ބޮލީވުޑް

ބޮލީވުޑާ ނުގުޅޭ ތަރިއަކު، ބޮލީވުޑްގެ ތަރިއަކަށް

ބޮލީވުޑްގައި ކާމިޔާބު އެކްޓަރަކަށް ވާން ބޭނުން ނަމަ ސިކްސް ޕެކްސް އަކީ މިހާރު މަޖުބޫރު މާއްދާއެކެވެ. ކާމިޔާބު ބަތަލާއަކަށް ވުމަށް ހިތް އެދޭ އަންހެން ކުއްޖާ ވާން ޖެހޭނީ ނިކަން ލޫޅާފަތި، ފިރިހެނުންގެ ހިތްތައް ކަތިލެވޭ ވަރުގެ ރީތި، ފަތިހަށި އަންހެނަކަށެވެ.

މިސް ވޯލްޑަކަށް ވާން ޖެހޭނެ އެވެ. ނުވަތަ މިސް ޔުނިވާސްއަކަށް ނުވަތަ މީގެ ކޮންމެވެސް އެއް ތާޖެއްގެ ވެރިއަކަށް ވާން ޖެހޭނެ އެވެ.

ނަމަވެސް އުމުރުން 25 އަހަރުގެ ބޫމީ ޕަޑްނޭކަރު އަކީ ބޮލީވުޑްގެ ނަން މަޝްހޫރު ބަތަލާއިންގެ "ރީތި ކަމަށް ބުނާ ހަށިގަނޑު" ލިބިފައިވާ އެކްޓްރެސްއެއް ނޫނެވެ. ބޮލީވުޑްގައި ލީޑް ރޯލު ކުޅޭ ވަރަށް ވުރެ އޭނާ "ފަލަ" އީއެވެ.

މި ސަބަބާ ހެދި މި އޮތްހާ ދުވަހު އޭނާ މަސައްކަތްކުރީ ވެސް ކެމެރާގެ ފުރަގަހުގަ އެވެ. އޭނާ އަކީ ފާއިތުވި ހަ އަހަރު ޔޭޝް ރާޖު ފިލްމްސްގައި އެސިސްޓަންޓް ކާސްޓިން ޑައިރެކްޓަރެއްގެ ރޯލު އަދާކުރި ޒުވާނެކެވެ.

ނަމަވެސް މިއަދު މުޅި ބޮލީވުޑްގައި އޭނާ އަށް ތައުރީފު އޮހެނީ އެވެ. ޔޭޝް ރާޖުގެ އާ ފިލްމު "ދަމް ލަގާ ކޭ ހެއިޝާ" ގައި އޭނާ ކުޅެފައިވާ ރޯލާ އެކުގަ އެވެ. މިއީ އޭނާގެ އަލަތު ފިލްމު ރޯލު ވެސްމެ އެވެ. މި ފިލްމުން އޭނާ އަށް ފުރުސަތު ލިބުނީ އޮޑިޝަނެއްގައި ބައިވެރިވެ 100 އެހެން ބަތަލާއިން ބަލިކޮށްގެންނެވެ.

"ދަމް ލަގާ ކޭ ހެއިޝާ" އަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ. ފަލަކޮށް ހުންނަ އަންހެން ކުއްޖަކާއި ނިކަން ހިކިކޮށް ހުންނަ ފިރިހެނަކާ ދެމެދު ކުރެވޭ ކައިވެންޏެއްގައި ލޯބީގެ މާތައް ފޮޅިގެންދާ ގޮތެވެ.

މިއީ ބޮލީވުޑަށް ބަލާއިރު ތަފާތު ފިލްމެކެވެ. އަދި ލީޑް ރޯލުން މިހާ ފަލަ އަންހެން ތަރިއަކު ފެނުމަކީ ވެސް ތަފާތެކެވެ.

