ރިޕޯޓް

ކޮމަންވެލްތާމެދު މައުމޫންގެ ދެކަފި ހިޔާލު، ހަގީގަތަކީ ކޮބާ؟

މިއީ ރައީސް އަބްދުﷲ ޔާމީން ނުވަތަ އެމަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލަކު ދެއްކެވި ވާހަކަފުޅެއް ނޫނެވެ. އަދި މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވީ ދުވަހު ފޮރިން މިނިސްޓަރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްވެސް ދެއްކެވި ވާހަކަފުޅެއް ނޫނެވެ. މިއީ ރާއްޖެ ކޮމަންވެލްތުގައި ބައިވެރިކުރި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ތަޖުރިބާކާރު ރައީސް މައުމޫން އަބްދުލް ގައްޔޫމް 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވިދާޅުވި ބަސްފުޅެކެވެ: "އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީ! އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީ! އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީ! މިއަދު އަޅުގަނޑު އެދެނ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން!"

އިންތިހާބުގެ ފަހު ބުރުގައި ރައީސް ޔާމީނާއި ގާސިމް އިބްރާހިމް ގުޅި ވަޑައިގަތުމުން ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރަންކަމަށް ދައްކައިގެން ބޭރުގެ ޖަމާއަތްތަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހި ނުފޫޒު ފޯރުވަމުންދެ އެވެ. އެގޮތުން ކޮމަންވެލްތުން ރާއްޖެ އައިސް ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުންދެ އެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ތަޖުރިބާގެ އަލީގައި އެމަނިކުފާން އެރޭ ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް އެކިކަންކަމުގައި ފައިދާ ހޯދައި އެހީތެރިކަން ހޯދައިދިނުމަށެވެ. ނަމަވެސް "މިއަދު ކޮމަންވެލްތުން ރާއްޖެއަށް ލިބެމުންދާ މާބޮޑު ފައިދާއެއް ނެތް" ކަމަށެވެ. "ދެން އެންމެ އަވަހަށް އިންތިހާބުވެ ވަޑައިގަންނަވާ ވެރިއަކު ވަޑައިގެން ކޮމަންވެލްތުން ވަކިވާނެ ކަމަށް އުންމީދު ކުރައްވާ" ކަމަށެވެ.

ކަން ހިނގީ ވެސް މައުމޫނު އެ ވިދާޅުވި ފަދައިންނެވެ. ކުރިއެކޭ އެއްގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުގެ ސީމެގުންނާއި ބޭރުގެ ގައުމުތަކުން ރާއްޖެ ދިޔައީ އިންތިހާއަށް ނުފޫޒުފޯރުވަން މަސައްކަތް ކުރަމުންނެވެ. ސީމެގުގެ އެޖެންޑާއަށް ލައިގެން ދިން އެތަށް އިންޒާރުތަކަކަށް ފަހު އެ ޖަމާއަތުގެ ޗާޓަރުގެ ބޭރުން އެތަށް ގޮތަކަށް ނުފޫޒު ފޯރުވި އެވެ. ރާއްޖެއަށްފިޔަވަޅު ނޭޅުމަށް ހަމައެކަނި އޮތް ގޮތަކީ ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުން ބަދަލުކޮށް ގާނޫނާއި ގަވައިދާ ހިލާފުވުން ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރުތައް ކުރިއެވެ.

