ފެނުގެ ހިދުމަތް އާންމު ހާލަތަކަށް ގެނައުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިރޭ ރާއްޖެ އަންނާނެ ކަމަށް ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފައްދަވާފައިވާ ޓާސްކް ފޯސް އިން ބުނެފި އެވެ.
ޓާސްކް ފޯސްގެ ފަރާތުން މިއަދު "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީީ އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ތިން ޕެނަލް ބޯޑެއް ފިޔަވައި ހުރިހާ ޕެނަލް ބޯޑެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ކަމަށެވެ. އަދި ބޭނުން ކުރެވެން ހުރި ޕެނަލް ބޯޑުތައް މަރާމާތުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސިންގަޕޫރުން ބައެއް ސާމާނު ގެނެސްގެން ދެ ޕެނަލް ބޯޑެއް ރާއްޖޭގައި ހަަދައި އަންނަނީ ބޭނުން ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ސަބަބުން ރެއާ ހަމައަށް ހަ ވަނަ ފެން ޕްލާންޓް ޖައްސައިގެން ފެން އުފައްދަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެން އުފައްދަން ފެށުމަށް އިތުރަށް ބޭނުންވާ ދެ ޕެނަލް ބޯޑެއް ސިންގަޕޫރުން މިރޭ ގެންނާނެ ކަމަށެވެ. އެ ޕެނަލް ބޯޑުތަކުގައި 1.5 ޓަނު ހުންނަ އިރު އެތަކެތި ގެންނަނީ ސްރީލަންކާގެ އެއާފޯސްގެ މަތިންދާ ބޯޓެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުޅި މާލެއަށް ބޭނުންވާ ފެން އުފެއްދުމަށް ނުވަ ޕްލާންޓަކުން ފެން އުފައްދާއިރު އެތަކެތި ހިންގުމަށް ޓަކައި ހަތް ޕެނަލް ބޯޑް ބޭނުންވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ޕެނަލް ބޯޑުތައް ވަނީ އެކީހެން އަނދައިފަ އެވެ. މާލެއަށް ފެން ލިބެނީ ދުވާލަކު ދެފަހަރު އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ފެނުގެ މައްސަލަ ހައްލު ކުރުމުގައި މަސައްކަތް ކުރެއްވީ ފަހަރަކު ފެން ޕްލާންޓެއް ހިންގޭ ވަރަށް ޕެނަލް ބޯޑުތައް ހަދަމުން ގޮސް އެ މަސައްކަތް ނިންމާލުމަށް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ޓަކައި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ މަސައްތްތައް 24 ގަޑިއިރު ވެސް ނުވަނީސް ދެނެގަނެވުނު ކަމަށް އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެހާ އަވަހަށް އެކަން ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެވުނީ ކެބިނެޓާއި ޓާސްކްފޯހުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުންނެވެ.
"މި މައްސަލަ ދިމާވި ހިސާބުން ފެށިގެން އެމަޖެންސީ ކްރައިސިސްއެއްގައި އަމަލު ކުރަން ޖެހޭނެ ހުރިހާ ގޮތަކަށް އަމަލު ކުރިން. މިއީ ލޯންގް ކްރައިސިސްއަކަށް ވެދާނެ ކަމަށް އަޅުގަނޑު ބަލައިގެން އެ ހިސާބުން ފިޔަވަޅު އަޅަން ފެށުނީމާ މިކަމުގައި މާބޮޑެތި އިތުރު މައްސަލަތަކެއް ނުނިކުމެ މިކަން މި ހައްލު ކުރެވެނީ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފެން ކެނޑުމުގެ ސަބަބުން އެ މައްސަލަ އެހާ އަވަހަށް ހައްލު ކުރެވުނީ ރައްޔިތުން ދެއްކި ރީތި ނަމޫނާގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް އިޖްތިމާއީ ރޫހު މި ހާދިސާގެ ސަބަބުން އެނގިގެން ހިގައްޖެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް އެހާ އަވަހަށް ފޯރުކޮށްދިން އެހީތަކަކީ ވެސް ޓާސްކް ފޯހަށް ލުއިވެގެން ދިޔަ ކަމެކެވެ.
"ރައްޔިތުންގެ މެދުގައި މި އޮތް އިޖްތިމާއީ ރޫހު އަދިވެސް ނުވީދި އޮތްކަން މިކަމުން އެނގިގެން ހިނގައްޖެ. ރައްޔިތުންގެ ކެތްތެރިކަން އެކަކު އަނެކަކު އަޅާލުުގެ ރޫހު މިއީ އަޅުގަނޑުމެންނަށް މިކަން ހައްލު ކުރަން ލިބުނު ވަރަށް ބޮޑު ބާރެއް. ވޮލަންޓިއަރުން ރައްޔިތުން އެކަކު އަނެކަކަށް ވީ އެހީ، މިއީ އިތުރު މައްސަލަ ދިމާނުވެ މިކަން ހައްލު ކުރަން އެޅުނު އެންމެ ބޮޑު ބާރަކީ. ހާއްސަކޮށް ރައްޔިތުންގެ ކެތްތެރިކަން،" އުމަރު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އުމަރު ވިދާޅުވެފައި ވަނީ ފެނުގެ މައްސަލަ އެކީ ހައްލު ކުރަން ހަތް ދުވަހާއި 10 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.