ބޮލީވުޑް

މަންމަގެ އުފަންދުވަސް ފާހަގަކުރަން އާލިއާ ރާއްޖެއަށް

Oct 25, 2016

ޒުވާން ބަތަލާ އާލިއާ ބަޓްހެ މަންމަގެ 60 ވަނަ އުފަންދުވަސް ފާހަގަ ކުރަން އާއިލާއާއެކު ރާއްޖެ އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މަންމަ ސޯނީ ރަޒްދާންގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވާ ކަމަށް އާލިއާ ބުނެފައިވަނީ ވޯގް ބީއެފްއެފް ޝޯގައި އޭނާގެ ބައްޕަ، މަހޭޝް ބަޓް އާއެކު ބައިވެރިވެ ވާހަކަދައްކަމުންނެވެ.

މި ޝޯގައި އެ މަޖައްލާގެ އަދަދެއްގެ ކަވަރުގައި އާލިއާ އާއި ސިދާތް މަލްހޯތުރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯ ވެސް ދައްކާލާފައިވާއިރު އާލިއާ ވަނީ މިއަދު އުފަންދުވަސް ފާހަގަކުރާ އޭނާގެ މަންމަ އާއި ބައްޕައަށް ރާއްޖެއިން ޗުއްޓީ ދަތުރެއް ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެ ޝޯގެ ހޮސްޓް ސިދާތް އާއި އާލިއާ ރާއްޖޭގައި ނަގާފައިވާ ފޮޓޯ ދައްކާލުމުން މަހޭޝް ވަނީ ފޮޓޯ ވަރަށް ރީތި ކަމަށާއި އެފޮޓޯ އަކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއްކަން ހަނދާންކޮށްދީފަ އެވެ. އެ ފޮޓޯ އަކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއްކަން ހަނދާންކޮށްދިނީ ކީއްވެގެންތޯ އެހުމުން އާލިއާ ވަނީ މަންމަ އުފަންދުވަސް ފާހަގަކުރަން ޗުއްޓީ އަކަށް ރާއްޖެ ދާން ނިންމާފައިވާތީ ކަމަށެވެ.

އާލިއާ މަންމަގެ އުފަންދުވަހަކީ މިއަދު ނަމަވެސް އޭނާ އާއިލާ އާއެކު ރާއްޖެ އައި ކަމެއް އަދި ޔަގީނެއްނުވެ އެވެ. ޗުއްޓީ އަކަށް ރާއްޖެ އައި ކަމެއް އޭނާގެ އެއްވެސް ސޯޝަލް މީޑިއާގެ އެކައުންޓެއްގައި ވެސް އަދި ހާމަކޮށްފައިނުވާއިރު ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވާ ރިސޯޓެއް ވެސް އަދި ނޭނގެ އެވެ.

އާލިއާ މިހާރު އަންނަނީ ސުޕަސްޓާ ޝާހްރުކް ޚާނާ އެކު ކުޅެފައިވާ "ޑިއާ ޒިންދަގީ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.