ރިޕޯޓް

899 ޓެކްސީ ހިދުމަތުގައި، އެކަމަކު ޓެކްސީއެއް ނުލިބޭ!

  • ޓެކްސީ ބޯޑަށް ބަދަލު ގެންނަނީ
  • ޝަކުވާތައް އަނެއްކާވެސް ފުނިޖެހިފައި
  • ގަވައިދު ތަންފީޒު ކުރަން އުނދަގޫ

މިއީ ޝަކުވާ އެވެ؛ ގަޑި ޖެހޭއިރުވެސް ޓެކްސީއެއް ނުލިބެ އެވެ. ވާރެވެހެންޏާ ޓެކްސީއެއް ހޯދުމަކީ ވާނެ ކަމެއް ނޫނެވެ. އެކަމަކު މަގުތައް ފުރާފައި ދުއްވަނީ ޓެކްސީއެވެ. ގަވައިދުތައް ވެސް އޮވެއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟

މާލޭގައި އެތައް ސަތޭކަ ޓެކްސީއެއް ހިދުމަތްދޭއިރު ޓެކްސީއެއް ނުލިބޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އަދި ޓެކްސީ ދަތުރުތައް ކުރާއިރު މަގުމަތިން އިތުރަށް މީހުން އަރުވާ ކުރިން އެރި މީހާއަށް އިސްކަން ނުދޭ މައްސަލައަކީ ވެސް މިހާރު ބޮޑުވެފައިވާ މައްސަލަ އެވެ.

"ގަޑިއަކަށް ތަނަކަށް ދާކަށް ޓެކްސީއަކަށް އަރާނެ ކަމެއް ނެތް. އެ ވަރިހަމަ ގުޅައިގެން ގެނައި ޓެކްސީއަކަށް ވިޔަސް." ޓެކްސީގެ ޝަކުވާ ކުރި މީހަކު ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އަނެއްކާވެސް ޓެކްސީތަކާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ޓެކްސީތަކުގެ ޝީޓުތައް ހަލާކުވެ، ބިއްލޫރިތައް ތަޅައިގެން ގޮސް އަދި ޓެކްސީއަށް އަރާއިރު އެ ޓެކްސީގައި ނުބައި ވަސްދުވާ ކަމުގެ ޝަކުވާތަކާއި ގަވައިދާ ހިލާފަށް މީހުން އެރުވުމުގެ ޝަކުވާތައް ހިމެނެ އެވެ.

"ޓެކްސީތަކަށް އެބަ އަރުވާ އެންމެ ފުރަތަމަ އަރާ މީހާގެ އިޒުނަ އާ ނުލައި އެހެން މީހުން. ގުޅައިގެންދާ ޓެކްސީ އޮންނަ އިރުވެސް. ގަޑި ނުޖެހި ތަނަކަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވޭ. ބައެއް ފަހަރު ޓެކްސީއަށް އަރުވަނީވެސް އެހެން މީހުން އަރުވާނަންތޯ އަހާފައި އަރުވަން ހުއްދަ ދިނީމަ. އެބަހުރި ދިމާވެފަ ބައެއް ފަހަރު އިތުރު މީހުން އަރުވަން ހުއްދަ ނުދިނީމަ ޑިކީގައި ހުންނަ ލަގެޖުތަކާއި އެއްޗެހި މަގުމައްޗަށް ބާލާ މައްސަލަތައް ވެސް. އެއީ ގަވާއިދާ ހިލާފް ކަންކަން،" ނާފިޒް ވިދާޅުވި އެވެ.

މިއަހަރުން ފެށިގެން ޓެކްސީތަކުގައި ބޯޑު ހަރުކޮށްފައިވާއިރު އޭގެ ބޭނުން ވެސް އެންމެ ފުރިހަމަ ގޮތުގައި ޑްރައިވަރުން ނުހިފާ މައްސަލަ ފާހަގަކުރެވެ އެވެ. ޓެކްސީ ދަތުރު ކުރަމުންދަނީ ހުސްކޮށް ކަން އަންގައިދޭން ފެހިކޮށް ބޯޑު ދިއްލާފައި ހުންނަންޖެހޭއިރު މީހުން ތިބި ނަމަވެސް ފެހިކޮށް ބޯޑު ދިއްލައިގެން ދުއްވުމުގެ ޝަކުވާ ވެސް ގިނަ އަދަދަކަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް މިހާރު ހުށަހަޅަ އެވެ.

