މޮބައިލް ފޯނުގެ ތަހުލީލުތައް އިތުރަށް ހަރުދަނާކޮށް، ހިދުމަތް އަވަސް ކުރުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި އުރީދޫއިން މޮބައިލް ފޯނުތަކެއް ފުލުހުންނަށް ހަދިޔާކޮށްފި އެވެ.
އުރީދޫގެ ފަރާތުން މޮބައިލް ފޯނުތައް ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހެޑް ހުސައިން ނިޔާޒެވެ. އަދި ފުލުހުންގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓުގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.
މި ރަސްމިއްޔާތުގައި ހުސައިން ނިޔާޒު ދެއްކެވި ވާހަކަގައި ފުލުހުންގެ ހިދުމަތްތައް ތަރައްގީ ކުރުމަށްޓަކައި އުރީދޫއިން އަބަދުވެސް އެހީތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފޮރެންސިކް ހިދުމަތް ތަރައްގީ ކުރުމަށްޓަކައި އެހީތެރިވެ ދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަން ފާހަގަކުރައްވައި މިފަދަ އިތުރު މޮބައިލް ފޯނުތައް ކުރިއަށް އޮތްތަނުގައިވެސް ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވި އެވެ.
އިސްމާއީލް ނަވީން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގައި މޮބައިލް ފޮރެންސިކްގެ ހިދުމަތަކީ ފުލުހުންގެ ތަހުގީގު ތަކުގައި ވަރަށް ބޭނުންތެރި މުހިއްމު ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އެފޯނުތަކުގެ ސަބަބުން މޮބައިލް ފޯނާއިގުޅޭ ތަހުލީލުތައް އިތުރަށް ހަރުދަނާވެ، ހިދުމަތް އަވަސްވުމުގެ ސަބަބުން ތަހުގީގުތައް އަވަސްވެގެންދާނެކަށް ވިދާޅުވެ އުރީދޫއަށް ޝުކުރު އަދާކުރެއްވިއެވެ.