ބޮލީވުޑް

"ކާބިލް" ގައި ޔާމީގެ 30 މިނިޓުގެ ރޯލެއް!

Oct 25, 2016

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމީގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ކާބިލް" ގެ ޝޫޓިން ވަނީ ޝެޑިއުލްކުރެވިފައިވާ ތާރީހަށްވުރެ ކުރިން ނިމިފަ އެވެ.

ކަނޑައަޅާފައިވާ ތާރީހުގެ 11 ދުވަސް ކުރިން ޝޫޓިން ނިންމާލެވުނު ފިލްމުގެ ފުރަތަމަ ޓީޒާ ވެސް އާންމުކޮށްފައިވާއިރު، ފިލްމު އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްވާނީ ޝާހްރުކް ޚާންގެ "ރައީސް" އާ އެއްދުވަހެއްގަ އެވެ.

ތްރިލާ މި ފިލްމުގައި ރިތިކް އާއެކު ބަތަލާގެ ރޯލުން ޔާމީ ފެނިގެންދާއިރު، މިފިލްމުގައި އޭނާގެ ރޯލު ކުޑަ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިތިކްގެ ލޯބިވެރިޔާ އަދި އަންހެނުންގެ ރޯލުން ޔާމީ ކުޅެފައިވާއިރު އޭނާގެ ފެނިގެންދާނީ ފިލްމުގެ ފުރަތަމަ ހާފްގައި ކަމަށްވެ އެވެ. ފުރަތަމަ ހާފްގައި ހިނގާ އެކްސިޑެންޓެއްގައި އޭނާ މަރުވާއިރު އެއެކްސިޑެންޓްގައި ރިތިކްގެ ލޮލުގެ ފެނުން ގެއްލެ އެވެ.

އަދި ފިލްމުގެ ދެވަނަ ހާފްގައި ފެނިގެންދާނީ ރިތިކް އޭނާގެ އަންހެނުންގެ މަރަށް ބަދަލުހިފާ ގޮތެވެ.

މިިދިޔަ އަހަރުގެ ކުރީކޮޅު ނިކުތް "ބަދްލާޕޫރް" ގައި ޔާމީ ކުޅެފައިވާ ރޯލުގައި ބަޔަކު އޭނާ މަރާލުމުން އެކްޓަރު ވަރުން ދަވަން ބަދަލު ހިފާތަން ފެނިގެންދެ އެވެ. އެފިލްމުގައި ޔާމީ ކުޅެފައިވާ ރޯލަށް ވުރެން "ކާބިލް" ގައި ކުޅެފައިވާ ރޯލު ބޮޑެވެ. އެއީ ގާތް ގަނޑަކަށް 30 ވަރަކަށް މިނެޓް ކަމަށްވެ އެވެ.

"ކާބިލް" އަކީ ލޯ އަނދިރި ފިރިއަކު އޭނާގެ އަންހެނުންގެ މަރުގެ ބަދަލުހިފާ ގޮތް ފެނިގެންދާ ފިލްމެކެވެ.

ޔާމީ މިފިލްމުގައި ކުޅެފައިވާ ރޯލު ފުރަތަމަ ހުށަހަޅާފައިވަނީ ޕަރިނީތީ ޗޯޕްޅާ އަށެވެ. ނަމަވެސް ބަތަލާގެ ރޯލު ކުޑަވެ، ފިލްމުގެ މުޅި ވާހަކަ ރިތިކް އަށް ނިސްބަތްކޮށްފައިވާތީ އޭނާ ވަނީ މިފިލްމަށް ނޫނެކޭ ބުނެފަ އެވެ.

ޕަރިނީތީ މިފިލްމު ދޫކޮށްލުމުން ޔާމީ ފިލްމުގެ ބަތަލާގެ ރޯލަށް ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ހަމަޖެއްސީ އެހާ މަޝްހޫރު ނޫން މޫނެއް އެރޯލަށް ލުމަށެވެ.

"ވިކީ ޑޮނާ" އިން ބޮލީވުޑަށް ތައާރަފުވި ޔާމީ އަށް މިހާތަނަށް މާކާމިޔާބު ފިލްމުތަކެއް ކުޅެވިފައިނެތް އިރު، އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ގޮސްފައިވަނީ ފެއާ އެންޑް ލަވްލީގެ އިޝްތިހާރުތަކުން ފެންނަ މޫނެއްގެ ގޮތުގަ އެވެ.