މީގެ ދެ އަހަރު ކުރިން މާލޭގެ ހާލަތު އޮތް ގޮތް ބަލަން ހިނގާށެވެ. މެންދުރުގެ ގަދަ އަވި ނިއްވާލުމުން އާއިލާއާއި އެކު މަޖާކޮށްލައި ހިތް ފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލަން ދާން އޮންނާނީ މައިގަނޑު ތިން ދިމާއެކެވެ. އެއް ކަމަކީ ހެންވޭރު ކޮޅުގައި އޮތް އާ ކަމެއް ނެތް އާޓިފިޝަލް ބީޗަށް ވަނުމެވެ. ނޫނީ ސައިކަލުގައި ބުރެއް ޖަހަން ނިކުތުމެވެ. ދެން ދާން ޖެހޭނީ އެއްގޯސްވެފައިވާ ކުޑަކުދިންގެ ބަގީޗާއަށެވެ. ބައި ބޯވެފައިވާ މާލޭގައި އެންމެނަށް ވެސް އޮތީ މި ގޮތެވެ. މާލޭގެ އިޖްތިމާއީ ވެށި ބަދަލުވެފައިވާ ގޮތުން ހިތް ފަސޭހަ ކަމާއެކު ނޭވާލާ އަރާމުކޮށްލަން މަޑުކޮށްލާނެ ގޮތެއް އޮތީ ނެތިފަ އެވެ. އޭގެ ސަބަބުން އިޖުތިމާއީ ދާގަނޑުގެ ތެރެއަށް އިތުރުވާ މައްސަލަތައް މަޑުމަޑުން މަޑުން ދަނީ ބޮޑުވަމުންނެވެ.
މިހާރު ހިސާބަކަށް ތަފާތު ވެއްޖެ އެވެ. އިޖްތިމާއީ ގުޅުން ބަދަހިކޮށްލައި ވާހަކަ ދައްކާލައި ހިތް އުފާކޮށްލަން ކުދިން ގޮވައިގެން ވަންނާނެ މައިޒާންތައް މިހާރު މާލެއަށް ވަނީ އިތުރު ކުރެވިފަ އެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ޕާކުތައް އެބަހުއްޓެވެ. ކުދިން ގޮވައިގެން ދާނެ ޗޮއިސް އެބައޮތެވެ. މިދިޔަ ހަފްތާ ތެރޭގައިވެސް ވަނީ މާލޭގައި ތަފާތު އާ ތިން ޕާކެއް އާންމުނަށް ހުޅުވާލާފަ އެވެ.
"ވަރަށް އުފާވެއްޖެ. ހަގީގަތުގައި މިކަހަލަ ޕާކުތައް އައިމަ ކުދިން ގޮވައިގެން ބޭރަށް ވެސް ނިކުމެލާ ހިތްވޭ މިހާރު، އެހެން ނޫން ނަމަ އެ ކުދިން ގެންގުޅެން ޖެހޭނީ އަބަދު ގޭ ތެރޭގައި. މިހާރު މި ޕާކަށް ގެނެސް ކުޅެން ދޫކޮށްލީމަ އެ ކުދިން ތިބެނީ އުފަލުން އަބަދު އެއްތަނަކަށް ގޮވައިގެން ދާންޖެހޭތީ ކުދިން ވާ ފޫހިވެސް ކުޑަވެއްޖެ،" މިދިޔަ ހަފްތާގައި މާލޭ ކާނިވާ ސަރަހައްދުގައި އަލަށް ހެދި އިސްކަންދަރު މައިޒާނުގައި ކުޑަ ދަރިފުޅާއެކު އިން މަންމައަކު ބުންޏެވެ.
މާލޭގެ ހުސް ބިންތައް ހިތް ފަސޭހަ މައިޒާންތަކުގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހައުސިން މިނިސްޓްރީއިން އަލަށް ހުޅުވީ އިސްކަންދަރު މައިޒާނާއެކު ދެން ހުޅުވައިލީ ރެހެންދި މައިޒާނައި ހިއްތަން މައިޒާނެވެ. އެ މައިޒާންތައް ހުޅުވި ދުވަހު އާއިލާތައް ވަދެ ޕާކުތައް ފުރާލި އެވެ. އެ މަންޒަރުން އެފަދަ ތަފާތު މައިޒާންތަކަށް އާއިލާއް ބޭނުންވެފައިވާ ކަން އެނގޭވަރުވި އެވެ.
