ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން ކުރަންޖެހޭ ކަންތައްތަކާބެހޭ މަޝްވަރާ ކުރުމަށް އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން އެންވަޔަރަންމެންޓް މިނިސްޓްރީން ވޯކްޝޮޕް އެއް ފަށައިފި އެވެ.

ހޮޓެލް ޖެންގައި މިއަދާއި މާދަމާ ކުރިއަށް އެ ވޯކްޝޮޕް ގައި އޭޑީބީގެ ބައެއް އިސް ފަރާތްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުން 54 މީހުން ބައިވެރި ވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއަދު ފެށި ވޯކްޝޮޕްގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން މަޝްވަރާކުރާނެ ކަމަށެވެ. އަދި ދެކުނު އޭޝިޔާގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި ވޯކްޝޮޕްގެ ބައެއް ސެޝަންތަކުގައި އޭޑީބީ އިން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާ ގުޅިގެން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖެއިން ދަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގެ ބޮޑު ބަޔަކަށް ލިބޭގޮތް ހެދުމަށް މުހިއްމު މަޝްރޫއުތަކެއް ހިންގަމުން ކަމަށެވެ. އެގޮތުން މިހާރުވެސް ހދ. އާއި ހއ. ގެ ރަށްރަށަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާން ގެނައުމަށް ޓެންޑާ ކޮށްފައިވާ ކަމަށެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ދެ ދުވަހަށް ބަހާލައިގެން މައިގަނޑު ފަސް ސެޝަނެއް ކުރިއަށް ގެންދާނެ އެވެ.