޔާލު އޭނާ އަށް ލިބުނީ ނިއުޔޯކްގެ މަގުމަތީގައި ހިނގަމުން ދަނިކޮށް ކަމަށާއި އޭނާގެ ހިޔާލަށް އައީ މީހަކު ދެކެ އިންތިހާއަށް ލޯބިވާއިރު އެމީހަކު ތިމާ ދެކެ ލޯބި ނުވާނަމަ ކުރެވޭނީ ވަރަށް ހިތްދަތި އިހުސާސެއް ކަމެވެ.

"އަހަންނަށް ވެސް މީގެ ކުރިން ވަނީ މީހަކު ދެކެ އެކަހަލަ ލޯތްބެއް ވެވިފައި. އެއީ ކިހާ ހިތްދަތި ކަމެއްކަން އެނގޭ. މިފިލްމުގައި ދައްކުވައިދޭނީ އެފަދަ ލޯތްބީގެ ވާހަކައެއް" މިފިލްމުގެ ވާހަކައިގެ ހިޔާލު އައި ގޮތް ކިޔައިދެމުން ކަރަން ބުނެފައިވެ އެވެ.

މީގެ އިތުރުން އަންހެން ޑައިރެކްޓަރަކު މިފިލްމު ޑައިރެކްޓްކުރިނަމަ މިފިލްމުގެ ވާހަކަ މިހާރު އޮތް ގޮތަށް ވުރެން ބަދަލުވެދާނެތޯ އެހުމުން ކަރަން ވަނީ އެހެންވެދާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެެވެ.

"ދެފަރާތަށް ވެސް ބިނާކޮށް ވާހަކަތައް ގެނެސްދިނުމުގެ ގާބިލުކަން އަހަރެންގެ އެބަހުރި. އަހަރެންގެ ފިލްމުތަކުގައި ފިރިހެނުންގެ ކެރެކްޓާސްތަކަށް ވުރެން އަންހެނުންގެ ކެރެކްޓާސްތަކަށް ބޮޑު އިސް ކަމެއްދީފައި ހުންނާނީ،" ކަރަން ބުނެފައިވެ އެވެ.

މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އާއި ޒުވާން ތަރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި އަނުޝްކާ ޝަރްމާގެ އިތުރުން ފަވަދް ވެސް މިފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.

ކަރަން ވަނީ މީގެ ފަހުން ދުވަހަކުވެސް ޕާކިސްތާނުގެ އެކްޓަރަކު ހިމަނައިގެން ފިލްމެއް ނަހަދާނެ ކަމަށް ބުނެ ވީޑިއޯ އެއް ވެސް އާންމުކޮށްފަ އެވެ. އެވީޑިއޯ މެސެޖުގައި ކަރަން ވަނީ މި ފިލްމަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ކަމަށާއި ފިލްމު ރިލީޒް ނުކުރެއްވިއްޖެނަމަ އެކަމުގެ ގެއްލުން ވަރަށް ގިނަ ބަޔަކަށްވާނެ ކަމަށް ބުނެފަ އެވެ.