ތުއްތުކުދިންގެ ހިތް އެންމެ ބޮޑަށް ދަމައިގަތް އެއްތަނަކީ އިސްކަންދަރު މައިޒާނަށެވެ. އެތަނުގައި ހުއްޓިލައިގެން ހުންނަ އިރު ފެންނަނީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. އެތަނަށް ވަދެ ދުއްވައިގަންނަ ކުދިންނަށް އެންމެ ކަމުދަނީ "މޯލްޑިވިއަން" ފްލައިޓްގެ ސިފައިގައި ދޫކޮށްލާފައިވާ އަދި ދެންމެ ދެންމެ އުދުއްސައިގެންފާނެ ހެން ހީވާ ކުދި ސަވާރީތަކެވެ. އެއަށް އަރާ ދުއްވާލުން އެކުދިންނަށް ވަނީ ވަރަށް އުފާވާ އަދި އެހާ މަޖާކަމަކަށެވެ. އޭގައި އެކުދިން އެހެން ދުނިޔެއަކަށް ގެންގޮސްދޭހެން ހީވެ އެވެ.
"އަޅުގަނޑުގެ ދަރިފުޅު މި ކުދި ފްލައިޓުތަކުން ފައިބާކަށް ވެސް ބޭނުމެއް ނުވޭ. އެހެންނުވާނީ މީގެ ކުރިން މާލެއިން މިކަހަލަ އެއްޗެހި ނުފެންނާތީ. ވަރަށް ކަމުދޭ މިތަން އަދި މި އާދެވުނީ އަލަށް ހުޅުވި ތިން ޕާކުން އެއް ޕާކަށް،" އެހެން މަންމައަކު އިސްކަންދަރު މައިޒާނުގައި މަޑު ކޮށްލައިގެން ހުރެ ބުންޏެވެ.
ކާނިވާ ސަރަހައްދުގެ އިސްކަންދަރު މައިޒާނަކީ އައިލެންޑް އޭވިއޭޝަނުން ފަންޑު ކޮށްގެން ހައުސިން މިނިސްޓްރީގެ މުވައްޒަފުން ތަރައްގީ ކުރި ވެއްޓެކެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ކުޑަކުދިންނާއި އާއިލާތަކާއި ޒުވާނުންގެ އިތުރުން އެކި އުމުރު ފުރާތަކުގެ ހުރިހާ ފަރާތްތަކަށް ދުޅަހެޔޮކަމާއި ފާގަތިކަން ގެނެސްދިނުމަށްޓަކައި ކުރިއަށް ގެންދަވާ ތަފާތު ގިނަގުނަ މަޝްރޫއުތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެކެވެ. އޭގެ ފައިދާ މާލެގެ އިޖުތިމާއީ ވެއްޓަށް ކުރާނެ ކަމަށް މިނިސްޓަރު ދެކެ ވަޑައިގަންނަވަ އެވެ.
"މި ހުޅުވި ޕާކްތަކަކީ ރައްޔިތުންނަށް ފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ހޯދައިދޭނެ މާހައުލުތައް މާލެއަށް ހެޔޮ ބަދަލުތައް ގެންނަން އަޅުގަނޑުމެން ކުރިން ވެސް ވާނީ ގިނަ ޕާކުތައް ހުޅުވާފައި. އަދި ބައެއް ހަނިމަގު ހިނގާފައި އުޅޭގޮތަށް ވެސް ބަދަލުކޮށްފައި. މިއީ މާލޭގެ ހާލަތު ރަނގަޅު ކުރުމަށް ރައީސް [ޔާމީން] އިސްނަންގަވައިގެން ކުރިޔަށް ގެންދާ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި އަލަށް ހުޅުވި ތިން ޕާކުގައި ފާހަގަކޮށްލެވޭ ތަފާތެއް ވެއެވެ. މި ތިން ޕާކަކީ ވެސް އެންމެނަށް ހުޅުވިފައިވާ އެކަމަކު ތަފާތު ބޭނުމުގައި ހެދި ތަންތަނެވެ.
މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން މަޝްހޫރު ސޯސަންގޭގައި ތަރައްގީ ކުރި ރެހެންދި މައިޒާނަކީ ކޮލެޖުގެ ތަކުގައި ކިޔަވާ ދަރިވަރުންނަށާއި ޒުވާނުންނަށް ހާއްސަކޮށްފައިވާ ހިތްގައިމު މާހައުލެކެވެ. ޒުވާން ކުދިން އެ މައިޒާނުގެ ބޭނުން ހިފަން ވަނީ ފަށާފަ އެވެ. އެއީ ވެސް ހިތަށް ފަސޭހަކަށް ގެނެސްދޭ މަންޒަރެކެވެ. ކިޔަވާ ކުދިންނަށް މިފަދަ މާހައުލެއް ކޮންމެހެނެ ބޭނުމެވެ.
ރެހެންދި މައިޒާނަށް ވަދެ އެތަނަށް ބަލައިލާއިރު ގިނައިން ހުރީ އިށީންދެލައިގެން ތިބެން ހަދާފައި ހުރި ބެންޗުތަކާއި ފަސޭހަ ޖޯލިތަކެވެ. އޭގެ އިތުރުން ކޮލެޖުތަކުގެ ކުދިން ގްރޫޕް ވެލައިގެން ތިބެވޭ ގޮތަށް އެ މައިޒާނުގެ މެދުގައި ހާއްސަ ހިޔަލެއް ހަދާފައި ވެއެވެ. އެތަނަށް ވަދެ އިން އެއްކުޖަކު ބުނީ އެއީ "އެއީ ވަރަށް ބޭނުންތެރި ކަމެއް" ކަމަށެވެ.
