ރާއްޖެ ކުޅިވަރު

އަސްލަމްގެ އަތްދަށުން އިމްރާނުގެ އަންގިލާނެ ކީޕަރެއް!

ގޯލް ކީޕަރަކު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އިއްޔެ ނިމިގެންދިޔަ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނި އީގަލްސްގެ ގޯލް ކީޕަރު އާދަމް އިމްމާން (އިންމި) ވަނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

އިންމި އަކީ ރާއްޖޭގެ އެއް ވަަނަ ގޯލްކީޕަރު، އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް އިމްމާން ހޯދިއިރު އެ ކާމިޔާބުގެ އެންމެ ބޮޑު ތައުރީފެއް ހައްގުވާ ފަރާތަކީ އީގަލްސްގެ ގޯލްކީޕަރުގެ ޓްރެއިނަރު ރާއްޖޭގެ ކުރީގެ ގައުމީ ކީޕަރު އަސްލަމް އަބުދުރަހީމެވެ. މިއީ އަސްލަމް ތަމްރީނު ކުރާ ކީޕަރުންގެ ތެރެއިން ހަފުތާއެއްގެ ތެރޭގައި އެވޯޑްގެންދިޔަ ދެ ވަނަ ކީޕަރެވެ. މީގެ ކުރިން އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ގެންދިޔައީ އީގަލްސްގެ ސުޖަން ޕެރޭރާއެވެ. އަނެއްކާ ޔޫތު ޗެމްޕިއަންޝިޕް މޯޅުކުޅުންތެރިޔާގެ އެވޯޑް އިމްއާން އަށެވެ. -- ރާއްޖޭގައި ގޯލްކީޕަރުންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ހުރިހާ ޝުރެއް އޮތީ އަސްލަމަށެވެ.

އަސްލަމްގެ ޓްރެއިނިންގެ ދަށުން ކުރިއަށް ދިޔަ އެވޯޑް ދެ ކީޕަރުން ގެންދިޔަސް، އޭނާ ބުނީ އެއީ އެ ދެކީޕަރުންގެ މަސައްކަތް ކަމަށާއި އެ ދެކުޅުންތެރިން އެކަމަށް ދިން ކޮމިޓްމެންޓް ކަމަށެވެ.

"ސުޖަން ވެސް، އެވޯޑް ހޯދީ އެނާ އެކަމަށް ބެހެއްޓި ކޮމިޓްމެންޓްގެ ސަބަބުން، އަހަރެން ބުނެގެން އީގަލްސްއިން ސުޖަން ގެނައީ އޭނާ ވަނީ ފެންވަރު ހުރިކަން ސާބިތު ކޮށްދީފަ،" އަސްލަމް ބުންޏެވެ.

އިމްމާންއާ ބެހޭގޮތުން އަސްލަމް ބުނީ ވަރަށް ޝައުގުވެރި ވާހަކައެކެވެ: "ވަރަށް ގިނަ މީހުން އަހަރެން ކައިރީގައި ބުނި އިންމާން ނުނަގާނެޔޭ، އެހެން ބުނީމަ އަހަރެން ޗެލެންޖް ކުރުމުގެ ގޮތުންވެސް އިމްމާންއާ އެކު މަސައްކަތް ފެށީ. އެހެން ބުނި އެންމެންނަށް އަހަންނަށް ރައްދު ދެއްވިޖެ އިންމިގެ ފެންވަރު ސާބިތުކޮށް ދެވިއްޖެ،" މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމުން އިމްމާންއާ ބެހޭގޮތުން އަސްލަމް ބުންޏެވެ.

އަސްލަމް ބުނީ އިންމި އަށް ވެސް އޭނާ ޗެލެންޖެއް ކުރިމަތި ކުރި ކަމަށާއި އޭނާއަށް އެކަން ވާނެ ކަން ސާބިތުކޮށްދެމުންދާ ކަމަށެވެ.

"އަހަރެން ބުނިން އިންމިއޭ، އިންމިގެ ނަމޫނާ އަކަށް ބޭބެ [އިމްރާން] ބަލާށޭ، ރާއްޖޭގެ އެއް ވަނަ ކީޕަރަށްވުމަށް މަސައްކަތް ކުރާށޭ، ހަމަޔަގީން އޭނަ އަހަންނަށް ސާބިތުކޮށްދީފި އޭނާއަށް އެހިސާބަށް ދެވޭނެކަން އެ ކޮމިޓްމެންޓާއި އެ ޑިސިޕްލިން އިންމިގެ ކިބައިގައި އެބަހުރި." އަސްލަމް ބުންޏެވެ.

އަސްލަމް އަކީ ރާއްޖޭގެ އިތުރުން ސަރަހައްދުގައި ވެސް ފާހަގަ ކުރެވޭ ގޯލްކީޕަރު ޓްރެއިނަރެކެވެ. އެއީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު އީގަލްސްގެ ސުޖަން އެ ފެންވަރަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އަސްލަމް ކަމަށް ވުމުންނެވެ. ސުޖަންވެސް ވަނީ އަސްލަމް އަށް އެކަމުގެ ކްރެޑިޓް ހައްގުވާ ކަމަށް ބުނެފައެވެ.

އަސްލަމްއާ އިންމިގެ ކޮމިޓްމެންޓާ ބެހޭގޮތުން، އީގަލްސްގެ ހެޑް ކޯޗް އިހްސާން އަބުދުލް ގަނީ (ސާންތީ) ވެސް ބުނީ ޝައުގުވެރި ވާހަކައެވެ.

"އިންމާން އަޅުގަނޑުމެން ކައިރިއަށް އައިއިރު، އެއީ ބަރުދަނުގައި 70 ކިލޯ ހުރި ކުޅުންތެރިޔެއް މުބާރާތަށް ފިޓްކޮށް ޓްރެއިނިންތައް ކުރިއަށް ގެންދަންވީ ގޮތް އަސްލަމަށް އެނގޭނެ، އެކަން އޭނާ ރަނގަޅަށް ސާބިތުކޮށްދީފި ސުވާލެއް ވެސް ނެތް،" ސާންތީ ބުންޏެވެ.

އިންމިގެ ކާމިޔާބުގައި އެންމެ ހާއްސަ ފަރާތަކީ އޭނާގެ ބޭބެ އިމްރާންއެވެ. "އަސްލަމް ކޯޗަށް ފަހު، ދެން އެއްޗިހި އަހަނީ ބޭބެ ގާތުން ބޭބެގެ ސަޖެޝަނެއް އެއީ އަސްލަމް ކޯޗާއެކު މަސައްކަތް ކުރުން އެވޯޑަކީ ވަރަށް ބޮޑު ހިތްވަރެއް، ކޯޗްގެ އިރުޝާދާއެކު އިތުރަށް މަސައްކަތް ކުރާނަން" އިމްމާން ބުންޏެވެ.

އިންމާން ހޯދި ކާމިޔާބާ ބެހޭގޮތުން އިމްރާން ފޭސްބުކްގައި ބުނެފައިވަނީ އިންމިގެ ކާމިޔާބު ލިބުމުން އެކަމާ އެންމެ ބޮޑަށް އުފާވާނެ މީހަކީ އޭނާ (އިމްރާން) ކަމަށާއި ބަުރަ މަސައްކަތް ކޮށްފިނަމަ އިންމިގެ އަމާޒަށް ވާސިލުވުން އޮތީ މާދުރު ގައި ނޫން ކަަމަށެވެ.