ހޮލީވުޑް

"ފޯލްޓް އިން އަވާ ސްޓާސް" ގެ ފޭނުންނަށް ހާއްސަ ފިލްމެއް

"ދަ ފޯލްޓް އިން އަވާ ސްޓާސް" އަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓެވެ. މި ރޮމޭންޓިކް ޑްރާމާގެ ކާމިޔާބީގެ ހުރިހާ ވެސް ޝުކުރެއް އޭގެ ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީން އަށެވެ.

ނަމަވެސް ޖޯން ގްރީންގެ އެންމެ މަޝްހޫރު ވާހަކަ އަކީ "ދަ ފޯލްޓް އިން އަވާ ސްޓާސް" އެއް ނޫނެވެ. ހެޒެލް އާއި އޮގަސްޓަސްގެ ވާހަކަ އަށް ވުރެ މާ ރީތި ވާހަކައެއް އޭނާގެ އެބައޮތެވެ.

އެ ވާހަކަ އަކީ ޖޯން ގްރީންގެ އަލަތު ވާހަކަ "ލުކިން ފޯ އެލަސްކާ" އެވެ. އެންމެން ވެސް ބުނަނީ ޖޯން ގްރީންގެ އެންމެ މޮޅު އަދި އެންމެ ރީތި ވާހަކަ އަކީ ވެސް މިއީ ކަމަށެވެ.

އެހެންވީމަ، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ފޭނުންނަށް އޮތް އުފާވެރި ޚަބަރަކީ މި ވާހަކަ އަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ޓީމަކީ "ފޯލްޑް އިން އަވާ ސްޓާސް" ވެސް ގެނެސްދިން ޓީމު ކަމެވެ.

"ލުކިން ފޯ އެލަސްކާ" އަށް ސްކްރީންޕްލޭ ތައްޔާރުކޮށްދޭނީ "ފޯލްޓް އިން އަވާ ސްޓާސް" އަށް ވެސް ސްކްރިޕްޓް ތައްޔާރުކޮށްދިން ސްކޮޓް ނިއުސްޓެޑާ އާއި މައިކަލް ވެބާ އެވެ.

މި ދެ ލިޔުންތެރިންނަކީ ލޯބީގެ މަޝްހޫރު ފިލްމު "500 ޑޭއިސް އޮފް ސަމާ" އަށް ވެސް ސްކްރިޕްޓް ތައްޔާރުކުރި ދެ މީހުންނެވެ. އެހެންވީމަ ޖޯން ގްރީންގެ އެންމެ މޮޅު ވާހަކަ އޭގެ ގޮތުގައި ގެނެސްދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

މީގެ 10 އަހަރު ކުރިން ގްރީން ޝާއިއުކޮށްފައިވާ "ލުކިން ފޯ އެލަސްކާ" އަކީ މައިލްސް ހޯލްޓާ ނަމަކަށް ކިޔާ ޒުވާން ފިރިހެން ކުއްޖަކާއި އެލަސްކާ ޔަންގް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެގެ ދެމެދުގައި ހިނގާ ކަންތައްތަކެއްގެ ވާހަކަ އެވެ. މައިލްސްގެ ހިތް އެލަސްކާ އަށް ބަންޑުންވެފައި އޮތް ނަމަވެސް އެލަސްކާގެ ހިތް އޮންނަނީ އަދި މުޅިން އެހެން ގޮތަކަށެވެ.

މި ވާހަކަ އަކީ އެމެރިކަން ލައިބްރަރީ އެސޯސިއޭޝަނުން ދޭ މައިކަލް އެލް ޕްރިންޓްޒް އެވޯޑް ހާސިލުކޮށްފައިވާ ފޮތެކެވެ.

އެންމެފަހުން ނެރުނު "އަ ފޯލްޓް އިން އަވާ ސްޓާސް" އަކީ ގްރީންގެ ހަ ވަނަ ދިގު ވާހަކަ އެވެ.