އެ ހާލަތަށް ދިއުމުން ރާއްޖެ ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމީ އެވެ. ކުރިން ރައީސް މައުމޫން އެދިވަޑައިގެންނެވި ގޮތަށް ކަންތައް އެކަން ފުރިހަމަވީ އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ އެ ޖަމާއަތުގެ ހުރިހާ ގައުމަކަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. ހާއްސަކޮށް ކޮމަންވެލްތުގެ ތެރެއިން އިނގިރޭސިވިލާތުން އަޅުވާ ވަކިތަކުން ރާއްޖެ އެއްފަރާތްވެފެން ދިޔުމަކީ އެގައުމު ހީވެސް ކޮށްގެން އޮތް ކަމެއް ނޫނެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އެ ޖަމާއަތުން ނެރުނު ބަޔާނުން ވެސް އެކަން އެނގެ އެވެ. ރާއްޖެއާ ބެހިލާކަށް ނުކެރުނެވެ. ފެން ގޮތަކަށް ބުނެފައި ވަނީ ރާއްޖެ ވަކިވުމުން ހިތާމަ ކުރަމެވެ. އަނބުރާ އެ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ހައިރާން ކުރިވި އަނެއް ކަމަކީ ކޮމަންވެލްތުން ވަކިވުމުގެ ހިތްވަރު އެންމެ ބޮޑަށް ދެއްވައި ވާހަކަފުޅު ދަކަވައި އަދި ކޮމަންވެލްތުގެ ހަގީގަތް ވިދާޅުވެ ދެއްވި ރައީސް މައުމޫންގެ ވާހަކަފުޅު މިހާރު ބަދަލުވައި ވުމުންނެވެ.

ރައީސް މައުމޫން މިހާރު ވިދާޅުވަނީ މީގެ 34 އަހަރު ކުރިން ރާއްޖެ ކޮމަންވެލްތާ ގުޅުވި މީހެއްގެ ހައިސިއްޔަތުން ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ކަންބޮޑުވެ ވަޑައިގަންނަވަ އެވެ. އަދި އެކަހެރިވެގެން މައްސަލަތައް ހައްލުނުވާނެ ކަމަށާއި އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިތަނުން ކޮން ވާހަކައެއް ކަމެއް ނޭނގޭ ގަބޫލު ކުރަންވީއެއް. ގައިމު ވެސް މި ދެ ގޮތަށް ވެސް ރައީސް މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފައި. އެހެންވީމަ މިއިން އެނގެނީ ސިޔާސީ ގޮތުން އެއިރަކު އެމީހަކަށް ދިމާވާ ހާލަތާ ކަންކަން ގުޅިގެންދާކަން. ރައީސް މައުމޫނަށް މިހާރު ބޭރުގެ ނުފޫޒުވެސް ރަނގަޅުވެއްޖެ،" ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ކޮންމެއަކަސް ރައީސް މައުމޫން އޭރު ދެއްކެވި ވާހަކަފުޅާ މިހާރު ދައްކަވާ ވާހަކަފުޅު ދިމައެއް ނުވެއެވެ. އެ މަނިކްފާންގެ ވިސްނުންފުޅު މިހާރު ބަދަލުވެފައި ގޮތުން ރާއްޖޭގެ ދާހިލީ ކަންކަމާ ކޮމަންވެލްތުން ބެހޭ ކަމަށް ގަބޫލު ނުކުރައްވަނީ ކަމަށް މިހާރު މާނަ ކުރެވިދާނެ އެވެ. އެހެން ނޫނީ އޭގެ ފަހަތުގައި ކޮންމެވެސް އެހެން ކަންމެއް އުޅެނީ ހެއްޔެވެ؟

ކޮމަންވެލްތުގެ ފެންނަ ފަޅިއާއި ނުފެންނަ ފަޅި!

މިވާހަކަ ދައްކާއިރު ކޮންމެވެސް ވަރަކަށް ކޮމަންވެލްތާއި ރާއްޖޭގެ ތާރީހަށް ވެސް ފީނާލަން ޖެހެއެވެ. އެހެންކަމުން ކޮމަންވެލްތުގެ ސިޔާސަތުތައް ގެންގުޅޭ ގޮތާއި ރާއްޖޭއާމެދު އެ ޖަމާއަތުން އަމަލުކޮށްފައިވާ ގޮތުގެ ތާރީހަށް ވެސް ދާންޖެހެ އެވެ.