"މިވަގުތު މިއައީ މިތާ ކައިރީ އަޅުގަނޑުގެ ގެ ހުންނާތީ ހަމަ މިތާނގައި މަޑުކޮށްލަން. ކާފަދަރި ގޮވައިގެން މިތާ މަޑުކޮށްލީމާ އެކުއްޖާވެސް ވަރަށް ހިތް ހަމަޖެހޭ. މިކަހަލަ ޕާކުތައް އަދިވެސް ގިނަ ކުރަން ޖެހޭނެ،" ރެހެންދި މައިޒާނުގައި ހުރި އެހެން މީހަކު ބުންޏެވެ.
ދެން އޮތީ ހިއްތަން މައިޒާނެވެ. މިއީ އަމީނިއްޔާ އާއި އިސްކަންދަރު ސްކޫލުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސްކޫލު ނިމުމުން އެތަނަށް ކުދިން ބަލާ ދާ ބެލެނިވެރިންނަށް ހާއްސަތަނެކެވެ.
ހައުސިން މިނިސްޓްރީއިން ބުނި ގޮތުގައި އެ ސަރަހައްދުގައި ގިނަ ސްކޫލުތަކެއް ހުރެފައި ބެލެނިވެރިންނަށް އަރާމުގައި ތިބެވޭ ގޮތަށް އެ މައިޒާން ތަރައްގީ ކުރުމުން ސްކޫލް ގަޑިތަކުގައި ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ އެވެ.
ހިއްތަން މައިޒާނަށް ވަދެ ބަލާލުމުން ވެސް އެކަން އެނގެ އެވެ. ދާރުލް އާސާރު ކައިރީ ހުންނަ ބޮޑު ނިކަގަސް ވަށައި ދަމާލާފައި ވަނީ ބެންޗު ބަރި ހަމަ އެއީ ވަރަށް ހަބޭސް ތަނެކެވެ. ފެހި ވިނަ ހައްދާލާފައި އޮންނަ އެ މައިޒާނުގައި ވެސް ގިނަ އަދަދެއްގެ މީހުނަށް ތިބެވެ އެވެ. މިއީ ސްކޫލް ދޮަށަށް ދާ ބެލެނިވެރިންނަށް ވަރަށް ފަހި ތަނެކެވެ. އިޖުތިމާއީ ގުޅުންތައް ވަރަށް ބޮޑަށް އާލާ ކޮށްދޭނެ ތަނަކަށްވާނެ އެވެ.
"މިހުރީ މިތާ ކައިރި ފިހާރައެއް ހުޅުވާލަންދެން މަޑުކޮށްލައިގެން. ވަރަށް ފަސޭހަ މިތަން މިގޮތަށް ބަދަލުވެގެން ދިއުމުން ސްކޫލު ނިމެންދެން ވެސް މިހެން މަޑުކޮށްލާކަށް މިތަން ފޫއްސެއް ނޫން. ރަހުމަތްތެރިންނާ ބައްދަލުވެ ވާހަކަ ދައްކާލަން ވެސް މަޑުކޮށްލަން އެންމެ ރަނގަޅު މިތަން" ހިއްތަން މައިޒާނުގައި ހުރި މީހަކު ބުންޏެވެ.
މާލޭގައި ހުޅުވަމުންދާ ގިނަ ޕާކްތަކާއި މައިޒާންތަކުގެ ތެރެއަށް އާ ތިން މައިޒާން ހުޅުވައިލުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ހާސްކަމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ބައެއް ސަބަބުތައް ހުރެގެން މީހަކު ފާޑެއް ކިޔަސް މިއީ އިޖުތިމާއީ ވެއްޓަށް އައި ތަރައްގީއެކެވެ. މި ޕާކްތައް ހަރުދާނާ އުސޫލެއްގެ ތެރެއިން ފަރުވާ ކުޑަކޮށް ނުލައި ބަލަހައްޓައިފިނަމަ އަދި އިތުރު ހިދުމަތްތައް އެތަން ތަނަށް ގެންގޮސްފިނަމަ އޭގެ ފައިދާ މުޖުތަމައިގެ ތެރެއިން ފެންނާނެ އެވެ. އޭރުން މީގެ ދެ އަހަރު ކުރިން މާލޭގެ އިޖުތިމާއީ ވެށީގައި މީހުނާއި ކުދިންނާއި އާއިލާތައް ބޯ ހާސްވެގެން އުޅުނު އުޅުމަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެނެވޭނެ އެވެ.