ނަމަވެސް ފިލްމުގެ ބަތަލާ ބޫމީ ބުނަނީ ފަލަކޮށް ހުރުމަކީ އޭނާ އަށް މާ ބޮޑު ތަފާތެއް ނޫން ކަމަށެވެ. އެއީ އަބަދުވެސް ފަލަކޮށް ހުންނާތީ އެވެ.

"އަހަރެން މިއީ އަބަދުވެސް ފަލަކޮށް ހުންނަ މީހެއް. އަދި އެކަމާ ހެދި އުނދަގޫވެގެން އުޅޭ މީހެއް ވެސް ނޫން. އަހަރެން ބޭނުން ހެދުމެއް ވެސް ލެވޭ. ބޭނުން ގޮތަކަށް ހެދުން ވެސް އެޅޭ. އެހެންވީމަ ފަލަވެގެން އެކަން އަހަންނަކަށް މައްސަލައަކަށް ނުވޭ،" އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބޫމީ ބުނެފައިވެ އެވެ.

އޭނާ އަދި ބުނީ ފިލްމުގެ ރޯލަށް ހާއްސަކޮށްގެން އިތުރަށް ފަލަވާން ޖެހުމަކީ ވެސް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެން މިއީ ނުލާހިކު ކާ ހިތްވާ މީހެއް. އިތުރަށް ފަލަވާން ޖެހެއޭ އެމީހުން ބުނީމަ ވީ އުފާ. ދާލް މަކްނީ އާއި ބަޓާ ޗިކަން ކާކަށް ނުލިބޭނެ އެއްވެސް މީހަކަށް ކޮންމެ ދުވަހަކު ފިލްމުގެ ސެޓުގައި. މި ފިލްމުގެ ޝޫޓިންގައި ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ ވެސް އެންމެ އަރާމު ދުވަސްތައް."

މި ފިލްމުގެ ރޯލަށް ފަހު ޔޭޝް ރާޖު ފިލްމްސް އިން ވަނީ ބޫމީ އަށް އިތުރު ތިން ފިލްމަކުން ފުރުސަތު ދީފަ އެވެ. ހިކުމުގެ ވިސްނުމެއް ނެތަސް އޭނާ ބުނަނީ ހިކެން ޖެހިއްޖެ ނަމަ ހިކުމަކީ ވެސް އެއްވެސް ކަމެއް ނޫން ކަމަށެވެ.

"ހިކުމަކީ އަހަރެން އެއްވެސް އިރަކު ބޭނުންވި ގޮތެއް ނޫން. އެކަމަކު ފިލްމެއްގެ ރޯލަކަށް ހިކެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެވޭނެ. އަދި ފަލަވާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެވޭނެ،" ބޫމީ ބުންޏެވެ.

އޭނާ ބުނީ އޭނާ ކަހަލަ "ޕްލަސް ސައިޒް" ގެ އެކްޓްރެސް އަކަށް ބޮލީވުޑުން މަރުހަބާ ކިޔުމަކީ ލިބުނު ބޮޑު އުފާވެރިކަމެއް ކަމަށާއި ރީތިވުމަކީ ހަމައެކަނި ހިކިކޮށް ތިބުން ނޫން ކަމަށެވެ.

ފިލްމުގެ ރޯލަށް ފަލަވިޔަސް ބޫމީ ވަނީ ފިލްމުގެ ޕްރިމިއާއާ ދިމާކޮށް ފުދޭވަރަކަށް ހަށިގަނޑު ހިއްކާ ވެސް ލައިފަ އެވެ.

"ރީތިކޮށް ތިބުމަކީ ހަމައެކަނި ހިކިކޮށް ތިބުމެއް ނޫން. ރީތިކަމަކީ ރީތިކަމުގެ އިހްސާސް އަމިއްލަ އަށް ކުރެވުން. ހަށިގަނޑުގެ ސައިޒަކީ ރީތިކަން ކަނޑައަޅާ އެއްޗެއް ނޫން އެއްގޮތަކަށް ވެސް،" ބޫމީ ބުންޏެވެ.