ކޮމަންވެލްތަކީ ސުލްހަޔަށާއި ޑިމޮކްރަސީ ހަރުދަނާކޮށް ހަމަހަމަކަން ގާއިމު ކުރަން 1949 ވަނަ އަހަރު އިނގިރޭސިވިލާތުން އުފައްދާފައިވާ ޖަމާއަތެކެވެ. އެކަމަކު ޑިޕްލޮމޭޓުން ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު ފެންނަނީ ކޮމަންވެލްތަކީ އިނގިރޭސީންގެ ހިމާޔަތުގައި ހުރި ގައުމުތައް މިނިވަން ކުރި ނަމަވެސް ކޮންމެވެސް ސިފައެއްގެ ނުފޫޒެއްގެ ދަށުގައި ބެއިތިއްބުމަށް އުފެއްދި ޖަމާއަތެ ގޮތުގައެވެ އެއީ އިނގިރޭސީންގެ ހަގީގީ ބާރުތައް ކަމަށްވާ ކެނެޑާ އާއި އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑުގެ އިގުތިސާދީ ބާރުވެރިކަން ދެމެހެއްޓުމަށެވެ.

"އަވަސް" އަށް އިންޓަވިއު ދެއްވި ޑިޕްލޮމޭޓަކު ނަން ހާމަ ނުކުރަން އެދި ވަޑައިގެން ވިދާޅުވި ގޮތުގައި ކޮމަންވެލްތުން މިހާތަނަށް އަމަލު ކުރަމުން ދިޔައީ ކޮމަންވެލްތުން ލިޔުނު މަގްސަދު ހާސިލް ކުރުމަށްވުރެ ބޮޑަށް ބޮޑެތި އެހެން ގައުމުތަކުގެ ސިޔާސީ ބޭނުންތައް ފުއްދައިދީ އެ ގައުމުތައް ބޭނުންވާ ފަދައިން އިންޓަނޭޝަނަލް ޕޮލިޓިކްސް ކުޅެދޭ ބައެއްގެ ގޮތުގަ އެވެ.

"ކޮމަންވެލްތުގައި ގިނައީ ވެސް ރާއްޖެފަދަ ކުދި ގައުމުތައް. ކުރިން އިނގިރޭސިންގެ އަތްދަށުގައި އޮވެފައި މިހާރު އެ ގައުމުތަކުން މިނިވަންވުމުން ވެސް ކޮންމެވެސް ވަރަކަށް ނުފޫޒު ފޯރުވާ ތަޅު އެޅުވުމަށް ކޮމަންވެލްތު އުފެއްދީ ވެސް. މައިގަނޑު އެއް މަގްސަދަކީ ޖިއޯ ޕޮލިޓިކަލް ގޭމްތައް ކުޅުން. ބޮޑެތި ގައުމުތަކުގެ ފައިދާއަށް އެކަންތައް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ ޖަމާއަތް އުފެއްދި އިރު ފާސް ކުރި "ބެލްފޯ ޑެކްލަރޭޝަން" ގައި ބުނެފައިވާ ގޮތުގައި ކޮމަންވެލްތުގެ ކޮންމެ މެންބަރު ގައުމަކީ ވެސް ދާހިލީ ހުރިހާ ކަމެއްގައި ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ ބައެކެވެ. އަދި އެ ގައުމުތަކުގެ ސިޔާދަތަށް އުނިކަން ލިބިގެން ދާނެ ފަދަ ކަމެއް ކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ އެވެ.

އެހެންކަމުން ރާއްޖޭގެ ކޯޓުތަކުން ކުރާ އަމުރުތަކަށް ފާޑުކިޔުމާއި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް ފިތުނަ އުފެއްދުމުގެ އެއްވެސް އަމަލަކީ އެ ޖަމާއަތުން އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކޮމަންވެލްތުން މިހާތަނަށް އަމަލު ކުރަމުން އައީ މި ޑެކްލަރޭޝަނާ ހިލާފަށެވެ.

