ރާއްޖެ ކުޅިވަރު

މޮޅު ކޯޗްގެ އެވޯޑާއެކު ޝާކިއްޓޭގެ ތައުރީފު ސާންތީއަށް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކޯޗްގެ އެވޯޑް އީގަލްސްގެ ޔޫތު ޓީމް ކޯޗް އަދި ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް ޝާކިރު އަހްމަދު ޝާކިއްޓޭ ހޯދި ނަމަވެސް އޭނާ އެހުރިހާ ކްރެޑިޓެއް ހައްގުވަނީ އީގަލްސްގެ ސީނިއާ ޓީމު ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އަށް ކަމަށް ޝާކިއްޓޭ ބުނެފި އެވެ.

އިއްޔެގެ ފައިނަލް މެޗްގައި އީގަލްސް ވަނީ މޮޅު ކުޅުމެއް ދައްކައި، ޓީސީ ކޮޅަށް ފަސް ލަނޑު ޖަހާފަ އެވެ. އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ދެ ކުޅުންތެރިން ވަނީ ހިމެނިފަ އެވެ.

"މިއަދު މިތަނުގައި ހުރެގެން، މޮޅު ކޯޗްގެ އެވޯޑް އަޅުގަނޑަށް ލިބުނަސް، މި މަސައްކަތުގެ އެންމެ މުހިންމު ކްރެޑިޓެއް ހައްގުވަނީ ސާންތީ ކޯޗަށް، ޓީމުގެ ޓްރެއިނިން ވެސް ގެންދަނީ ސީނިއާ ޓީމާއެކު، މިކުޅުންތެރިން ޓްރެއިން ކުރީ ސީދާ ސާންތީ ކޯޗްގެ ޓްރެއިނިން ޝޭޝަންތަކުގައި" ޝާކިއްޓޭ ބުންޏެވެ.

ޝާކިއްޓޭ ޔޫތު ޓީމުގެ ކޯޗް ކަމުގައި ހުރެ، އޭނާ ވަނީ ބައެއް މެޗްތަކުގައި މުހިންމު ނިންމުންތަކެއް ނިންމައި ނަތީޖާ އީގަލްސް ކޮޅަށް އަނބުރާ ލުމަށްޓަކައި މުހިންމު ބަދަލުތައް މެޗަށް ގެނެސްފަ އެވެ. ގުރޫޕް ސްޓޭޖްގައި ޓީސީ އަތުން ބަލިވި ނަމަވެސް، ފައިނަލަށް އޭނާ ނިކުތީ ރަނގަޅަށް ހޯމް ވޯކް ހަދައިގެންނެވެ.

ޝާކިއްޓޭ ބުނީ، އެވޯޑަކީ މުޅި އީގަލްސްއަށް ލިބުނު އެވޯޑެއް ކަމަށާއި، އެވޯޑާއެކު އާ ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

"އަހަރެންގެ ސްޓްރެންތަކީ، އަހަރެންގެ ފަހަތުގައި ރަނގަޅު ޓީމެއް އޮތްކަން، އަހަރެންގެ ބަލިފަޔަކީ އެ ޓީމާ ނުލައި އަހަންނަށް މިކަން ނުކުރެވޭނެކަން،" އެވޯޑް ލިބުމަށްފަހު ޝާކިއްޓޭ ފޭސްބުކް ގައި ބުނެފައިވެ އެވެ.

ޝާކިއްޓޭއާ ބެހޭގޮތުން ސާންތީ ބުނީ، ޔޫތު ޓީމުގެ މަސައްކަތުގެ 70 ޕަސަންޓަކީ ޝާކިއްޓޭގެ މަސައްކަތް ކަމަށެވެ.

ސާންތީ ބުނީ އޭނާ އީގަލްސްގައި ކުރަނީ ހަމައެކަނި ކުޅުންތެރިން އުފެއްދުމާއި ކުޅުންތެރިން ޓްރޭން ކުރުމުގެ މަސައްކަތް ނޫން ކަމަށާއި އީގަލްސްގެ ޒުވާން ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު އަބަދަކު އީގަލްސްގެ ކޯޗްގެ ގޮތުގައި ނުހުރެދާނެ، އެ ދުވަހަކުން ވެސް އަޅުގަނޑުގެ ރިޕްލޭސްމެންޓެއް އަޅުގަނޑު ބޭނުން ތައްޔާރު ކުރަން، އަޅުގަނޑު ދޫކޮށްލާ ދުވަހަކުން ޝާކިއްޓޭ އެފެންވަރަށް ގެންދަން" ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި ސާންތީ ބުންޏެވެ.