ރާއްޖެ ކުޅިވަރު

ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް

Oct 25, 2016

ޒެފްރޯލް ބަލިކޮށް ދެ ވަނަ ޑިވީޝަންގެ ޗެމްޕިއަންކަން ހޯދައި ކުލަބު ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ޑިވިޝާނުން ޖާގަ ލިބުމާއެކު އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ގްރީންސްޓްރީޓް ވާދަ ކުރާނެއެވެ. މުބާރާތް ގްރީން ސްޓްރީޓް ކާމިޔާބު ކުރީ، ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް، ގްރީން ސްޓްރީޓް ކާމިޔާބު ކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ ޒެފްރޯލްގެ ބިދޭސީ ކުޅުންތެރިޔާ ޖަންޖުސް މިލްޑްރޯޑެވެ. ޒެފްރޯލްގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ.

މެޗްގެ 30 ވަނަ މިނެޓްގައި ގްރީންސްޓްރީޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާއިލް ޝިޔާހް އެވެ. ޖަންޖުސް ޒެފްރޯލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 47 ވަނަ މިނެޓްގަ އެވެ.

މެޗްގެ 69 ވަނަ މިނެޓް ގައި ގްރީންސްޓްރީޓަށް، ނަތީޖާ އަލުން ހަމަހަމަ ކޮށްދިނީ، ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކަށް ކުރިން ކުޅުނު ޝިނާޒު ހިލްމީ އެވެ.

ގްރީން ސްޓްރީޓަށް ލީޑް ނަގައިދިން ލަނޑުވެސް މެޗްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޝިނާޒު އެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިފްޝާންއެވެ. ފަސް ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ރިޒުވާން އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ، ވާލިދު އިދުރީސް އެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ކުޅެފައިވާ ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަން މަންސާރީއެވެ.

ފައިނަލުން ބަލިވި ޒެފްރޯލް، ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމަށް، ޕްލޭއޮފް ގައި ވާދަ ކުރަން ޖެހޭނީ ދިވެހި ލީގްގެ ހަތް ވަނަ އަށް ދިޔަ ވިކްޓްރީއާ ދެކޮޅަށެވެ.ޕްލޭއޮފްގެ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ދެ ވަނަ މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.