ބޮލީވުޑް

"ޕަދްމާވަތީ" އާ ގުޅިގެން ރަންވީރާއި ޝާހިދު މައްސަލައެއް ނުޖެހޭ

Oct 26, 2016

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އެންމެ އުންމީދީ ފިލްމު "ޕަދްމާވަތީ" އިއުލާންކުރި ހިސާބުން ފެށިގެން އެފިލްމުގެ ތަރިންނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ވަނީ ދެކެވިފަ އެވެ.

ބަންސާލީގެ އެންމެ ފެވަރިޓް ދެތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން މުހިންމު ރޯލަކުން އެހެން ތަރިއެއް ފެނިގެންދާނެކަން ވެސް އޮތީ ޔަގީންވެފަ އެވެ.

އެރޯލު ޝާހިދު ކަޕޫރަށް ހުށަހަޅައި އޭނާ މިފިލްމު ކުޅެން އެއްބަސްވި ހިސާބުން ރަންވީރާ އޭނާއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ޝާހިދު މިފިލްމުގައި ކުޅެނީ ދިޕިކާގެ ފިރިމީހާގެ ރޯލު ކަމަށްވާއިރު ދިޕިކާ އާއެކު ޝާހިދުގެ މާގިނަ މަންޒަރުތަކެއް ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހި ރަންވީރު ވަނީ ބަންސާލީ ކުރިން ޝާހިދުގެ ރޯލު ކުޑަކުރަން އެދިފަ އެވެ.

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ ރާނީ ޕަދްމިނީ (ޗިތޯރްގެ ކިންގް ރަތަންސޭން ގެ އަނބިކަނބަލުން) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިފިލްމުގައި ދިޕިކާ ރާނީ ޕަދްމިނީގެ ރޯލުކުޅޭއިރު، އޭނާގެ ފިރިމީހާގެ ރޯލު ކުޅެނީ ޝާހިދެވެ. އަދި ރާނީ ޕަދްމިނީއާ ހެދި މޮޔަވެފައި ހުންނަ އަލާއުއްދީން ކިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރެވެ.

ދިޕިކާ އާއެކު މިފިލްމުގެ ޝޫޓިން މިދިޔަ ހަފްތާގައި ފަށާފައިވާއިރު ފިލްމުގެ އެންމެ ފުރަތަމަ ނަގަމުން އަންނަނީ ދިޕިކާ އެކަނި ހިމަނައިގެން ނަގާ ލަވަތަކެއްގެ މަންޒަރުތައް ނަގަމުންނެވެ.

ރަންވީރާއި ޝާހިދާ ޖެހުނު މައްސަލަތައް ހައްލުނުވެ، ޝާހިދު މިފިލްމު ދޫކޮށްލާނެ ކަމަށް ބަންސާލީ ކައިރިވެސް ބުނި ކަމަށްވާއިރު އެންމެފަހުން ޝާހިދު މިވަނީ އޭނާއާ ރަންވީރާ ދެމެދު މިފިލްމުގެ ރޯލާ ގުޅިގެން އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ބުނެފަ އެވެ.

ޝާހިދު ވަނީ މިފިލްމުގެ ދެބަތަލުންގެ ކޯޅުމާ ގޮތުން ދައްކާފައިވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި މިފިލްމުގެ ސަޕޯޓިން ރޯލަކުން އޭނާ ފެނިގެން ދިއުމަކީ އޭނާގެ ކެރިއަރަށް ހުރަހެއް ކަމަށް ނުދެކޭ ކަމަށް ބުނެފަ އެވެ.

"މިފިލްމަކީ ވަރަށް ވަރުގަދަ ތިން ކެރެކްޓާއެއް ފެނިގެންދާނެ ފިލްމެއް. ތިން ތަރިން ކުޅޭ ރޯލު ވަރަށް ތަފާތ. ދިޕިކާ ކުޅެނީ ވަރަށް ސަޅި ރޯލެއް. އަދި އަހަންނާ ރަންވީރު ވެސް ކުޅެނީ ވަރަށް މޮޅު ދެރޯލު" ޝާހިދު ބުނެފައިވެ އެވެ.

"އުޅްތާ ޕަންޖާބު" ގައި މޮޅު އެކްޓިންއެއް ދައްކާލާފައިވާ ޝާހިދު ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާ އަށް "ޕަދްމާވަތީ" އިން ރާޖާ ރަތަން ސިންގްގެ ރޯލު ކުޅެން ލިބުނު ނަމަވެސް ކުޅޭނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ މިފަދަ ފިލްމަކުން ލިބޭ ފުރުސަތެއް ދޫކޮށްލުމަކީ ކުރެވޭނެ އެންމެ މޮޔަ ކަންތައްކަމަށް ވެސް ޝާހިދު ވަނީ ބުނެފަ އެވެ.

"މިިފިލްމުން ފުރުސަތެއް ލިބުނީތީ ވަރަށް އުފާކުރަން. ބަންސާލީ ކަހަލަ މޮޅު ފިލްމު އުފައްދާ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބުމަކީ ވެސް އުފަލެއް" ޝާހިދު ބުނެފައިވެ އެވެ.