ދުނިޔެ

ސިޔާސީ ކަތިލުންތައް ހުއްޓުވަން ޖެހޭ: ޕުޓިން

Mar 5, 2015

ރަޝިޔާގައި ސިޔާސީ މީހުންނަށް ހަމަލާދީ މެރުމުގެ އަމަލުތައް ހިނގުމަކީ ނުބައި ލަދުވެތި އަމަލެއް ކަމަށާއި އެފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސަރުކާރާ ދެކޮޅު ސިޔާސީ ލީޑަރު ބޮރިސް ނެމްސޯވް އަވަހާރަކޮށްލުމުން ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ޕުޓިން ވިދާޅުވީ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވަން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ 55 އަހަރުގެ ނެމްސޯވް އަވަހަރާކޮށްލާފައި ވަނީ އޭނާގެ ލޯބިވެރިޔާއާ އެކު ބްރިޖެއްގެ މަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު މީހަކު ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ. އޭނާގެ ޖަނާޒާ އަންގާރަ ދުވަހު ވަނީ ބާއްވައިފަ އެވެ.

"ވެރިކަންކުރާ ރަށް މޮސްކޯގެ މެދުގައި މިފަދަ ލަދުވެތި ނުބައި އަމަލުތައް ހިންގުމުން މި ގައުމު ސަލާމަތް ކުރުމަކީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު މި ދަންނަވަނީ ބޮރިސް ނެމްސޯވްގެ އަނިޔާވެރި މަރުގެ ވާހަކަ،" ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަވަހާރަކޮށްލާފައި ވަނީ ސަރުކާރާ ދެކޮޅު އެއްވުމަކަށް ތައްޔާރުވެ ވަޑައިގަންނަވަނިކޮށް ކަމަށް ވާތީ ބައެއް ފަރާތްތަކުން ދަނީ މި މަރާ ސީދާ ޕުޓިންއާ ގުޅުވަމުންނެވެ. އަދި މި މަރާ ސަރުކާރާ ނުވަތަ ސަރުކާރަށް ތާއީދުކުރާ ޖަމާއަތްތަކާ ގުޅުވައި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ. -- ބީބީސީ