ހޮލީވުޑް

ބީސްޓްސް އޮފް ނޯ ނޭޝަން: ޓްރޫ ޑިޓެކްޓިވް ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމު

މި ފިލްމުގެ ވާހަކަ ފެށުމުގެ ކުރިން އަދި އެއަށް ވުރެ ބޮޑު އެހެން ވާހަކައެއް އެބައޮތެވެ. ސިނަމާގެ ދުނިޔޭގައި އަތްގަދަކުރަމުން އަންނަ ނެޓްފްލިކްސް އިން މި ފިލްމު 12 މިލިއަން ޑޮލަރަށް ގަތުމުން ފިލްމުގެ ޝޯތައް ދެއްކުމަށް އެމެރިކާގެ ބޮޑެތި ސިނަމާތަކުން ދެކޮޅުހަދައިފި އެވެ.

އެއީ ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައިވާ ދުވަހު ނެޓްފްލިކްސް އެމީހުންގެ ސްޓްރީމިން އަށް ވެސް މި ފިލްމު ދޫކޮށްލާނެތީ އެވެ. މި ސަބަބާ ގުޅިގެން ވިޔަފާރި އަށް ބަލައި، ބޮޑެތި ސިނަމާތަކުން ވަނީ ފިލްމު ނުދައްކަން ނިންމައިފަ އެވެ.

ސިނަމާތަކުގައި މި ފިލްމުގެ ޝޯތަކެއް ނުދެއްކިއްޖެ ނަމަ ދިމާވާނެ މައްސަލަ އަކީ އަންނަ އަހަރުގެ އޮސްކާގެ ރޭހަށް ފިލްމަށް ނުނިކުމެވުމެވެ. އޮސްކާގެ ރޭހުން ފުރުސަތު ހޯދަން ފިލްމު ސިނަމާތަކުގައި ދެއްކުން މަޖުބޫރެވެ.

މިހާ ހިސާބުން ދެން ފިލްމުގެ ވާހަކަ އަށް އެނބުރި ގަންނަމާ ހިނގާށެވެ. މިއީ އެޗްބީއޯގެ ކާމިޔާބު ޑްރާމާ "ޓްރޫ ޑިޓެކްޓިވް" ގެ ޑައިރެކްޓަރު ކެރީ ފުކޫނާގާގެ އާ ފިލްމެވެ. ފުކޫނާގާ އަކީ "ޓްރޫ ޑިޓެކްޓިވް" އިން އެމީ އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ފަރާތެކެވެ.

"ސިން ނޮމްބާ" އާއި ރޮމޭންޓިކް ޑްރާމާ "ޖޭން އައިރީ" އަކީ ފުކޫނާގާގެ އަނެއް މަޝްހޫރު ދެ މަސައްކަތެވެ.

އޭނާގެ އާ ފިލްމު "ބީސްޓްސް އޮފް ނޯ ނޭޝަން" ގެ ތަރިއަކީ އިނގިރޭސި އެކްޓަރު އިދްރިސް އެލްބާ އެވެ. މިއީ ނައިޖީރިއާގެ ވާހަކަ ލިޔުންތެރިޔާ އުޒޯދިންމާ އައިވެއަލާ ހަމަ މި ނަމުގައި 2005 ވަނަ އަހަރު ނެރެފައިވާ ވާހަކައެއްގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގައި ދައްކުވައި ދެނީ ހުޅަނގު އެފްރިކާގެ ގައުމެއްގައި ހިނގާ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ބޮޑުވާ އާގޫ ނަމަކަށް ކިޔާ މީހެއްގެ އަނދިރި ދިރިއުޅުމެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ މިއީ އޮސްކާ އަށް ހާއްސަ ފިލްމެއް ކަމަށާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑްގެ ރޭހަށް އިދްރިސް އެލްބާ އަނެއްކާވެސް ނުކުންނާނެ ކަމަށެވެ. ނަމަވެސް ސިނަމާތަކުގައި ނުދެއްކޭ ނަމަ މި ފިލްމަށް އޮސްކާގެ ރޭހުން ޖާގައެއް ނުދޭނެ އެވެ.

އެހެންވީމަ ބެލެވޭ ގޮތުގައި މި ފިލްމުގެ ޝޯތައް ކުރިއަށް ގެންދާނީ އާޓް ހައުސް ފިލްމުތަކަށް ހާއްސަ ސިނަމާތަކެއްގަ އެވެ.

"ބީސްޓްސް އޮފް ނޯ ނޭޝަން" އަކީ ހަ މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ނެޓްފްލިކްސް އިން ޑްރާމާ އާއި ފިލްމުގެ އޮންލައިން ސްޓްރީމިން ވިޔަފާރިއާ އެކު ހޮލީވުޑަށް ވަދެފައިވާއިރު ޓީވީ ސީރީޒް އާއި ފިލްމު އުފެއްދުމުގައި ވެސް އެމީހުން ވަނީ ނިކަން ކުރިއަށް ޖެހިފައިވަ އެވެ. މި އަހަރު ވެސް އާ ސީރީޒެއް ގެނެސްދޭއިރު މި ފިލްމުގެ އިތުރުން އެމީހުން ވަނީ "ޖޭޑޮޓްވިލް" ނަމަކަށް ކިޔާ ހަނގުރާމަތީ ފިލްމެއް ވެސް ގަނެފަ އެވެ.