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެ ޖަމާއަތުގެ މެންބަރުން ގައުމުތަކާމެދު ގެންގުޅެފައިވާ ތަފާތު ކުރުންތަކެވެ. މިސާލަކަށް 2013 ވަނަ އަހަރު ކޮމަންވެލްތުގެ ލީޑަރުންގެ ޖަލްސާއެއް ސްރީ ލަންކާގައި ބޭއްވިއިރު، އޭރު އެ ގައުމުގައި އޮތް ސަރުކާރަކީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައި އޮތް ސަރުކާރަކެވެ. އޭރު އެ ގައުމަށް ފިޔަވަޅު ނޭޅުނީ ކީއްވެ ހެއްޔެވެ؟ އޭގެ އިތުރުން އެމްނެސްޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝްގައި މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. ހާއްސަކޮށް ސިޔާސީ ފަރާތްތަކާ އަމާޒުކޮށްގެން އެކަން ކުރެ އެވެ. އެކަމަކު ކޮމަންވެލްތުގެ ލޮލަށް ފެންނަނީ ރާއްޖެއެވެ.

"ސީމެެގުން އަޅުގަނޑުމެންނަށް [ރާއްޖެއަށް] ހުށަހަޅާ ކަންކަމަށް ބަލާއިރު މި ހުންނަނީ ޑިމޮކްރެޓިކް ޕްރިންސިޕަލް ރާއްޖޭގައި އަށަގެންނެވުމަށް ބާރު އަޅާފައި. އަދި އެހެން ވިދާޅުވެފައި އަޅުގަނޑުމެން ކައިރީ ބުނަނީ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ބެހެން. މިވެނި ގޮތަކަށް މައްސަލަތައް ނިންމުމަށް. އަޅުގަނޑުމެން ދަންނަވަމުން މިދަނީ އެކަންކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް" ބަންޑާރަ ނައިބު އަނިލް ވިދާޅުވި އެވެ. "ދެހާސް ބާރާގައި ވެސް ސީމެގްގެ އެޖެންޑާއަށް ލި އޭރުވެސް އަށް މަސް ފަހުން އެ މައްސަލަ ބަލާ ނިމުން އިރު ފާހަގަ ކުރެވުނީ ރާއްޖެއާ މެދު އިންސާފު ކުރެވުނީ ރަނގަޅަކަށް ނޫން ކަން. އެހެންނަމަވެސް އެހާތަނަށް ރާއްޖޭގެ އިގްތިސޯދަށާއި އިޖްތިމާއީ އަދި ސިޔާސީ ގޮތުން ރާއްޖެއަށް ވާނެ ގެއްލުމެއް ވެ ވަނީ ނިމިފައި،"

މި ހަގީގަތްތައް އޮތުމުން ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވީ ކުރިން ރައީސް މައުމޫން ވެސް ވިދާޅުވިހެން ކުރަން ޖެހިފައި އޮތް މުހިންމު ކަމަކަށް ވެގެނެވެ. އަދި މައުމޫން ކޮމަންވެލްތާ ގުޅިގެން ދެ ހިޔާލެއް މިހާރު ގެންގުޅުއްވި ނަމަވެސް ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށާއި އެ ޖަމާއަތުގެ ހަގީގަތް އެމަނިކްފާނަށް ވެސް އެނގިވަޑައިގަންނަވާކަން ކަށަވަރެވެ.

އެހެންކަމުން މިހާރު ރައީސް މައުމޫންގެ ހިޔާލު ބަދަލުވެގެން އުޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މި ސުވާލު ޕީޕީއެމްގެ ބައެއް މެންބަރުންނަށް ދޫކޮށްލުމުން ބައެއް މެންބަރުން ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ޖެހޭކަން ރައީސް މައުމޫން ގަބޫލު ކުރައްވަ އެވެ. ނަމަވެސް މި ދަނޑިވަޅުގައި ޕީޕީއެމް ތެރޭގައި އޮތް މައްސަލައަކާ ހެދި މައުމޫން އެފަދަ ކޮމެންޓެއް ކުރެއްވީ ސިޔާސީ ފައިދާއެއް ހޯއްދެވުމަށް ކަމަށް ބެލެވެއެވެ. އެކަމަކު "އެންމެ ފުރަތަމަ ގައުމު" ކަމަށް ވިދާޅުވަނީ ވެސް ރައީސް މައުމޫނެވެ.