"ފެހި ކުލައިން ދިއްލިފައި ހުންނަ ކަމަށް ވަންޏާ އަބަދުވެސް މަގުމަތިންދާ މީހުންނަށް މި ހީވަނީ އެއީ ހުސްކޮށްނޭ ދަތުރެއް ލިބިދާނެ ކަމަށް. އެއީ މީހަކު ގޮވައިގެންދާ ކަމުގައި ވަންޏާ ރަތް ކުލައިން ދިއްލިފައި މިހުންނަނީ. އެހެން ނަމަވެސް ވާގޮތަކީ މީހަކު ފޯނުކޮށްގެން ތަނަކަށް ދާ ދިއުމުގެ ތެރޭގައި މި އިންނަނީ ހަމަ ފެހި ކުލަ ދިއްލިފައި. ހަގީގަތަށް ބަލަންޏާ އެވަގުތު އެއިންނަނީ އޮން ހަޔާ. އެއީ ޓެކްނިކަލް މައްސަލައެކޭ އަޅުގަނޑު ދަންނަވާނީ. ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކުގައި ޓެކްސީ ބޯޑު ދިއްލިފައި ހުންނައިރު ހުންނާނެ އައުޓް އޮފް ސާވިސް، ނޫނީ އޮން ހަޔާ ނުވަތަ އޮން ކޯލް އެހުރިހާ އެއްޗެހިތައް. އެހެންވީމަ ކުރިއަށް އޮތްތަނުގައި ޓެކްސީ ބޯޑުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް." ނާފިޒު ވިދާޅުވި އެެވެ.

ޓެކްސީ ބޯޑުގެ މައްސަލައިގައި ޓްރެފިކް ފުލުހުން މިހާރުވެސް ފިޔަވަޅު އަޅަމުންދާ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

މަގުމަތީގައި 899 ޓެކްސީ

މާލޭގައި މިހާރު ރަޖިސްޓްރީކޮށްގެން 899 ޓެކްސީ ހިދުމަތްދެ އެވެ. ނަމަވެސް އުފެދޭނެ ސުވާލަކީ އެހުރިހާ ޓެކްސީތައް ހިދުމަތް ދޭއިރު ވެސް ޓެކްސީ ނުލިބޭ މައްސަލަ މެދުވެރިވަނީ ކީއްވެހެއްޔެވެ؟ އަދި އެންމެ ގިނަ ޝަކުވާގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅޭ މައްސަލައަކީ ވެސް ޓެކްސީ ނުލިބޭ މައްސަލަ އެވެ. އެހެންވަނީ ކީއްވެގެން ހެއްޔެވެ؟

އޮތޯރިޓީން ބުނި ގޮތުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޓެކްސީތަކުން ބަރާބަރަށް މާލޭގައި ހިދުމަތްދޭނަމަ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް އަންނާނެ އެވެ. އެއީ އެކަމަކު ކޮންމެ ޓެކްސީއެއް ވަކި ވަގުތެއް ވަންދެން ޓެކްސީ ހިދުމަތްދޭން ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަށް އަމަލު ކުރާނަމަ އެވެ.

ރަޖިސްޓާ ކޮށް ހިދުމަތް ނުދޭ ޓެކްސީތަކާއި މެދު ފިޔަވަޅު ނޭޅެނީ ކީއްވެގެން ހެއްޔެވެެ؟

"ޓެކްސީތައް އަދަދު ގިނަޔަސް އެ ހުރިހާ ޓެކްސީތައް ހިދުމަތްދޭން މަގުތަކުގައި ހަރާކްތްތެރި ނުވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ. ޓެކްސީ ސެންޓަރުތަކުން ކޮންމެ މަހަކުވެސް މަންތްލީ ރިޕޯޓެއް ހުށަހަޅަންޖެހޭ. ހުށަހަޅާ މަންތްލީ ރިޕޯޓުގައި މި އިންނަނީ ހުރިހާ ޓެކްސީއެއް ބަރާބަރަށް ހިދުމަތްދޭ ކަމަށް. ދެން މިޖެހެނީ ޓްރެފިކް ޕޮލިސް އާއެކު މާލޭގެ މަގުތަކަށް ނުކުމެ ބަލަން. އެއީ ޕްރެކްޓިކަލީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން" ނާފިޒު ވިދާޅުވި އެވެ.

ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރުވަނީ ސައިކަލު ޓެކްސީކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ދެ ފަރާތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދީފަ އެވެ. ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށަން ތައްޔާރުވެފައިވާއިރު ޓެކްސީގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 ރުފިޔާ އެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